ދިމިޝްގު (އޮކްޓޯބަރު 23) - ސީރިއާގެ ހަލަބު ސިޓީ އަށް ދެމުންދިޔަ ހަމަލާތައް ތިން ދުވަހަށް ހުއްޓާލުމަށް ފަހު ހޮނިހިރު ދުވަހު ރެއިން ފެށިގެން އަނެއްކާވެސް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފަ އެވެ.
ހަލަބުގެ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވީ ސީރިއާ ސަރުކާރާ އެއްކޮޅަށް ހަމަލާދެމުންދާ ރަޝިޔާ އިންނެވެ. ހަމަލާތައް ހުއްޓާލި މުއްދަތުގައި އިންސާނީ އެހީ އެކަށީގެންވާ މިންވަރަކަށް ފޯރުކޮށްދެެވިފައެއް ނުވެ އެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ތިން ދުވަހުގެ މުހުލަތު ހަމަވުމަށް ފަހު ހޮނިހިރު ދުވަހުގެ ރޭ އަނެއްކާވެސް ވައިގެ ހަމަލާތައް ފަށާފައިވާ ކަމަށެވެ. ރަޝިޔާގެ ހަމަލާތައް ފުރަތަމަ އަމާޒުވާން ފަށާފައި ވަނީ ހަލަބުގެ ހުޅަނގު ދެކުނުގެ ހިސާބުތަކަށެވެ.
ހަމަލާތައް ހުއްޓާލާފައި އޮތް މުއްދަތުގެ ތެރޭގައި ރަޝިޔާ އާއި ސީރިއާ ސިފައިން ވަނީ އާއްމުން އެ ސަރަހައްދުން ނުކުތުމަށް ފުރުސަތު ދީފަ އެވެ. އެކަމަކު ސަލާމަތީ ގޮތުން ގެރެންޓީއެއް ނެތުމުން އެއްވެސް މީހަކު ހަލަބު ދޫކޮށް ނުދާ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.
އެއް ޒަމާނެއްގައި ސީރިއާގައި ވިޔަފާރީގެ މައި މަރުކަޒެއްގެ ގޮތުގައި ބެލި ހަލަބު ސިޓީ ވަނީ 2012 ވަނަ އަހަރު ފެށި މަދަނީ ހަނގުރާމައިގައި ސުންނާފަތި ކޮށްލައިފަ އެވެ. ރައީސް ބައްޝާރުލް އަސަދުގެ ސިފައިން ހަލަބުގެ ހުޅަނގުގައި ހަމަލާތައް ދެމުންދާ އިރު އިރުމަތީގެ ހިސާބުތަކުގައި ދަނީ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިން ހަމަލާ ދެމުންނެވެ.