ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ބޮޑު ގެސްޓު ހައުސް "ކާނި ޕާމް ބީޗް" ކ. މާފުށީގައި މިއަދު ހުޅުވައިފި އެވެ.
އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ގެސްޓު ހައުސް ހުޅުއްވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. މިއީ ކޮވިޑް-19ގެ ސަބަބުން ގެސްޓު ހައުސްތައް ބަންދު ކޮޮށްފައި ހުރުމަށް ފަހު އަލުން ހުޅުވި ފުރަތަމަ ގެސްޓު ހައުސް ވެސް މެ އެވެ.
މިއީ، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމް ހިންގަމުން އަންނަ ކާނި ހޮޓެލްސް އެންޑް ޓުއާސްއިން ހުޅުވި ގެސްޓު ހައުސް އެކެވެ. ޖުމުލަ 250 އެނދުގެ މި ގެސްޓު ހައުސް އަށް ހަތަރު މިލިއަން ޑޮލަރު (61.68 މިލިއަން ރުފިޔާ) ހަރަދުވި ކަމަށް އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ނާޝިދު ވިދާޅުވި އެވެ.
ޖުމުލަ 12 ބުރީގެ އެ ގެސްޓު ހައުސްގައި ރޫފް ޓޮޕް އިންފިނިޓީ ޕޫލެއްގެ އިތުރުން ދެ ރެސްޓޯރެންޓާއި ސްޕާއަކާއި ސެލޫނަކާއި 130 މީހުންގެ ޖާގައިގެ ބެންކުއެޓް ހޯލެއް ވެސް ހުންނާނެ އެވެ.
ކާނި ހޮޓެލްސް އިން ހިދުމަތް ދޭ ޓޫރިސްޓް ފެސިލިޓިތަކުގެ ތެރޭގައި ކާނި ބީޗް ހޮޓަލާއި ކާނި ގްރޭންޑް ސީވިއު އާއި ކާނި ލޮޖް އަދި ކާނި ވިލެޖް އެންޑް ސްޕާ ހިމެނެ އެވެ.