ނޫސްވެރިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ގިނަ މީޑިއާތަކަކުން މިއަދު ނުކުމެއްޖެ އެވެ.
ނޫސްވެރިންގެ ދިފާއުގައި މީޑިއާތަކުން ތެދުވީ، އިދިކޮޅު ކޯލިޝަނުން މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާ ކަވަކުރުމުގައި އުޅުނު ޗެނަލް 13 ގެ ދެ ނޫސްވެރިއަކަށް ފުލުހުންގެ ސަބަބުން އަނިޔާވުމާ ގުޅިގެންނެވެ. މީގެ ކުރިން ވެސް އެ ސްޓޭޝަންގެ ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން އަނިޔާ ކުރިމަތިވެފައިވާ ކަމަށް އެތަނުން ބުނެ އެވެ.
މުޒާހަރާ ކަވަކުރުމުގައި އެންމެ ފުރަތަމަ، ސަލްސާ ރޯޔަލް ރެސްޓޯރެންޓް ކައިރިން އަނިޔާވީ އެ ސްޓޭޝަންގެ ކެމެރާމަން މުހައްމަދު ޝަހީމަށެވެ. ފަހުން މުޒާހަރާ ނިންމި ފަހުން، "ލަ ސޫކް" ކެފޭގައި އިންދާ ޗެނަލް 13ގެ ނޫސްވެރިއަކު ގަދަކަމުން އެ ތަނުން ނެރެގެން ފުލުހުން ގެންދިޔަ އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ހިންގާ ބިއްލޫރިޖެހިގެ ކުރިމަތީގައި ތިބެގެން ނޫސްވެރިން ވަނީ މަސައްކަތްކުރެވޭނެ ފަހި މާހައުލަކާ އެކު ހިޔާލުފާޅުކުރުމަށް ޖާގަ ދިނުމަށް ގޮވާލައިފަ އެވެ. ހަމަހިމޭންކަމުގެ އެ މުޒާހަރާގައި ގިނަ ނޫސްވެރިން ބައިވެރިވި އެވެ.
އެ މުޒާހަރާގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމްއެމްސީގެ ރައީސް ޝަހުބާން ފަހުމީ ވަނީ މިދިޔަ ހުކުރު ދުވަހު ޗެނަލް 13 ގެ ނޫސްވެރިންނަށް ދިމާވި ކަންތައް ކުށްވެރިކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެއީ އެއްވެސް ގޮތަކަށް ބަލައިނެވޭނެ ކަމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ނޫސްވެރިންނަށް ދިމާވި ކަންކަމުގައި ފުލުހުންގެ އިސްވެރިންނާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އެކަން ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑް ކޮމާންޑަށް ހުށަހަޅަން ނިންމާފައިވާ ކަމަށާއި ނޫސްވެރިންނާ މެދު އެ ގޮތަށް ކަންތައްކުރި ފުލުހުންގެ މައްސަލަ ހާއްސަ ސަމާލުކަމެއް ދީގެން ބަލާނެ ކަމުގެ ޔަގީންކަން އެ މުއައްސަސާއިން ދީފައިވާކަމަށް ވިދާޅުވި އެވެ.
ޝަހުބާން ވިދާޅުވީ އެ މައްސަލަ ބެލުމަށްފަހު ކައުންސިލްގެ ވިސްނުމަކީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅުމެވެ. އަދި ޗެނަލް 13 ގެ ނޫސްވެރިންނަށް ކުރިމަތިލާން ޖެހުނު ކަންކަމަށް އިންސާފު ނުލިބެނީސް އެމްއެމްސީގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު އެދެން މި ކަންކަން ހިނގައިދިޔަ ގޮތް ފެނުނު ނޫސްވެރިންނާ އަދި އެއާއެކުގައި މި ކަންކަން ދިމާވި ނޫސްވެރިން ކައުންސިލަށް ވަޑައިގެން އެ ކުރާ މަސައްކަތުގައި އެއްބާރުލުން ދިނުމަށް،" ޝަހުބާން ވިދާޅުވި އެވެ.
އޭނާ ވަނީ ގާނޫނާއި ގަވައިދުތަކުގެ ތެރޭގައި މުޒާހަރާތައް ކަވަރުކުރުމަށް ވެސް ނޫސްވެރިންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ ނޫސްވެރިންނާ ދެކޮޅަށް އެއްވެސް ނިކަމެތި ފިޔަވަޅެއް އަޅައިގެންދާތަން ބަލަން އުނދަގޫ ކަމަށެވެ.
މީޑިއާގެ ތާރީހަށް ބަލާއިރު ވަރަށް ބޮޑެތި ކަންކަން ހިނގާފައިވާ ކަމަށާއި އެއީ އާދައަކަށް ވެގެން ނުވާނެ ކަމަށް ވިދާޅުވި އެވެ. ފުލުހުންގެ އެންމެ އިސްވެރިންނާ ބައްދަލުކޮށް މޭޒުމަތިން މިކަން ހައްލުކުރެވޭނެ ގޮތެއް ހޯދަންޖެހޭ ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
މަރިޔަމް ވިދާޅުވީ އެ މައްސަލަ ބްރޯޑްކޮމްގެ ފަރާތުން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.