ޓިއުޝަންދޭ މީހުންނަށް އަމާޒުކޮށްގެން ރާއްޖެ އޮންލައިން (އާރްއޯއެލް) އިން ތައާރަފްކުރި އޮންލައިން "ލާނިން މެނޭޖްމެންޓް ސިސްޓަމް (އެލްއެމްއެސް) - ޓިއުޓާސް" ގެ ހިދުމަތް ބޭނުންވާ މީހުން އޭގައި ބައިވެރިވާން މިއަދު ހުޅުވާލައިފި އެވެ.

އަޖުމަ ބެލުމަށް މި ސިސްޓަމް ދެ ހަފުތާ ވަންދެން ހިލޭ ބޭނުންކުރެވޭނެ ކަމަށް އާރްއޯއެލް އިން ބުންޏެވެ. މި ސިސްޓަމް ބޭނުންކޮށްގެން އެއްފަހަރާ 10 ދަރިވަރުންނަށް ކިވައިދެވޭނެ އެވެ.

މިއީ ކޮވިޑް-19 ފެތުރޭތީ، ކިޔަވައިދޭން ދަތިތަކާ ކުރިމަތިވެފައި ވާތީ، ރައްކާތެރިކަމާ އެކު ފަސޭހައިން ކިޔަވައިދެވޭނެ އިންތިޒާމެއް ހަމަޖައްސައިި ދިނުމުގެ ގޮތުން އާރްއޯއެލް އިން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އަމިއްލަ އަށް ކިޔަވައިދޭ ކޮންމެ މީހަކަށް ވެސް މި ޕްލެޓްފޯމް ފަސޭހައިން ބޭނުންކުރެވޭނެ ކަމަށް އާރްއޯއެލްގެ ޑިރެކްޓަ އޮފް ކޮމާޝަލްސް މުހައްމަދު ޖިނާހު އިބްރާހިމް ވިދާޅުވި އެވެ. މި ޕްލެޓްފޯމް ތައްޔާރުކޮށްފައި ވަނީ އެ ދުވަހެއްގެ ފިލާވަޅުތައް ފަސޭހައިން ކިޔަވައިދިނުމުގެ އިތުރުން ދަރިވަރުންގެ ސުވާލުތައް އޮޅުންފިލުވައި ދެވޭނެ ގޮތަށެވެ.

"ޓިއުޝަން ޓީޗަރުންނާއި ގުރްއާން ޓީޗަރުންނާއި ކޭކުއަޅާ ގޮތް ދަސްކޮށްދޭ މީހުންނަށް ވެސް މި ޕްލެޓްފޯމް ބޭނުންކޮށްގެން ކިޔަވައިދެވޭނެ. ކޮންމެހެން ކްލާހަކަށް ނުގޮސް ގޭގައި ހުރެގެން ކިޔަވައިދެވޭނެ ގޮތް ހަމަޖައްސައިދެނީ،" ޖިނާހު ވިދާޅުވި އެވެ.

އެލްއެމްއެސް - ޓިއުޓާސް އިން ލިބޭ ބައެއް ހިދުމަތްތައް

- ވީޑިއޯ ކޮންފަރެންސް ކުރެވޭނެ

- ޕަވާޕޮއިންޓް ޕްރެސެންޓޭޝަން އޮންލައިންކޮށް ހުށަހެޅޭނެ

- އިލެކްޓްރޯނިކް ވައިޓްބޯޑު ބޭނުންކޮށްގެން ކިޔަވައިދެވޭނެ

- ފިލާވަޅުތަކުގެ ވީޑިއޯ ރިކޯޑްކޮށް އަޕްލޯޑްކުރެވޭނެ

- ދަރިވަރުންނަށް ފިލާވަޅުދީ، މެނޭޖްކުރެވޭނެ

މިއީ އެ ކުންފުނީގެ ޑޭޓާ ސެންޓަރުގައި ގާއިމްކޮށްފައިވާ ސިސްޓަމެއް ކަމަށް ވުމުން، މި ހިދުމަތް ބޭނުންކުރާ އާރްއޯއެލްގެ ކަސްޓަމަރުންގެ އަތުން އިތުރު ޑޭޓާ ފީއެއް ނުނަގާނެ ކަމަށް ޖިނާހު ވިދާޅުވި އެވެ.

މި ހިދުމަތާ ގުޅޭ އިތުރު މައުލޫމާތު އާރްއޯއެލްގެ ވެބްސައިޓުންނާއި އެ ކުންފުނީގެ ހޮޓްލައިން 133 އަށް ގުޅުމުން ލިބޭނެ އެވެ. މި ސިސްޓަމް މަސައްކަތްކުރާ ގޮތުގެ ހިލޭ ޑެމޯއެއް ބަލައިލަން ބޭނުން ނަމަ، އާރްއޯއެލް އިން އެކަންތައް ހަމަޖައްސަ ދޭނެ އެވެ.

އާރްއޯއެލް އިން ވަނީ ސްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވާސިޓީތަކަށް އަމާޒުކޮށްގެން ވެސް މިފަދަ ސިސްޓަމެއް މީގެ ކުރިން ތައާރަފްކޮށްފަ އެވެ.