ލެކިއުޓުން ކޮންމެ މަހަކު އާޓް އެގްޒިބިޝަނެއް ބާއްވަނީ، ފުރަތަމަ އެގްޒިބިޝަން ފަށައިފި

އަރަމުން އަންނަ ދިވެހި ފަންނުވެރިންގެ މަސައްކަތް ދައްކާލައި އެ ފަރާތްތަކުގެ މަސައްކަތް ވިއްކޭނެ ފުރުސަތު ހޯދައިދިނުމަށް ކޮންމެ މަހަކު އާޓް އެގްޒިބިޝަނެއް ބާއްވަން ލެކިއުޓުން ފަށައިފި އެވެ.


ލެކިއުޓް ހިންގާ ލިންޓެލް އިންވެސްޓްމަންޓްސް އާއި ދިވެހި ފަންނުވެރިން ބައިވެރިވާ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (މެކް)އާ ދެމެދު މިރޭ ވަނީ އެކަމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން، މަޖީދީ މަގުގައި ހުންނަ ލެކިއުޓްގެ މައި ފިހާރައިގައި މަހަކު އެއްފަހަރު އާޓް އެގްޒިބިޝަނެއް ބާއްވާނެ އެވެ.

"ލެކިއުޓްގެ މަގްސަދަކީ ދިވެހި ފަންނުވެރިންގެ މަސައްކަތް ކުރިއަރުވައި އެ ތަކެތި ވިއްކޭނެ ފުރުސަތެއް ހޯދައިދިނުން. ވިއްކާ ކުރެހުންތަކުން ލެކިއުޓުން އެއްވެސް ކޮމިޝަނެއް ނުނަގާނެ،" ލެކިއުޓްގެ އޮފިޝަލަކު ވިދާޅުވި އެވެ.

މަހަކު އެއްފަހަރު އާޓް އެގްޒބިޝަނެއް ބޭއްވުމުގެ އެއްބަސްވުމުގައި ލެކިއުޓާއި މެކްގެ އޮފިޝަލުން މިރޭ ސޮއިކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭގެ ފުރަތަމަ އެގްޒިބިޝަން މިރޭ ވަނީ ފަށައިފަ އެވެ. އެ އެގްޒިބިޝަން ފެށުމަށް ލެކިއުޓްގައި ބޭއްވި ރަސްމިއްޔާތުގައި ލެކިއުޓާއި މެކްގެ އޮފިޝަލުންނާއި އާޓިސްޓުން ވެސް ބައިވެރިވި އެވެ. އަދި ފިހާރަ އަށް ޒިޔާރަތްކުރި ގިނަ އަދަދެއްގެ މީހުން ވަނީ އެ ތަނުގައި ބަހައްޓާފައިވާ ކުރެހުންތައް ބަލައިފަ އެވެ.

ލެކިއުޓް ފިހާރައިގެ ފުރަތަމަ ބުރީގައި ބާއްވާ މި އެގްޒިބަޝަންގައި ހަ ފަންނުވެރިއެއްގެ ކުރެހުން ދައްކާލަން ބަހައްޓާފައިވެ އެވެ. ދެ ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި އެގްޒިބިޝަން ބަލައިލަން ފިހާރަ ހުޅުވާފައި ހުންނަ ގަޑިތަކުގައި އާންމުންނަށް ވެސް ޒިޔާރަތް ކުރެވޭ އިރު، އެ ކުރެހުންތައް ގަތުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވެ އެވެ.

ލެކިއުޓްގައި މިރޭ ފެށި އާޓް އެގްޒިބިޝަންގައި ބަހައްޓާފައި ހުރި ބައެއް ކުރެހުންތައް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެކް އަކީ ދިވެހި ފަންނުވެރިންގެ ހުނަރު ކުރިއަރުވައި ހަގީގީ ފަންނުވެރިކަމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތުތައް ހޯދައިދިނުމަށް ވަރަށް ފަހުން އުފެއްދި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ބޮޑަށް މަސައްކަތް ކުރަނީ އަރަމުން އަންނަ ފަންނުވެރިންގެ ހުނަރު ކުރިއެރުވުމަށެވެ.