ކޮވިޑް-19ގެ ފަޅުކަމަށް ފަހު ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓް، ވީއައިއޭގެ އޭޕްރަންތައް އަމިއްލަ ޖެޓްތަކުން ފުރެން ފަށައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓްވިޓާ އެކައުންޓްގައި ޖެހި ފޮޓޯތަކުން ފެންނަ ގޮތުގައި އެއާޕޯޓްގެ ދެ ދިމާލެއްގައި ހަދާފައިވާ ދެ އޭޕްރަންގައި ވެސް ގިނަ އަދަދެއްގެ އަމިއްލަ ޖެޓްތައް ވަނީ ޕާކްކޮށްފަ އެވެ. އެއިން ކޮންމެ ބޯޓަކުން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން މުއްސަނދިންނާއި އެ މީހުންގެ އާއިލާތައް ވަނީ އައިސްފަ އެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖެ އާއި ދުނިޔޭގެ އެހެން ގިނަ ގައުމުތަކެއްގެ ބޯޑަރުތައް ބަންދުކޮށް، އަލުން ހުޅުވުމުން ރާއްޖޭގެ ޓޫރިޒަމަށް މިހާރު އަންނަނީ ދިރުން ލިބެމުންނެވެ. ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އަންނަނީ ގިނަވަމުންނެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭނެ އެއް ބަޔަކީ، އެންމެ އަގުބޮޑު ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރަން އަންނަ މުއްސަނދިންނެވެ.
ވީއައިއޭއިން ބުނީ ޕްރައިވެޓް ޖެޓްތަކުގެ "މި މަންޒަރުތަކުން ހައިރާންކަން ލިބޭ" ކަމަށެވެ.
ރާއްޖޭގެ އިގުތިސާދުގެ މައި އިންޑަސްޓްރީ ކަމަށްވާ ޓޫރިޒަމް، ތިން މަހަށް ވުރެ ގިނަ ދުވަހު ހުއްޓިފައި އޮތުމަށް ފަހު ޖުލައި 15 ގައި ހުޅުވުމާ އެކު، އުއްމީދީ މަންޒަރުތަކެއް މަޑުމަޑުން މިހާރު އެބަ ފެނެ އެވެ. މިހާރު ރާއްޖެއަށް އުދުހޭ އެއާލައިންތަކުގެ އަދަދު ވެސް އަންނަނީ ގިނަވަމުންނެވެ. އެހެންކަމުން ކުރިއަށް އޮތް ދެ މަހު ޓޫރިސްޓުންގެ އަދަދު ވެސް ނިސްބަތުން ރަނގަޅު މިންވަރަކަށް މައްޗަށް ހިނގައިދާނެ ކަމަށް، ދާއިރާގެ ބައެއް ތަޖުރިބާކާރުން ލަފާކުރެ އެވެ.
މިހާރު އެންމެ ގިނައިން ރާއްޖެ އަންނަނީ ރަޝިޔާ ޓޫރިސްޓުންނެވެ. އެކަމަކު އިނގިރޭސި ވިލާތުން ރާއްޖެއަށް ދަތުރުކުރުމުގައި ދިން ލުއިތަކާ އެކު، ފިނި މޫސުމާއި ކްރިސްމަސް އައި އާ އަހަރަށް އެ ގައުމުން ވެސް ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށް ބެލެވެ އެވެ.
އިނގިރޭސި ވިލާތުން ކަނޑައަޅާފައިވަނީ ރާއްޖެއަށް ދާ އިނގިރޭސިން އެނބުރި ގައުމަށް ގޮސް އެކަހެރިވާން ނުޖެހޭ ގޮތަށެވެ. އެއީ ޗުއްޓީއަށް ދަތުރުކުރަން ބޭނުން މީހުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.
އާންމު ގޮތެއްގައި ނޮވެމްބަރުން ފެށިގެން ޖެނުއަރީގެ ނިޔަލަށް ރާއްޖެއަށް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓްތައް ދަތުރުކުރެ އެވެ.