ފުލުހުންގެ އިސް ބައެއް މަގާމުތަކަށް ބަދަލު ގެނެސްފި

ފުލުހުންގެ ބައެއް ޑިޕާޓްމަންޓްތަކުގެ އިސް މަގާމުތަކަށް ބަދަލު ގެނެސްފި އެވެ.


ފުލުހުން މިއަދު ހާމަކުރި ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންގައި މާލެ ސަރަހައްދު ހިމެނޭ ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ވަގުތީ ހެޑްގެ މަގާމުގައި ހުންނެވި އެސިސްޓަންޓް ކޮމިޝަނަރު ޑރ. އަބްދުލް ފައިރޫޝް މިހާރު ވަނީ ހެޑް އޮފް ރިސޯސް މެނޭޖްމެންޓްގެ މަގާމަށް ބަދަލުކޮށްފަ އެވެ. މިއީ ފުލުހުންގެ ފައިނޭންސާއި އިންސާނީ ވަސީލަތްތަކާއި އިންޖިނިއަރިން އަދި މެކޭނިކަލް ސާވިސް ހިމެނޭ ޑިޕާޓްމެންޓެވެ.

ޕޮލިސިން ޑިވިޝަނަށް ގެނައި ބަދަލުތަކުގައި ޑިވިޝަނަލް ޕޮލިސިން ކޮމާންޑުގެ ހެޑްގެ މަގާމަށް އެސިސްޓަންޓް ކޮމިޝަނަރު އަލީ ރަޝީދު އައްޔަންކުރުން ހިމެނެ އެވެ. އަލީ ރަޝީދު މީގެ ކުރިން ހުރީ ރިސޯސް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ވެރިޔަކަށެވެ. އެ ޑިޕާޓްމަންޓްގެ އުތުރު ޑިވިޝަންގެ ހެޑްގެ މަގާމަށް ޗީފް ސުޕަރިންޓެންޑެންޓް އާސިމް އަބްދުﷲ ވަނީ އައްޔަންކޮށްފަ އެވެ. އޭނާ މީގެ ކުރިން ހުންނެވީ ޑިވިޝަނަލް އޮޕަރޭޝަންސް ކޮމާންޑުގެ ދަށުން ހިންގި ސަޕޯޓް ސާވިސްގެ ހެޑްގެ މަގާމުގަ އެވެ.

ޑިވިޝަނަލް ޕޮލިސިންގެ ކޮމާންޑަކީ، މާލެ ފިޔަވައި އެހެން އަތޮޅުތަކުގައި ދޭ ފުލުހުންގެ ހިދުމަތާއި ގުޅޭ ކަންކަން ބަލަހައްޓާ ކޮމާންޑެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ކަންތައްތައް ބަލަހައްޓަނީ ސެންޓްރަލް ޕޮލިސިން ކޮމާންޑެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ހިންގި ނެޝަނަލް އިމަޖަންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި ފުލުހުންގެ ފަރާތުން އިސްކޮށް މަސައްކަތްކުރެއްވި އެސިސްޓަންޓް ކޮމިޝަނަރު އިސްމާއިލް ނަވީން މިހާރު ވަނީ އެންއީއޯސީ އުވާލުމާ އެކު ކުރިން ހުންނެވި ސެންޓްރަލް ކޮމާންޑުގެ ހެޑްގެ ޒިންމާތަކާ އަލުން ހަވާލުކޮށްފަ އެވެ.

މާލޭ ޕޮލިސްގެ ހެޑް މަގާމަށް ޗީފް ސުޕަރިންޓެންޑެންޓް އަބްދުﷲ ޝަރީފް އައްޔަނުކުރައްވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަބްދުﷲ ޝަރީފް މީގެ ކުރިން ހުންނެވީ އުތުރު ޑިވިޝަންގެ ހެޑްގެ މަގާމުގަ އެވެ.

ފުލުހުން ބުނި ގޮތުގައި މިއީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގެ ދަށުން، 2023 އައުމުގެ ކުރިން ހާސިލްކުރަން ކަނޑައާޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތުގައި ގެނެސްފައިވާ ބަދަލުތަކެކެވެ.