މާލޭގައި ގްރޭޑް 6 އިން ދަށަށް މި އަހަރު ކިޔެވުން ނުފެށޭނެ: އެޑިއުކޭޝަން

މި އަހަރު ބާކީ އޮތް ދެ މަސް ދުވަހު، މާލޭ ސަރަހައްދުގެ ގްރޭޑް ހަޔަކުން ދަށުގެ ދަރިވަރުން ސްކޫލަށް ގެންގޮސް ކިޔަވައިދޭން ފެށޭނެ ކަމަށް ނުބެލެވޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ރޭ ބުނެފި އެވެ.


އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ގްރޭޑް ހަޔަކުން ފެށިގެން ދަށުގެ ދަރިވަރުން އަލުން ސްކޫލްތަކަށް ނެރެ، ކިޔަވައިދޭނެ ވަގުތު ނެތް ކަމަށެވެ.

ނަމަވެސް މާދަމާ މާލެ ސަރަހައްދުގައި ގްރޭޑް އަށެއްގެ ދަރިވަރުން ސްކޫލްތަކަށް ގެންގޮސް ކިޔެވުން ފަށާނެ އެވެ. އަދި މި މަހު 25 ގައި ގްރޭޑް ހަތެއްގެ ދަރިވަރުންނަށް ސްކޫލްތައް ހުޅުވާލާނެ ކަމަށް ވެސް ޑރ. ރަޝީދު ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ ނޮވެމްބަރު މަހު އިމްތިހާންތައް ފަށަން ޖެހޭތީ އެހެން ގްރޭޑްތަކުގެ ކުދިން އަނެއްކާ ސްކޫލަށް ނެރެގެން ކިޔެވުން ކުރިއަށް ގެންދެވޭހާ ވަގުތެއް ނެތް ކަމަށެވެ. އެކަމަކު އެ ގްރޭޑްތަކަށް ވެސް މިހާރެކޭ އެއްގޮތަށް ޓެލިކްލާސްތަކާއި އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށްގެންދާނެ ކަމަށް ވިދާޅުވި އެވެ.

"އެ ކުދިންނަށް ހަމަ ގޭގައި ތިބެގެން މިހާރު ވެސް އޮންލައިންކޮށް ކިޔަވައި ދިނުމުގެ ކަންކަން ކުރިއަށް އެގެންދަނީ. އެ ގްރޭޑުތަކަށް މި އަހަރު ދެން ހަމަ އެގޮތަށް ދާނެ ކަމަށް މި ބެލެވެނީ،" ޑރ. ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްކޫލްތައް ހުޅުވައިގެން ކިޔަވައިދިނުން ކުރިއަށް ގެންދަނީ އެޗްޕީއޭއިން އަންގާފައިވާ އުސޫލުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ.

ޑރ. ރަޝީދު ވިދާޅުވި ގޮތުގައި ކޮވިޑްގެ ހާލަތު ގޯސްވެ ސްކޫލް ބަންދުކުރަން ޖެހިއްޖެ ހާލަތަކަށް ވެސް އޮތީ ތައްޔާރަށެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އޮންލައިން ކްލާސްތައް ކުރިއަށްގެންދާނެ ޕްލޭނެއް ވެސް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭ ސަރަހައްދުގެ ގްރޭޑް 9-12ގެ ދަރިވަރުން ސްކޫލްތަކަށް ގޮސް ކިޔަވައިދޭން މިހާރު ވަނީ ފަށައިފަ އެވެ.