މޯކޮމް މައްސަލައިގެ ރިޕޯޓްތައް މަޖިލީހަށް ދޭން އަންގަން ފާސްކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެސްޓީއޯ އިން ސިންގަޕޫރުގައި ހިންގި ކަމަށް ތުހުމަތުކުރާ ވަގު ވިޔަފާރިއާ ބެހޭ ތަހުގީގު ރިޕޯޓާއި އެ މައްސަލައާ ގުޅުންހުރި ހުރިހާ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހަށް ދޭން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގަން މިއަދު ފާސްކޮށްފި އެވެ.


މަނީލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެސްޓީއޯ ސިންގަޕޫރު ކުންފުނި މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިކުރި ކަމަށް ބުނެ ގްރާންޓް ތޯންޓަން ނަމަކަށް ކިޔާ ބޭރުގެ ކުންފުންޏަކާ ތަހުގީގުކުރުމަށް ހަވާލުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެ ކުންފުންޏާ އެކު ސަރުކާރުން ވެފައި އޮތް އެއްބަސްވުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އުވާލިއިރު މައްސަލައިގެ ފައިނަލް ރިޕޯޓެއް އެކުލަވައެއް ނުލަ އެވެ.

މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހު މަޖިލީހަށް ހުށަހެޅުއްވި އެ މައްސަލައާ ގުޅިގެން މިއަދު ބޭއްވި މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ވަނީ ނިންމުންތަކެއް ނިންމައިފަ އެވެ. އެ ކޮމެޓީން ފާސްކުރީ ގްރާންޓް ތޯންޓަން އާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމާއި އެ އޮޑިޓް ފާމުން ތައްޔާރުކުރި ރިޕޯޓްގެ އިތުރުން އެ މައްސަލަ ތަހުގީގުކުރުމަށް އޭސީސީން ކޮށްފައިވާ ހުރިހާ މަސައްކަތެއްގެ ލިޔެކިޔުން ހޯދުމަށެވެ. އެގޮތަށް ފާސްކުރީ ކޮމެޓީއަށް ވަޑައިގެން ތިއްބެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ކޮމެޓީގެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިތަނާހެން ޑރ. ވަހީދުގެ ސަރުކާރުން، އެ ތަހުގީގުގެ ކުރީކޮޅުގައި އެ ރިޕޯޓް އަނބުރާ ގެނައީ ކަމަށެވެ. އެކަން ކުރުމަށް 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ދައުލަތުގެ ބަޖެޓުން ހަރަދު ކުރި ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

އޭގެ ފަހުން އެ މައްސަލައަށް ވީގޮތް ނޭނގޭތީ އެކަން މަޖިލީހުން ބަލަންޖެހޭ ކަމަށް އިންތި ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމެޓީގެ ބައްދަލުވުމުގައި މުގައްރިރު އިމްތިޔާޒް ފަހުމީ ވާހަކަ ދައްކަވަނީ- ފޮޓޯ: މަޖިލިސް

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ވިދާޅުވީ އޭސީސީގައި އޮތް ރިޕޯޓްގެ އިތުރުން އެ މައްސަލަ ތަހުގީގު ކުރުމަށް އޭސީސީން ކޮށްފައިވާ މަސައްކަތްތަކުގެ ރިޕޯޓްތައް ވެސް މަޖިލީހަށް ބޭނުންވާ ކަމަށެވެ. އޭރުން އެ ކޮމެޓީއަށް އެ ރިޕޯޓްތަކަށް ބަލައި ދިރާސާއެއް ހެދިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ރިޕޯޓްގައި އޮތް ވާހަކައަކާއި އަދި އޭސީސީން އަމަލުކޮށްފައި އޮތް ގޮތެއް އެކަމާ ގުޅިގެން އޭރުގެ ސަރުކާރުން ވެސް އަމަލުކޮށްފައި އޮތް ގޮތުގެ ދިރާސާއެއް ކުރުން މި ކޮމެޓީން. ކުރުމަށް ފަހު އޭގެ އަލީގައި އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ކަންކަމެއް ފާހަގަކުރުމާ އަދި އެއާއެކީގައި މިކަމުގައި އަޅުގަނޑުމެންނަށް ދެވޭނެ ރެކޮމެންޑޭޝަނކީ ކޮބައިތޯ ދެނެގަތުން މިކޮމެޓީން،" ހަސަން ލަތީފް ވިދާޅުވި އެވެ.

ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ ދައުލަތާއި އެ އޮޑިޓް ފާމާ ދެމެދު ވެވުނު އެއްބަސްވުން ހޯދަން އެދޭ ކަމަށެވެ. ދައުލަތުން 150 މިލިއަން ރުފިޔާ ހަރަދު ކޮށްގެން އެ ތަހުގީގު "ގަންނަން ޖެހުނު ސަބަބެއް" ހޯދަންޖެހޭ ކަމަށް ސިރާޖު ވިދާޅުވި އެވެ.

"އަޅުގަނޑު އެންމެ ބޮޑަށް ސާފުކުރަން ބޭނުންވާ ކަމަކީ ހިލޭ ކުރަމުން ދިޔަ ތަހުގީގެއް 150 މިލިއަން ރުފިޔާ ދީފައި ގަންނަން ޖެހުނީ ކީއްވެގެންތޯ؟ އަޅުގަނޑަށް ހީވަނީ އެއީ ސާފުކުރަން ވަރަށް މުހިންމު ކަމެއްހެން،" ސިރާޖު ވިދާޅުވި އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ދައުލަތުގެ ފަރާތުން އޮޑިޓް ފާމަކާ ހަވާލުކޮށްފައިވާ މަސައްކަތެއް އެ ނޫން ގޮތަކަށް ކުރަން ބޮޑު އަގެއް ދިނުމުން، އެ އޮޑިޓް ފާމުން އެ ރިޕޯޓް ވިއްކާލީތޯ ބަލަންޖެހޭ ކަމަށެވެ.

އެ ރިޕޯޓް ވީތަނެއް ނޭނގޭ ކަމަށް ބައެއް މެމްބަރު ވިދާޅުވާއިރު އެ ރިޕޯޓް އޭސީސީގައި އެބައޮތް ކަމަށް އެ ކޮމިޝަނުން ބުނާ ކަމަށާއި އެހެންކަމުން އެ ރިޕޯޓް ހޯދަން މަޖިލީހަށް އެހާ އުނދަގޫ ނުވާނެ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. އަދި މި މައްސަލާގައި ޖުޑީޝަރީ ކޮމެޓީން ތަހުގީގީ އިދާރާއެއްގެ ރޯލު ކުޅެންވީތޯ ވިސްނާލަން ޖެހޭ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.

"އެއީ ސަރުކާރުން ކޮށްފައިވާ ކަމެއްކަން އެބަ އެނގޭ ވަރަށް ސާފުކޮށް. ދައުލަތުގެ ފަރާތުން ކޮށްފައިވާ ކަމެއްކަން. ދައުލަތުގައި އެ ރިޕޯޓް އެބަ އޮތް. އެހެންވީމާ ޖުޑީޝަރީ ކޮމެޓީން އަޅުގަނޑުމެން ކޮންކަމެއްތޯ އަޅުގަނޑުމެންނަށް މިތަނުން ކުރެވޭނީ. މިމައްސަލަ އަކީ ކޯޓެއްގައި އޮތް މައްސަލައެއް ވެސް ނޫން. އަނެއްކާ ޕީޖީ އޮފީހަށް ދައުވާކުރަން ފޮނުވާފައި އޮތް މައްސަލައެއް ވެސް ނޫން. އެހެންވީމާ އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ތަންކޮޅެއް ފުންކޮށް ވިސްނަން ޖެހޭ ހެން،" އަލީ ވިދާޅުވި އެވެ.

އެ މައްސަލަތައް އަލުން ބަލާ ނަަމަ އެ އޮޑިޓް ފާމާ އެ މަސައްކަތް ހަވާލުކުރީ ބިޑްކޮށްގެންތޯ ނުވަތަ ރައްޓެހިކަމުގައިތޯ ވެސް ބަލަން ޖެހޭ ކަމަށް އަލީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މަސައްކަތް އޮޑިޓް ފާމާ ހަވާލުކޮށްފައި ވަނީ ލިބޭ އެއްޗަކުން ބައެއް ދޭ ގޮތަށް ކަމަށް އެނގިވަޑައިގެންފައިވާ ކަމަށާއި އެއީ ރަނގަޅަށް ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.

"މަސައްކަތެއް ވަކީލަކު ވެސް ކުރާއިރުގައި އޭގެ ޕަސެންޓޭޖް ލިބޭ ގޮތަށް މަސައްކަތް ކުރުމަކީ އޭގެ އެތިކަލް މިންގަނޑުތަކާ ހިލާފު ކަމެއް. އަގު އޮންނަން ޖެހޭނީ އަބަދު ވެސް ކަނޑައަޅައި ނިމިފައި. އެހެންވީމައި އަގެއް ކަނޑައެޅުމެއް ނެތި ލިބޭ އެއްޗަކުން ފައިސާ ނުވަތަ ބަދަލު ލިބޭގޮތަށް ނުވަތަ ހަވާލު ކުރެވުނު ޕްރޮސެސް. ކިހިނަކުންތޯ އެ އެކައުންޓިން ފާމާ ހަވާލު ކުރީ،" އަލީ ހުސައިން ސުވާލު އުފެއްދެވި އެވެ.

އޭނާ ވިދާޅުވީ އޭސީސީ ވުޖޫދަށް އައުމުގެ ކުރިން ހިނގާފައިވާ ކަމެއް އޭސީސީން އަލުން ބަލަން ނިންމިއިރު އެކަން އެކުރަނީ ސިޔާސީގޮތުން ކަމެއް ކުރުމުގެ ބޭނުމުގައިތޯ ސުވާލު އުފެދޭ ކަމަށެވެ. އޭސީސީގެ ބަދަލުގައި އެ މައްސަލަ ބަލަން ޖެހޭނީ ރިކަވަރީ ކޮމިޝަނުން ނުވަތަ ފުލުހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ އަނެއްކާ ވެސް ރިވިއުކުރަން އޭސީސީން ހޮނިހިރު ދުވަހު ވަނީ ނިންމައިފަ އެވެ.