އައްޔަން ކުރިތާ ހަތަރު މަސް ފަހުން ޓްރައިބިއުނަލްގެ ރައީސް އިސްތިއުފާ ދެއްވައިފި

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަގާމަށް، މާޗް މަހު އައްޔަން ކުރެއްވި، އަމްޖަދު މުސްތަފާ، ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވައިފި އެވެ.


އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސްކަން ކުރެއްވި އަމްޖަދު އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް "މިހާރު" އަށް ވިދާޅުވީ ޓްރައިބިއުނަލްގައި ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރެވޭނެ ފުރުސަތު ނެތުމެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ސްރީ ލަންކާގެ ޔުނިވަސިޓީއަކުން މާސްޓާސް ޑިގްރީ އަދި އިސްލާމިކް ޔުނިވަސިޓީން ވަކީލުކަން ވެސް ކިޔަވާ ވިދާޅުވެފައިވާ އަމްޖަދު، ޓްރައިބިއުނަލްގެ ރައީސް ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރެއްވީ މާޗް 16 ވަނަ ދުވަހު އެވެ.

އަމްޖަދު އީސީން ވަކިވެވަޑައިގެންނެވީ އޭނާގެ މެމްބަރުކަމުގެ ދައުރު މިދިޔަ އަހަރު ހަމަވުމުންނެވެ.