ބޭރޫތު (އޮގަސްޓް 9) - ލުބާނުގެ ބަނދަރުގައި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަން ގޮވީ ފަރުވާ ކުޑަވެގެން ނުވަތަ ގުދަނުގެ ބޭރުން ކޮންމެވެސް ބަޔަކު ބޮމެއް ގޮއްވާލައިގެން ކަމަށް ވެދާނެ ކަމަށް ލުބުނާނުގެ ރައީސް މިޝޭލް އަޔޫން ވިދާޅުވެއްޖެ އެވެ.
އެމޯނިއަމް ނައިޓްރޭޓް ރައްކާކޮށްފައި ހުރި ގުދަން މިދިޔަ އަންގާރަ ދުވަހު ގޮވުމުގެ ސަބަބުން ވަނީ 158 މީހުން މަރުވެ 6،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ އެވެ. އެ ގުދަނުގައި 2،750 ޓަނުގެ އެމޯނިއަން ނައިޓްރޭޓް ހުންނަތާ ހަ އަހަރުވެއްޖެ އެވެ.
އަޔޫން ވިދާޅުވީ ގުދަން ގޮވީ ބޮމެއް ނުވަތަ މިސައިލް ހަމަލާއެއް ދީގެން ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މުޅި ބޭރޫތު ގުޑައިގެންދިޔަ ވަރުގެ ގޮވުމާ ގުޅޭ ގޮތުން ރައީސް އަޔޫން އެގޮތަށް ތުހުމަތު ކުރެއްވި ނަމަވެސް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ ގުދަން ގޮވި ކަމަށް ލަފާކުރެވެނީ ބަނދަރުގެ އަލިފާނުގެ ހާދިސާއަކުން ކަމަށެވެ.
ގުދަން ގޮވި ސަބަބެއް ހޯދަން ތަހުގީގު ކުރުމަށް ބައިނަލްއަގުވާމީ ތަޖްރިބާކާރުން ގެންނަން އެތައް ބަޔަކު ގޮވާލި ނަމަވެސް ރައީސް އަޔޫން ވަނީ އެކަމަށް ދެކޮޅު ހައްދަވައިފަ އެވެ. އޭނާ ވިދާޅުވީ ބައިނަލްއަގުވާމީ ތަހުގީގަކުން ހަގީގަތާ ހަމައަށް ދާން އުނދަގޫވާނެ ކަމަށެވެ.
ގުދަނުގައި ހުރީ 2013 ވަނަ އަހަރު ލުބުނާނުގެ ބަނދަރުން ހިފެހެއްޓި ބޯޓަކުން ބޭލި ކެމިކަލެވެ. ގުދަން ގޮވި ހާދިސާއާ ގުޅިގެން މިހާރު ވެސް ވަނީ 20 މީހަކު ހައްޔަރުކޮށްފަ އެވެ.