ސީޑީއާރުއައިއާ ގުޅެން ލަފާ ހޯދަން ރައީސް ނިންމަވައިފި

ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކޮށް، މޫސުމީ ކާރިސާތަކުން އަރައިގަންނަން މަސައްކަތްކުރާ "ޗާޓާ އޮފް ދަ ކޯލިޝަން ފޮ ޑިޒާސްޓަ ރެޒިލިއަންޓް އިންފްރާސްޓްރަކްޗާ" (ސީޑީއާރުއައި)ގައި ރާއްޖެ އިން ބައިވެރިވާން ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.


ރައީސް އޮފީހުން ބުނިގޮތުގައި ރައީސް އެގޮތަށް ނިންމެވީ، އޮންލައިންކޮށް ބޭއްވި މިނިސްޓަރުން ބައްދަލުވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހުށަހެޅުއްވި ކަރުދާހާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އެ ޗާޓަރަކީ ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރާށާއި މޫސުމީ ކާރިސާތަކުން އަރައިގަނެ، ގައުމުތަކުގެ އުމްރާނީ ތަރައްގީގެ ކަންކަން ވަރުގަދަކޮށް ކުރިއެރުވުމަށްޓަކައި އެކި ގައުމުތަކާއި އދ. ގެ އޭޖެންސީތަކާއި މަލްޓިލެޓަރަލް ބޭންކުތަކާއި އެހެނިހެން ބައިނަލްއަގްވާމީ ޖަމިއްޔާތައް ހިމެނޭ ޕާޓްނާޝިޕެއް ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސީޑީއާރްއައިގެ މަގްސަދުތަކުގެ ތެރޭގައި ކާރިސާތަކުގެ ސަބަބުން އުމްރާނީ ވަސީލަތްތަކަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ފަދަ ގޮތަކަށް ވަސީލަތްތައް ތަރައްގީކުރުން ހިމެނެ އެވެ. އިންޑިއާ އިން އިސްނަގައިގެން ކުރިއަށް ގެންދާ މި ޗާޓަރުގެ އަމާޒުތަކުގެ ތެރޭގައި ކާރިސާތަކާ ގުޅިގެން އުމްރާނީ ތަރައްގީއަށް ލިބޭ ގެއްލުން ކުޑަކުރުމަށް އިންވެސްޓުކުރުން ވެސް ހިމެނެ އެވެ. މި ކަންކަމަކީ މޫސުމާ ގުޅޭ ކަންތައްތަކުގައި ރާއްޖެއިން ވެސް އިސްކަންދޭ ކަންތައްތައް ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެހެންވެ، އދ. ގެ 74 ވަނަ ބައްދަލުވުމުގައި ރާއްޖެއިން ވަނީ އެ ޗާޓަރުގެ މަސައްކަތަށް ތާއިދުކޮށް ވާހަކަދައްކައިފަ އެވެ.

މި ޗާޓަރާ ގުޅެން މިނިސްޓްރީންގެ މަޖިލިހުން މިއަދު ނިންމެވި އިރު، މިއަދަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރާ ދުވެހެވެ.