ސ. މަރަދޫ ބަނދަރު ބޮޑުކުރުމާއި ބޭރު ތޮށި ލުމުގެ އިތުރުން ބަނދަރާ ގުޅޭ އެނޫން ވެސް ބައެއް މަސައްކަތް ހިމެނޭ މަޝްރޫއުގެ 92 ޕަސެންޓް ނިމިއްޖެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
ނެޝަނަލް ޕްލޭނިން މިނިސްޓްރީން މިދިޔަ އަހަރުގެ ޖޫންގައި 25 މިލިއަން ރުފިޔާއަށް ހަވާލުކުރި މަސައްކަތް އެމްޓީސީސީން ފެށީ މިދިއަ ނޮވެމްބަރު 3 ގަ އެވެ.
އައްޑޫގައި އެންމެ ފުޅާކޮށް މަސްވެރިކަން ކުރަމުން އަންނަ ރަށުގެ ބަނދަރު ކުޑަވެ، މަސްވެރިންނަށް ދިމާވާ އުނދަގޫތަކަށް ހައްލެއް ލިބޭ ގޮތަށް ހިންގާ މަޝްރޫއުގައި، ކުރީގެ ބަނދަރު ބޮޑުކޮށް، ޒަމާނީ ފެންވަރުގެ ތޮށިތަކެއް ލުމުގެ އިތުރުން 1،965 ސްކެއާ މީޓަރުގެ ޕޭވްމަންޓެއް ވެސް ހަދަ އެވެ.
މި ހުރިހާ ކަމެއް ގާތްގަނޑަކަށް މިހާރު ވަނީ ނިމިފަ އެވެ. އެމްޓީސީސީން ބުނި ގޮތުގައި ކަނޑު ތޮށިލުމުގެ މަސައްކަތުގެ 65 ޕަސެންޓް ވެސް މިހާރު ނިމިއްޖެ އެވެ.
ރާއްޖޭގެ އުމުރާނީ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ ކުންފުނިން ބުނީ އެއް ގަމު ތޮއްޓާއި ކަނޑު ތޮށި ގުޅާލައި ބައިގެ ތަނބުތައް ޖެހުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ.
މަރަދޫ ބަނދަރުގައި އަޅަނީ ހަމައެކަނި އެ އަވަށުގެ މަސް ދޯނިތަކެއް ނޫނެވެ. ކައިރި އަތޮޅުތަކުން މަސްވެރިކަމަށް ނުކުންނަ އެތައް ދޯންޏެއް ވެސް މަރަދޫ ބަނދަރު ބޭނުންކުރެ އެވެ. އެހެންކަމުން މަރަދުއަކީ މަސްވެރިކަމުގައި އެންމެ ފާހަގަކޮށްލެވޭ އަވަށެވެ.