އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި އެކަމުގެ ބައިވެރިންނަށް ދުވަހަކު ވެސް މާފުކުރެވޭނެ ކަމެއް ނޭނގޭ ކަމަށް ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ހަތް ދައުވާއެއްކޮށް އިއްޔެ ބޭއްވި ޝަރީއަތުގައި އޭނާ ކުށަށް އިއުތިރާފުވެ ވަޑައިގެން، އެ ކުށަށްޓަކައި ތައުބާވެ ރައްޔިތުންގެ ކިބައިން މާފަށް އެދޭ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އެމްއެޕްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ އެންމެ ފުރަތަމަ ފެންމަތިކުރެއްވި ނިޔާޒް، އަދީބުގެ އެ ވާހަކަ އަށް އިޝާރާތްކުރައްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާފުކުރުމަކީ މާތް ސިފައެއް ކަމަށާއި އެކަމަކު މާފު ކުރެވޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ.

ޔާމީންގެ ވެރިކަމުގައި އަދީބުގެ ކޮރަޕްޝަންގެ މައްސަލަތައް ޔާމީންގެ ސަމާލުކަމަށް ގެނައުމާ އެކު ނިޔާޒާއި އޭނާގެ އާއިލާ އަށް ބިރު ދެއްކުމުގެ އެތައް އަމަލެއް އޭރުގެ ސަރުކާރުގެ ބާރުހުރި ފަރާތްތަކުން ކޮށްފައިވާކަން ވަނީ ހާމަވެފަ އެވެ. ނިޔާޒް މީގެ ކުރިން ވަނީ އޭގެ ތެރެއިން ބައެއް ކަންކަން ހާމަކުރައްވައިފަ އެވެ.

ބިރު ދައްކައި އަދި އެންމެ ފަހުން ރައްޔިތުންގެ މަޖިލިސް ތެރެއިން އޮޑިޓަ ޖެނެރަލްގެ ގާނޫނަށް ބަދަލު ގެނެސް ނިޔާޒް މަގާމުން ވެސް ވަކިކުރި އެވެ.

"އަޅުގަނޑާއި އާއިލާ ވަރަށް ބޮޑު ވޭނެއް ތަހަންމަލްކުރަން ޖެހުނު. އެ ހިތްދަތި ހަނދާންތައް އަދިވެސް ނުފިލާ އެބަހުރި. މާފުކުރުމަކީ މާތް ސިފައެއް. އެކަމަކު އަދީބާއި އޭނާގެ ވެރިޔާ އަދި ބައިވެރިންނަށް ދުވަހަކު ވެސް މާފުކުރެވޭނެ ކަމެއް ނޭނގެ،" ނިޔާޒްގެ ޓްވީޓްގައިވެ އެވެ.

ނިޔާޒް އޮޑިޓަ ޖެނެރަލް ކަމުގެ މަގާމުން ވަކިކުރުމަށް ފަހު ވެސް އޭނާ އަށް ކުރިމަތިވަމުން ދިޔަ ބިރު ދެއްކުމާއި އިންޒާރުތަކުގެ ސަބަބުން އާއިލާއާ އެކު ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކުރެއްވި އެވެ. ރާއްޖެ ވަޑައިގަތީ ޔާމީންގެ ވެރިކަން ބަދަލުވުމުންނެވެ.