އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ޓީސީ ސްޕޯޓްސް ކްލަބުގެ އަލީ ފާސިރު (ސެންޓޭ) އަދި އެންމެ މޮޅު ގޯލްކީޕަރަކަށް ކްލަބް އީގަލްސްގެ ސްރީ ލަންކާ ކީޕަރު ސުޖަން ޕެރޭރާ ހޮވައިފި އެވެ.
ދެ ކުޅުންތެރިންނަށް އިނާމް ދެއްވީ މިރޭ އޮތް ލީގުގެ ނިމުމުގެ ރަސްމިއްޔާތުގައި ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) އެވެ.
މި އަހަރު ޓީސީ އަށް ބަދަލުވި ސެންޓޭ ވަނީ އެ ޓީމަށް ލީގުގެ ދެ ވަނަ ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އޭނާ އަކީ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާ ވެސް މެ އެވެ. ސެންޓޭ ވަނީ މިއަދު ހަވީރު ކްލަބް ވެލެންސިއާ ކޮޅަށް ހެދި ހެޓްރިކާ އެކު ސީޒަނުގައި ޖުމްލަ 29 ގޯލް ހަމަކޮށްފަ އެވެ.
އެންމެ މޮޅު ކީޕަރުގެ މަގާމަށް ހޮވުނު ސުޖަން ވަނީ މި ސީޒަނުގައި އީގަލްސް އަށް ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އީގަލްސް އިން ލީގުގެ ތިން ވަނަ ހޯދި ނަމަވެސް ފުރަތަމަ ދެ ބުރުގައި އެ ޓީމުން ލީގުގެ ކުރީގައި ޑޮމިނޭޓްކުރި އިރު، އެންމެ މުހިއްމު ދައުރެއް އަދާކުރީ އޭނާ އެވެ. އީގަލްސްގައި ދެއްކި މޮޅު ކުޅުމާ އެކު ސުޖަން އަށް ލަންކާ ގައުމީ ޓީމުގެ ޖާގަ ޔަގީންވެފައިވާއިރު އެންމެ ފަހުން ކުޅުނު މެޗުތަކުގައި ލަންކާގެ ކެޕްޓަންކަން ކުރީ ވެސް އޭނާ އެވެ.
ލީގުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ މުޅިން އަލަށް ވާދަކޮށް ހަތަރު ވަނަ މަގާމް ހޯދި ޔުނައިޓެޑް ވިކްޓަރީ އެވެ.