ބޭރޫތު (އޮގަސްޓް 10) - ލުބުނާނުގެ ވެރިރަށް ބޭރޫތުގެ ބަނދަރު ސަރަހައްދުގައި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަން ގޮވިލެއް ބާރުވުމުގެ ސަބަބުން 43 މީޓަރު (141 ފޫޓު)ގެ ފުން ވަޅުގަނޑެއް ހެދުނު ކަމަށް ސަލާމަތީ އޮފިޝަލުން ބުނެފި އެވެ.
މިދިޔަ އަންގާރަ ދުވަހު ބޭރޫތުގައި ގޮވި ގޮވުމުގެ އަޑު ވަނީ މެޑިޓެރޭނިއަންގައި 240 ކިލޯ މީޓަރު ދުރުގައިވާ ސައިޕްރަސްއާ ހަމައަށް އިވިފަ އެވެ. އަދި އެމެރިކާގެ އިންސްޓްޓިއުޓް އޮފް ޖިއޯފިޒިކްސް އަށް ވަނީ 3.3 ގެ ބާރުމިނުގެ ބިން ހެލުމެއް ގޮތަށް އެ ގޮވުން ރެކޯޑްކުރެވިފަ އެވެ.
ބެލެވޭ ގޮތުގައި 2،750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ރައްކާކޮށްފައި ހުރި ގުދަން ގޮވީ އެ ސަރަހައްދުގައި ކޮންމެ ވެސް ގޮތަކުން އަލިފާން ގެންގުޅުމުގެ ސަބަބުންނެވެ. އެ ގުދަނުގައި ކެމިކަލް ހުންނަތާ ހަ އަހަރު ވެއްޖެ އެވެ.
ގޮވުމުގެ ސަބަބުން ވަނީ 150 އަށް ވުރެ ގިނަ މީހުން މަރުވެ، 6،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ އެވެ. ގާތްގަނޑަކަށް 300،000 އަށް ވުރެ ގިނަ މީހުންގެ ގެ ހަލާކުވި އެވެ.
ގުދަނުގައި ހުރި ކެމިކަލް ގޮވީ ފަރުވާ ކުޑަކަމުން ކަމަށް ބުނެ ލުބުނާން ސަރުކާރާ ދެކޮޅަށް އެތައް ހާސް ބަޔަކު މިހާރު ވަނީ މުޒާހަރާ އަށް ނުކުމެފަ އެވެ. ލުބުނާނުގެ ރައީސް މިޝޭލް އުޔޫން ވިދާޅުވެފައި ވަނީ ގުދަން ގޮވި ހާދިސާގައި ޒިންމާވާން ޖެހޭ މީހުންނަށް ހަރުކަށި އަދަބު ދޭނެ ކަމަށެވެ.