ޖޭޕީގެ ރައީސްގެ މަގާމުން އަލީ ވަހީދު ވަކިކުރަން ހުށަހަޅައިފި

އަޚުލާގީ މައްސަލަތަކެއްގެ ތުހުމަތު ކުރެވޭތީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ އެންގެވުމުން، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައީސްގެ މަގާމުން ވެސް އޭނާ ވަކިކުރަން އެ ޕާޓީގެ ކައުންސިލަށް މިއަދު ހުށަހަޅައިފި އެވެ.


ސަރުކާރުގެ އިސް މަގާމެއްގައި މިހާރު ހުންނެވި ޖޭޕީގެ ކައުންސިލް މެމްބަރަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވީ އަލީ ވަހީދު އެ ޕާޓީގެ ރައީސްކަމުން ވަކިކުރަން ކުއްލި މައްސަލައެއް މިއަދު ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އަދި އެ މައްސަލަ އެޖެންޑާ ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް ޖިންސީ ފުރައްސާރަކުރި މައްސަލާގައި ވެސް ޖޭޕީގެ ރައީސްގެ މަގާމުން އޭނާ ވަކިކުރަން އޭރު ވެސް ކައުންސިލަށް ހުށަހެޅި އެވެ. ނަމަވެސް އޭރު އެ މައްސަލާގައި ވަކިގޮތެއް ނުނިންމީ ރައީސް އެކަމުގައި ގޮތެއް ނުނިންމަވާތީ އެވެ.

"އަޅުގަނޑު މިހާރު މިހުށަހެޅި މައްސަލާގައި ބުނެފައިވާނެ ރައީސް މިހާރު ގޮތެއް ނިންމެވިކަން. އެހެންވީމައި އަލީ ވަހީދު ރައީސް ކަމުން ވަކިކުރަން ޖެހޭ ކަމަށް،" އޭނާ ވިދާޅުވި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް އެންގެވީ ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މައްސަލަތަކެއްގަ އެވެ. އެކަމަކު، ސަރުކާރުން ރަސްމީކޮށް އަދި އެ މައްސަލަތަކާ ގުޅޭ ގޮތުން ވާހަކައެއް ނުދައްކަ އެވެ. އެ މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ވެސް އަންނަނީ ބަލަމުންނެވެ.

އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް އެންގެވި ފަހުން އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި، ގައުމަށް ކޮށްދެވުނު ހިދުމަތަށްޓަކައި ފަހުރުވެރިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ކަމަކަށް ސީދާ ވިދާޅުވެފައެއް ނުވެ އެވެ.

"ތެދުވެރިކަމާ އެކު ރައްޔިތުންނާއި ގައުމަށް ކޮށްދެވުނު ހިދުމަތަށް ފަހުރުވެރިވަން. އިރާދަކުރެއްވިއްޔާ އަދި ފަހުން ހަގީގަތް ހާމަވާނެ،" އަލީ ވަހީދުގެ ޓްވީޓްގައިވެ އެވެ.

މި ޓްވީޓާ އެކު އަލީ ވަހީދު ވަނީ "މި ދުވަސް ވެސް ހިނގައިދާނެ" ކަމަށް ލިޔެފައިވާ ފޮޓޯއެއް ޕޯސްޓްކުރައްވައިފަ އެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަންކަން ކުރެއްވި އަލީ ވަހީދު، ޖޭޕީގެ ރައީސްއަކަށް އައްޔަން އިންތިޚާބު ކުރެއްވީ 23 ޖޫން 2018 ގަ އެވެ. ޖޭޕީގެ ކޮންގްރެސްގައި އަލީ ވަހީދު ރައީސަކަށް ހޮވުނީ ފެންނަ ނުފެންނަ ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. އެ މަގާމަށް ވާދަކުރެއްވީ އޭނާ އެކަންޏެވެ.