ޖެންޑާ މިނިސްޓްރީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއޭގެ ސީއީއޯ ޝަހީލް ބައިވެރިވެވަޑައިގަންނަވަނީ.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
27 ސެޕްޓެމްބަރ 2020 - 18:53
މަސްތުވާތަކެތި ބޭނުންކުރާ މީހުން މެދުވެރިކޮށް، ބަޔަކު އަޑީގައި ތިބެގެން އަބުރު ކަތިލައި އިންޒާރު ދެމުންދާ ކަމުގެ ތުހުމަތުކޮށް، ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯގެ މަގާމުން ހަސަން ޝަހީލް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އެންޑީއޭގެ ބޯޑުގެ ޗެއާމަން އަބްދުލް ހަމީދަށް ފޮނުއްވި ސިޓީއެއްގައި ޝަހީލް ވިދާޅުވީ އެ އެޖެންސީގައި މިހާތަނަށް މަސައްކަތް ކުރަމުން އައީ ކިތަންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިވި ކަމުގައި ވިއަސް އިހްލާސްތެރިކަމާ އެކު ކަމަށާއި އެ މަސައްކަތުގައި ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ނުވަތަ ވަކި ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށާއި ގާނޫނާ ހިލާފަށް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ އަނބުރާ މުޖުތަމައުއަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ އެންޑީއޭގެ ސީއިއޯއަކަށް ޝަހީލް ހަމަޖެއްސެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސެޕްޓެމްބަރު 2014 ގަ އެވެ. ފުރަތަމަ އެ މަގާމަށް އައްޔަންކުރީ ތިން އަހަރަށް ކަމަށް ވިޔަސް މަސައްކަތުގެ ފެންވަރު ބަލައި މުއްދަތު ހަމަވުމުން އިތުރު ތިން އަހަރަށް ކޮންޓްރެކްޓް އިތުރުކުރީ އެވެ.
ނަމަވެސް މަސްތުވާތަކެތި ބޭނުންކުރާ، އެކަމަށް ދެވި ހިފާފައި ތިބި ބައެއް މީހުން މެދުވެރިކޮށް މިހާރު ސީދާ އޭނާއަށް އަމާޒުކޮށް މަސައްކަތްތަކެއް ކުރަމުންދާކަމަށް ޝަހީލް ވިދާޅުވި އެވެ. އެގޮތުން ސޯޝަލް މީޑިއާގައި ސާބިތު ނުހިފޭ ހުތުރު ވާހަކަތައް ފަތުރައި ބަދުނާމުކޮށް ފުރައްސާރަކުރުމާއި މަގުމަތިން ދިމާކޮށް އިންޒާރު ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އެންޑީއޭގެ ސީއީއޯއެއްގެ ގޮތުގައި މަސައްކަތްކުރާތާ ފަސް އަހަރުވެފައިވާއިރު، ކުރިން މިފަދަ ބައެއްގެ ފަރާތުން މިފަދަ ކަމެއް ކުރިމަތިވެފައެއް ނުވެ އެވެ. އެހެން ނަމަވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުން މެދުވެރިކޮށް ކޮންމެވެސް ނުފޫޒެއް އޮތްބަޔަކު ފޮރުވިފައި ތިބެގެން އެބައެއްގެ މަގުސަދުތަކެއް މިހާރު ހާސިލްކުރުމަށްޓަކައި އަޅުގަނޑުގެ އަބުރު ކަތިލައި އަދި އިންޒާރު ދީ ހެދުމަކީ މިހާރު އަޅުގަނޑު މި މަގާމުގައި ހުންނަން ޖެހިލުންވާ ކަމެއްކަމުގައި ދަންނަވަމެވެ،" ރައީސް އޮފީހަށާއި ޖެންޑާ މިނިސްޓްރީއަށް ވެސް ކޮޕީކޮށް، ފޮނުއްވި ސިޓީގައި ޝަހީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަގާމުން ދުރުކޮށް އެ ބަޔަކު ބޭނުންވާ މަގުސަދު ހާސިލްކުރުމަށް އެފަދަ ބަޔަކު ބޭނުންކޮށްގެން ކޮންމެ ފަދަ ނުރައްކަލެއް ވެސް ކުރިމަތިކޮށްފާނެ ކަމަށް ބެލެވޭ ކަމަށެވެ.
މިދިޔަ ޖޫން މަހު ވެސް، ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ އެޖެންސީން އިސްތިއުފާ ދިނުމަށް ސިޓީ ހުށަހެޅުއްވި ކަމަށާއި އެކަމަކު އެންޑީއޭއާ ގުޅުންހުރި ބެލެނިވެރި އިސްފަރާތްތަކުގެ އެދިވަޑައިގަތުމުން އެ ސިޓީ އޭރު އަނބުރާ ނެންގެވިއަސް މި ހާލަތުގައި އެންޑީއޭގެ ސީއީއޯގެ މަގާމުގައި ހުންނަން އުޒުރުވެރިވެވަޑައިގަންނަވާތީ އިސްތިއުފާ ދެއްވީކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީމާހު
28 September 2020
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަކީ އެއްވެސް ސަރުކާރަކުން އިސްކަންދޭ ކަމެއް ނޫން. ނަމެއްގައި ކުރާ ކަމެއް. އިސްކަންދޭނަމަ ނުވަތަ މިމައްސަލައަށް ސީރިއަސްކޮށް ވިސްނާނަމަ މަސްތުވާތަކެއްޗާބެހޭ ގާނޫނު 2010 ގައި ފާސްވެ މިހާތަނަށް އައިރު 18 އަހަރުން ދަށުގެ ކުއްޖަކަށް މަރުކަޒެއްގައި ބަހައްޓައިގެން ފަރުވާދެވޭނެ އިންތިޒާމެއްނެތް. އަދި ގާނޫނު ލާޒިމުކުރާ ރިމާންޑު ސެންޓަރެއްވެސް ވުޖޫދަކަށް ނާދޭ. މޮޅެތި ގާނޫނުތައް ހަދާފައި ތިބެނީ ސިޔާސީ ޑުރާމާތައް ކުޅެން.
އަލީ ވަހީދު
28 September 2020
ހަގީގަތުގަ ތިތަނަކީދައުލަތުން އިސްރާފްވެގެންދާ ފައިސާތަކެއް ތިތަނުން ފަރުވާހޯދާފަ މުޖުތަމައުއަށް ނުނިކުމޭ ސަތޭކައަކުން އެކަކުވެސް ރަނގަޅު ޖަލުހުކުމުން ސަލާމަތްވާންވެގެން ޕާޓޭން ޖަހާމަޅީގަ ބައްދާތަނެއްތިއީ
އަނީ
27 September 2020
ތިކަން ބެލޭނެ ގޮތެއްވެސް ނޯންނާނެ. ކީއްތޯ ކުރާާނީ؟ ކާކު ކައިރީތޯ ޝަކުވާ ކުރާނީ؟
ސައުދިއްޔާ
27 September 2020
މި ފަދަ ތަންތަނުގެ ވެރިންނަށް މިއަށް ވުރެ ހަރުދަނާ މީހުން ލާންވެއްޖެ... އަބުރު ގެއްލޭ ގޮތަށް އުޅެވުފައި ތި އޮތީ.. ދެން ކުރާނެ ކަމެއް ނޯންނާނެ.. ކަރެކްޝަން އަދި އެން.ޑީ.އޭ ފަދަ ތަންތަނުގައި މަސައްކަތް ކުރާ މީހުންނަކީ ރިސްކު ފްރީ ބައެއް ނޫން. 5 އަހަރު ވެރިކަމެއް ކުރިއިރު ތިކަން ނޭނގި ދޯ ތި އޮތީ.
ަގައުމު
27 September 2020
މިގައުމުގައި ކިޔަވައިގެން ތިބި އަޚްލާގު ރަނގަޅު ދަރިން އެއްކައިރިކޮށް ގައުމުގެ ބާރުވެރިބަޔަކީ ނުކިއްސަރު ބަޔަކަށްވަމުންދާތަން ފެނުމަކީ ބިރުވެރިކަމެއް.
ބޮލުންކުޅޭ ކުރަފި
27 September 2020
މީހުން ބަދުނާމު ކޮށް އަގު ވައްޓާލައި ގެން އިސްތިޢުފާ ދޭން ޖެއްސުމަކީ މިހިގާ "އަނދިރި ސަރުކާރު" އެެއް :ފިޔައި؛ އިން ހިންގާ ކަމެކެވެ. ފެނަކަ ސައީދަށް ވެސް އޭގެ އެތި ފަހަރެއް ލައްވާލާފި އެވެ މި ވެރިކަމަކީ އެމީހުނަށް ވެސް އެމީހުނަށް ހެދޭ ނެހެދޭ އެގޭ ބަޔެއް ނޫނެވެ. ނިކަން ބަލާ މިނިސްޓަރ ފައްޔާޒްގެ ހާލު...އަންނި ވެސް އުޅުއްވަނީ ހާލެއްގައެވެ.އިބޫ ވަކި ސަހަލު ހާލެއް ނޫނެވެ.
ދެބަން ދިހާރަ
27 September 2020
އެމީހުންގެ ވެރިކަމެއް ގައި ތި އެޖެންސީ ވެސް ބޭނުމެއް ނުވާނެއެވެ. އި މުވައްސަސާގެ އަމުރު މައުރޫފު މިވެރިކަމުގާ ނުހިންގާނެއެވެ. ތިތަން ހިންގަން ތިބެން ޖެހޭނީ ވެސް އޭގެ މީހުން ނެވެ.
ތިކުރީ ފިނޑި ކަމެއް
27 September 2020
ތިހެން ހަދަން ވެއްޖެނަމަ ތި މަޤާމު ފުރާނެ ބޭފުޅަކު ނުވާނެއެވެ.މަސްތުވާ ތަކެތި އެތެރެ ކޮށް ވިއްކާ ބޯ ހަދާ މީހުނަށް ބޯލަބަން ވެއްޖެ ނަމަ އެ ގޭންގް ތަށް މިހާރަށް ވުރެވެސް ގަދަވެ ގެން ފާނެއެވެ. ކުރިން ފިލާ އެކަހެރިވެ ގެން ތިބެ މަސަތުވާ ތަކެތީގެ " ކުޅިގަޑު" ހިންގި މީހުން މިހާރު އިންތިޚާބު ތަކުގައި ބޮޑެތި ކެންޑިޑޭޓުން ނަށް ކެމްޕެއިން ކޮށް ދޭށެވެ. ރަށް ރަށުގާ ކުޅިވަރު ތަށް ވެސް ލީޑު ކުރަނީ އެމީހުން ނެވެ.
އިބިރިހިންބެއްޔާ
27 September 2020
އަސްލު އެގޭނީ ކޮމެންޓްތައް ލިބި ނިމުމުން. 5 އަހަރުވަންދެން ތިވަޒީފާގައި ހުންނެވިއްޔާ ވަރަށް ކަންތައް ހުންނާނެކަން ޔަޤީން.