ބްރޯޑްކޮމްގެ ބައެއް މެމްބަރުން ބައްދަލުވުމެއްގައި: މިއަހަރުގެ ނިޔަލަށް ލައިސަންސަށް އެދި ހުށަހަޅަން ބްރޯޯޑްކޮމް އިން ވަނީ ހުޅުވާލާފައި -- ފޮޓޯ: ބްރޯޑްކޮމް
04 އޮކްޓޯބަރ 2020 - 15:39
ބްރޯޑްކާސްޓިން އާއި ރީ-ބްރޯޑްކާސްޓިން ލައިސަންސަށް ހުށަހަޅަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު ހުޅުވާލައިފި އެވެ.
ބްރޯޑްކާސްޓިން ދުވަސް ފާހަގަކުރަން ބްރޯޑްކޮމް އިން ބޭއްވި ވާޗުއަލް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ ލައިސަންސަށް އެދި ހުށަހަޅަން ގިނަ ބަޔަކު ބޭނުންވާ ކަމަށެވެ. އެ ކޮމިޝަނުން ދޫކުރާ ލައިސަންސް ފަސް އަހަރުގެ މުއްދަތަކަށް ބޭނުންކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިހާތަނަށް 39 ފަރާތަކަށް ބްރޯޑްކާސްޓިން ލައިސަންސް ދޫކޮށްފައިވާ ކަމަށް މަރިޔަމް ވަހީދާ ވިދާޅުވި އެވެ. ޓީވީއަށް ބޭނުންވާ ލައިސަންސް 11 ފަރާތަކުން ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ބާކީ 28 ލައިސަންސަކީ ރޭޑިއޯ ލައިސަންސެވެ. އަދި 100 އަށް ވުރެ ގިނަ ފަރާތުން ރީ-ބްރޯޑްކާސްޓުކުރުމުގެ ލައިސަންސް ނަގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިޢުލާން - މުޅިރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދުމުގެ ފުރުސަތު ހުޅުވާލުންhttps://t.co/mVNceirWp3 pic.twitter.com/rQjkzBM79h
— MVbroadcom (@broadcomMV) October 4, 2020
ބްރޯޑްކޮމް އިން މިއަދު ކުރި ޓްވީޓެއް
މި ދެ ކަމަށް އެދި ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހެވެ. އަދި ކުރިން ދޫކޮށްފައިވާ ލައިސަންސް، އާ ފޯމެޓަށް ބަދަލުކުރަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ އަހަރުގެ އޭޕްރިލްގެ ތިން ވަނަ ދުވަހެވެ. އާ ފޯމެޓަށް ލައިސަންސް ބަދަލުކުރަން އެއްވެސް ހަރަދެއް ކުރަން ނުޖެހޭނެ ކަމަށް ބްރޯޑްކޮމް އިން ބުންޏެވެ.
ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރުމަކީ ބުރަ އަދި އަގުބޮޑު ކަމެއް ކަމަށް މަރިޔަމް ވަހީދާ ވިދާޅުވި އެވެ. އަދި މި ދާއިރާގައި ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މީހުންގެ އަގު ވަޒަން ކުރަން އިނާމެއް ތައާރަފްކުރަން ވިސްނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މި ދާއިިރާއަށް ބޭނުންވާ މީހުން ތަމްރީން ކުރަން ޔޫއެންޑީޕީ އާއި ޔުނިސެފް ފަދަ ބޭރު ޖަމިއްޔާތަކާ ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކަމަށް ބޭނުންވާ ސްކޮލާޝިޕް މި އަހަރުގެ ތެރޭގައި ލިބުން ދަތިވުން އެކަަށީގެންވާ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy