އެމްޑަބްލިއުއެސްސީން ޕީވީސީ ހޮޅި ބާޒާރަށް ނެރެނީ

އެމްޑަބްލިއުއެސްސީން ގުޅިފަޅުގައި ހިންގާ ހޮޅި ފެކްޓަރީން އުފައްދާ ހޮޅި ބާޒާރަށް ނެރެން ތައްޔާރުވެފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.


ފެން ކުންފުނިން ބުނީ، ފެނާއި ނަރުދަމާ އާއި މަގު ހެދުމުގައި ބޭނުންކުރާ ހޮޅި އުފައްދާ ބޭނުންކުރާތާ ފަސް އަަހަރުވެފައިވާ ކަމަށާއި އެކަމަކު އިމާރާތްތަކުުގެ ފެން ވައިރުކުރުމަށް ބޭނުންވާ ސައިޒުތަކުގެ ހޮޅި އުފައްދައި ބާޒާރަށް ނެރޭ މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އެގޮތުން ނެރޭނީ ރާއްޖޭގެ ބާޒާރުގައި އެންމެ މަގުބޫލު ތައި ސްޓޭންޑަޑްގެ ޕްރެޝަރު ހޮޅި ކަމަށް ވެސް ބުންޏެވެ.

އެމްޑަބްލިއުއެސްސީގެ ކާރުޚާނާ އިން ފެންވަޔަރު ކުރުމަށް ބޭނުންކުރާ ޕްރެޝަރު ކްލާސް 5.8 އާއި 5.13 ގެ ބައި އިންޗި އާއި ހަ އިންޗި ޑައިމީޓަރާ ދެމެދުގެ ސައިޒުތަކުގެ ހޮޅިތައް އުފައްދާކަން ފާހަގަކޮށްފައިވެ އެވެ. އެ އުފެއްދުމާ އެކު ފެންވަޔަރު ކުރުމަށް ބޭނުންވާ ހޮޅި ހޯދުމުގައި އިމާރާތް ކުރުމުގެ ސިނާއަތަށާއި ފިހާރަތަކަށް ލުއިވެގެން ދާނެ އެވެ. އަދި އެ ކުންފުނިން ބުނިގޮތުގައި، އެ ސައިޒުތަކުގެ ހޮޅި ރާއްޖޭގައި ވިއްކަން ފެށުމުން ސްޓޯރޭޖާއި ވެއާ ހައުސިންގެ ހަރަދުތައް ކުޑަކުރެވޭނެ އެވެ. އެއީ ރާއްޖޭގެ އިގުތިސާދަށް ވެސް އެކަމުގެ ހެޔޮ އަސަރުކުރާނެ ކަމެއް ކަމަށް ބުންޏެވެ.

އެމްޑަބްލިއުއެސްސީން ގުޅިފަޅުގައި ހިންގާ ފެކްޓްރީ

އެމްޑަބްލިއުއެސްސީން 2015 ން ފެށިގެން ގުޅިފަޅުގައި ހިންގަމުން އަންނަ ފެކްޓަރީގައި ހޮޅި އުފައްދަނީ ޖަރުމަނުގެ ކްރައުސް މަފެއި ބްރޭންޑްގެ މެޝިނަރީގަ އެވެ. ޔޫރަޕްގެ މަޝްހޫރުު ބްރޭންޑެއް ކަމަށްވާ ވާވިން ޓެކްނޮލޮޖީ ވެސް އެ ފެކްޓަރީގައި ބޭނުންކުރެ އެވެ. އެ ތަނުގައި ހޮޅި އުފައްދަނީ ފެންވަރު ވަޒަންކުރުމުގެ ބައިނަލްއަގުވާމީ މިންގަނޑު ކަމަށްވާ އައިއެސްއޯ މިންގަަނޑަށް ފެތޭ ގޮތަށެވެ. އައިއެސްއޯ 9001 އަށް އެ ފެކްޓަރީ ސެޓިފައި ކުރީ 2015 ވަނަ އަހަރު އެވެ.

އެތަނުން ކުރިއްސުރެ އުފައްދަމުން އައީ ފެނާއި ނަރުދަމާގެ މަސަައްކަތަށް ބޭނުންވާ އަން ޕްލާސްޓިސައިޑް ޕޮލިނިވީލް ކްލޮރައިޑް (ޔޫޕީވީސީ) ހޮޅި އާއި ހައި ޑެންސިޓީ ޕޮލޮޔެތެލީން (އެޗްޑީޕީއީ) ޕްރެޝަރު ހޮޅި އެވެ. ނަރުދަމާގެ މަސައްކަތަށް އުފައްދަނީ، އެމްޑަބްލިއުއެސްސީން ބުނިގޮތުގައި ތިން އިންޗިއާއި ހަ އިންޗީގެ ފަލަމިނުގެ ހޮޅި އެވެ. އަދި ފެނުގެ ނިޒާމުގެ މަސަައްކަތްތަކަށް އެއް އިންޗި އާއި 10 އިންޗިއާ ދެމެދުގެ ފަލަމިނުގެ ހޮޅި އެވެ.

އެ ކުންފުނި ބުނީ ހޮޅި ފެކްޓަރީ އުފެއްދި ދުވަހުން ފެށިގެން މިހާތަނަށް ވެސް އެތަނުގައި މަސައްކަތް ކުރަމުން އަންނަނީ މުޅިން ވެސް ދިވެހި މުވައްޒަފުން ކަމަށާއި އެއީ ފަހުރެއް ކަމަށެވެ.