އއ. ބޮޑުފުޅަދޫގައި، ނުކުޅެދުންތެރިކަން ހުންނަ މީހަކު ރޭޕްކުރިކަމުގެ ތުހުމަތަށް އެ ރަށުން ދެމީހަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ނުކުޅެދުންތެރިކަން ހުންނަ އަންހެނަކު ބޮޑުފުޅަދޫ ދޯނި އެހެލާ ސަރަހައްދަށް ގެންގޮސް އޭނާއާ ދެ މީހަކު ގަދަކަމުން ބަދުއަހުލާގީ އަަމަލު ހިންގައި އެ މަންޒަރު ވީޑިއޯކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަން ހިންގީ މިދިޔަ ބުދަދުވަހުގެ ރޭ ކަމަށާއި އެ މައްސަލައިގައި ރޭ ހައްޔަރުކުރީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެން ކަަމަށް ވެސް ބުންޏެވެ.
އެ ދެމީހުން ވެސްް ހައްޔަރުކުރީ ކޯޓު އަމުރުގެ ދަށުންނެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މިފަދަ ރޭޕް ކޭސްތަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ރިޕޯޓްކުރުން ކުރިއަށް ވުރެން މިހާރު އިތުރެވެ. މިފަދަ މައްސަލަތަކުގައި އިންސާފު އަވަސްކުރުމުގެ މަސައްކަތް ކަމާގުޅޭ އިދާރާތަކުން ކުރަމުން އަންނަ ކަމުގެ ޔަގީންކަން އޮތީ، މި ފަހުން ކުރި މުޒާހަރާތަކާ ގުޅިގެން ދީފަ އެވެ.
ޖިންސީ ގޯނާގެ މައްސަލަތަކުގައި ކަމާބެހޭ އިދާރާތަކުގެ އަޅާލުމާއި އިންސާފު ހޯދައިދިނުން ލަސްވާ މައްސަލައިގައި ސިލްސިލާ މުޒާހަރާތަކެއް ވަނީ ކޮށްފަ އެވެ.