ކޮރަޕްޝަންގެ ތުހުމަތުތަކަކާ އެކު އައްސޭރި ޖަލުގެ ޑިރެކްޓަރު ސަސްޕެންޑްކޮށްފި

ކޮރަޕްޝަންގެ މައްސަލަތަކަކާ ގުޅިގެން ހިންމަފުށީ އައްސޭރި ޖަލުގެ ޑިރެކްޓަރު އޮފް ޕްރިޒަންސް މުހައްމަދު ޝާހީން އަލީ ސަސްޕެންޑް ކޮށްފި އެވެ.


ޝާހީން ސަސްޕެންޑްކުރިކަން ކަށަވަރުކޮށްދެއްވި ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް މިރޭ ނުދެއްވަ އެވެ. އޭނާ ވިދާޅުވީ އެއީ ބަލަމުން އަންނަ މައްސަލައަކަށް ވާތީ އިތުރު ތަފްސީލު ދެވެން ނެތް ކަމަށެވެ.

އެނގިފައިވާ ގޮތުގައި ޝާހީން ސަސްޕެންޑް ކުރީ އައްސޭރި ޖަލުގެ ވަށާ ފާރާއި ރިހެބިލިޓޭޝަން އިންފްރާ ސްޓްރަކްޗާ ތަރައްގީ ކުރުމުގެ ޕްރޮޖެކްޓެއްގެ ތެރެއިން، ކަމާ ނުގުޅޭ ގުދަންތަކެއްގެ މަސައްކަތް ކުރިކަން ފާހަގަވެގެންނެވެ. އޭގެ އިތުރުން ކަރެކްޝަނަލް ސާވިސްގެ ކޯޕަރޭޓިވް ( ޕްރިސްކޯ) އާއި އަމިއްލަ ކުންފުންޏަކާ ގުޅިގެން ހިންގާ ޕްރިސް ވޯޓާގެ ފެން ޕްލާންޓާ އިންވެގެން އެތަން ބޮޑުކުރުުމުގެ މަސައްކަތްތަކެއް ވެސް ހުއްދަ ނުހޯދައި ކުރަމުން އައުމަކީ ވެސް އޭނާއަށް ކުރާ ތުުހުމަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އައްސޭރި ޖަލުގައި ހިންގަމުން އަންނަ ޕްރޮޖެކްޓަކީ ދައުލަތުން ހަރަދުކޮށްގެން ހިންގާ ޕީއެސްްއައިޕީ ޕްރޮޖެކްޓެކެވެ.