ހިޔާ ފްލެޓުތަކުގެ ދަފްތަރު ކެޓަގަރީގެ ވަގުތީ ލިސްޓު އާއްމުކޮށްފި

ހުޅުމާލެ ހިޔާ މަޝްރޫއުގައި މާލޭ ދަފްތަރު ކެޓަގަރީ އަށް ޚާއްސަކުރި އެޗް9 ކެޓަގަރީގެ ވަގުތީ ލިސްޓް މިއަދު އާއްމުކޮށްފި އެވެ.


ދަފްތަރު ކެޓަގަރީ އަށް ޚާއްސަކުރި 1،000 ފްލެޓުގެ ވަގުތީ ލިސްޓުގައި 2،775 މީހުންގެ ނަން ހިމެނެ އެވެ. ލިސްޓު އާއްމުކޮށްފައި އޮތީ ކުރީގެ ސަރުކާރުގައި ލިބުނު ޕޮއިންޓްގެ އަދަދާއި މި ސަރުކާރުގެ ފްލެޓް ކޮމިޓީގެ އިވެލުއޭޝަނުން ލިބުނު މާކްސް އެނގޭ ގޮތަށެވެ.

މި ލިސްޓާއެކު މި ކެޓަގަރީ އަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަނުވާ މީހުންގެ ލިސްޓެއް ވެސް ވަކިން އާއްމުކޮށްފައިވެ އެވެ. އެ ލިސްޓުގައި އެ މީހަކު ޝަރުތު ހަމަނުވާ ސަބަބު ވެސް ތަފްސީލްކޮށްދީފައިވެ އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މިއަދު އާއްމުކުރި ލިސްޓަކީ ކުރީގެ ސަރުކާރުގައި ހިޔާ މަޝްރޫއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ދަފްތަރު ކެޓަގަރީގެ ފޯމުތައް ޗެކްކޮށް، ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓެވެ.

ދަފްތަރު ކެޓަގަރީ އަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮކްޓޯބަރު 4 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ޝަކުވާ ހުށަހަޅަން ޖެހެނީ https://hcp.presidency.gov.mv/ ޕޯޓަލް މެދުވެރިކޮށެވެ. މިކަމާގުޅޭ އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3010718 އަށް ގުޅަން ވެސް އިއުލާންގައި ރައީސް އޮފީހުން އެދިފައިވެ އެވެ.

ފްލެޓް ކޮމިޓީން ބުނީ މަސައްކަތް ނިމުނުހާ އަވަހަކަށް ދެން ހުރި ކެޓަގަރީތަކުގެ ލިސްޓު ވެސް އާއްމުކުރާނެ ކަމަށެވެ. އެ ކޮމިޓީން މީގެކުރިން އިއުލާންކޮށްފައި ވަނީ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި މާލޭގެ ރަށްވެހިންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވަގުތީ ލިސްޓެވެ. މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު 3،000 އަށް ވުރެން ގިނަ ޝަކުވާ ވަނީ ހުށަހަޅައިފަ އެވެ.

ހުޅުމާލޭގައި، ހިޔާ މަޝްރޫއުގައި ފުރަތަމަ ޕްލޭންކުރި 7،000 ފްލެޓަށް 12 ކެޓަގަރީއަކުން ކުރިމަތިލާން ހުޅުވާލުމުން ގާތްގަނޑަކަށް 25،000 ފޯމު ހުށަހެޅި އެވެ. މީގެ ތެރެއިން ފްލެޓު ލިބުނު މީހުން ކަނޑައެޅި ގޮތާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރީގެ ސަރުކާރަށް ކުރި އެވެ. މާކްސް ދޭނެ ވަކި ކްރައިޓީރިއާއެއް އިއުލާންކޮށްފައި އޮތަސް އެ ކްރައިޓީރިއާގައި ހިމެނި ދިރިއުޅުމުގެ ހާލަތުގެ ބައިން މާކްސް ދީފައިވާ ގޮތާ މެދު އޮތީ ސުވާލު އުފެދިފަ އެވެ. ގޭގެ އަށް ނުގޮސް ދިރިއުޅޭ ހާލަތުގެ ބައިން ޕޮއިންޓް ދިން ގޮތާ މެދު ގިނަ ބަޔަކު ޝަކުވާކުރި އެވެ.

ފްލެޓް ކޮމިޓީން ބުނެފައިވާ ގޮތުގައި ފޯމުތައް ވަކިވަކިން ބަލައި މާކްސް ދިނީ ކުރީގެ ސަރުކާރުން ހިޔާ މަޝްރޫއަށް ކަނޑައެޅި ޕޮއިންޓް ދިނުމުގެ އުސޫލާ އެއްގޮތަށެވެ. އޭރު ދިރިއުޅުމުގެ ހާލަތަށް 30 ޕޮއިންޓް ހިމަނާފައި އޮތް އިރު އެ ޕޮއިންޓް ދިން އުސޫލެއް ސާފެއް ނޫނެވެ. އެކަމަކު މިފަހަރު އެ ޕޮއިންޓް ދިނީ ގޭގެއަށް ގޮސް ދިރިއުޅުމުގެ ހާލަތު ބަލައިގެން ކަމަށް އެ ކޮމިޓީން ބުންޏެވެ.

ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތަކުގެ ލިސްޓު އެކުލަވާލަމުން އަންނައިރު ކުރީގެ ސަރުކާރުން 7،000 ފްލެޓަށް ހުޅުވާލިއަސް ޓަވަރުތަކުގެ ގްރައުންޑް ފްލޯ ފިހާރަތައް ފަދަ ޒަރޫރީ ބޭނުންތަކަށް މި ސަރުކާރުން ހުސްކުރުމުން އެ މަޝްރޫއުގައި ފްލެޓުގެ އަދަދަކީ މިހާރު 6،720 އެވެ. މި ފްލެޓްތައް ނިމޭނީ އަންނަ އަހަރު އެޕްރީލަށް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.