ލޮކްޑައުންއާ އެކު ދުނިޔޭގެ ދަތުރުފަތުރު ހުއްޓުމަކަށް އައިސްފައި އޮތް މި ދަނޑިވަޅުގައި ޔޫރަޕްގެ ގައުމެއް ކަމަށްވާ ސްވިޑެންގެ ފަރުނީޗަރު ވިއްކާ ބްރޭންޑް "އިކިއާ" އިން މި އުޅެނީ މާ ސަޅިކަމެއް ކޮށްގެންނެވެ. ޔޫރަޕްގެ ޓޫރިސްޓުންގެ މެދުގައި ވެސް މިހާރު ވަރަށް މަގުބޫލު މަންޒިލެއް ކަމަށްވާ ރާއްޖެއަށް ނައިސް، ރާއްޖެއަށް "ދެވޭނެ" ގޮތް ހަދައިދިނީ އެވެ. އިކިއާ އިން އަލަށް ތައާރަފުކުރި "ވެކޭޝަން އިން އަ ބޮކްސް" ކިޔާ މުޅިން އާ އުފެއްދުމެއް ގަނެގެން، އެމީހަކު ދިރިއުޅޭ ގެއެއްގައި، ޖަޕާނުގެ ޓޯކިޔޯ، ފްރާންސުގެ ޕެރިސް އަދި ރާއްޖެ ކަހަލަ ތަފާތު މަންޒިލުތަކަށް ދެވުމުގެ އިހުސާސްކޮށްލަދޭ ފުރުސަތެއް ފަހިކޮށްދިނީ އެވެ.
މި ބޮކްސްގައި ހުންނަނީ އެ މަންޒިލަކާ ގުޅޭ ގޮތަށް ފަރުމާކޮށްފައި ހުންނަ ފަރުނީޗަރާއި އެކްސެސަރީސް އާއި ރެސިޕީތަކާއި އަދި ތަސްވީރުތަކެވެ. މި އެއްޗެހި މުޅި ގޭތެރޭގައި ފަތުރާލުމުން އެ މަންޒިލަކަށް ދެވުނު ކަމުގެ އިހުސާސްކޮށްދޭނެ ގޮތަށެވެ.
ރާއްޖެއަށް ހާއްސަ ބޮކްސްގައި ހުންނަ އެއްޗެހި
ދިވެހި ކެއުންތަކުގެ ރެސިޕީ
ތަފާތު ވައްތަރުގެ ޖޫސް ޕެޓީ ހަދާނެ ގޮތް / ހަނޑުލު ބޮނޑިބަތް / މަސްހުނި / ބިސް ރިހަ
ބީޗުގައި ބަލައިލަން ފަސް ފިލްމު
ކަލާޔާނުލާ (2003) / ވެހޭ ވާރޭ ތެރެއިން (2005) / ޔޫސުފް (2008) / މޭން ޓު މަންޓާ (2011) / އިންޑިއަން އޯޝަން ވިތު ސައިމަން ރީވް - އެޕިސޯޑް 4 (2012)
މޫޑު ބަދަލުކޮށްލަން ބޮޑުބެރުގެ ފަސް ލަވަ
ހަބޭސް ބޮޑުބެރު ގްރޫޕްގެ "ކަސަބު ލިބާސް" / އުނޫޝާގެ "ހަނދާން" / ޒީރޯ ޑިގްރީ އެޓޯލްގެ "އެންވަގުވީ" / މަންދީރަ ބޮޑުބެރު ގްރޫޕްގެ "އީދު އުފާ" / އީސާގެ "ފިލާވަޅު"
މި އެއްޗެހީގެ އިތުރުން ބޭނުންވާނެ އެކި ވައްތަރުގެ ފަރުނީޗަރުތައް ވެސް ހިމެނެ އެވެ. ގެއެއްގެ ބެލްކަނީ ވެސް ރާއްޖޭގެ ދޮންވެލި ގޮނޑުދޮށަކަށް ބަދަލުކޮށްލެވިދާނެ ކަމަށް އިކިއާ އިން ބުންޏެވެ.
އެހެން ބައެއް ގައުމުތަކުގެ ބޮކްސްތަކަށް ބަލާއިރު ޖަޕާނުގެ ޓޯކިޔޯ ބޮކްސްގައި ފަރުނީޗަރާ އެކު ތަފާތު ވައްތަރުގެ ސަޔާއި ސައިކުރާ އަދި ޗެރީ ބްލޮސަމްސް ގަސްތައް ހުރެ އެވެ. ރާމެން ތައްޔާރުކުރާނެ ރެސިޕީތަކާއި ޖަޕާނުގެ ޗީޒްކޭސް ތައްޔާރުކުރާ ރެސިޕީ ވެސް ލިބޭނެ އެވެ. ޕެރިސްގެ ބޮކްސްގައި ފަރުނީޗަރާ އެކު ހުދުކުލައިގެ ތަށި ސެޓަކާއި އަދި ކާގެ ޕެރީޝިއަން ބިސްޓްރޯއަކަށް ބަދަލުކޮށްލެވޭނެ ސާމާނު ލިބޭނެ އެވެ. އަދި ފްރާންސްގެ ބައެއް ފިލްމުތައް ވެސް ލިބޭނެ އެވެ.
އިކިއާގެ މި އުފެއްދުން މި ވަގުތު ލިބެނީ ހަމައެކަނި ޔޫއޭއީ އިންނެވެ.