އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އާ ދެ ބޭފުޅަކު އައްޔަން ކޮށްފި

އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އާ ދެ ބޭފުޅަކު ސަރުކާރުން އައްޔަން ކޮށްފި އެވެ.


ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނީގެ ބޯޑުގެ މެމްބަރުކަމުގައި ހުންނެވި މުހައްމަދު އަބްދުއްސައްތާރު ވަކި ކޮށްފައިވާއިރު، އަލަށް އެ ބޯޑަށް އައްޔަން ކުރީ މއ. މޮންޓްރީލް، މުހައްމަދު މިހާދާއި މއ. ބްލޫގްރާސް، ފަރުހާން އަބްދުލްޣަފޫރެވެ.

މީގެ ތެރެއިން މިހާދު، އެމްއޭސީއެލްގެ ބޯޑަށް އައްޔަންކުރީ މިދިޔަ މަހުގެ 30 ގަ އެވެ. ފަރުހާނާ އައްޔަންކުރީ އިއްޔެ އެވެ.

މި ދެ ބޭފުޅުންގެ ތެރެއިން މިހާދަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރެވެ.

އެމްއޭސީއެލްގެ ބޯޑަށް މި ގެނައި ބަދަލާއެކު، އެ ބޯޑުގައި މިހާރު ތިއްބަވާނީ މިހާދާއި ފަރުހާނާގެ އިތުރުން ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ) އާއި ޑރ. އިބްރާހިމް މަހްފޫޒާއި އިބްރާހިމް ނޫރައްދީން އަދި ފާތިމަތު މުއާޒާ އިބްރާހީމެވެ.

ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ސަރުކާރަށް އެންމެ ބޮޑު ފައިދާއެއް ދައްކާ އެއް ވިޔަފާރީގެ ގޮތުގައި ހިމެނޭ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރަކަށް ސަރުކާރުން މިހާރު ވަނީ އިނގިރޭސި ވިލާތުގެ ބޭފުޅަކު އައްޔަން ކޮށްފަ އެވެ. އޭވިއޭޝަން އެންޑް ޓްރާންސްޕޯޓުގެ ދާއިރާގައި 30 އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ ގޯޑަން އެންޑްރޫ ސްޓުއާޓް ރާއްޖެ ވަޑައިގެން މި މަހުގެ ތެރޭގައި ކުންފުންޏާ ހަވާލުވެވަޑައިގަންނަވާނެ އެވެ.