އޮސްޓްރޭލިއާގައި ދިރިއުޅޭ ރިފާއީ ރަޝީދު (ރިފީ) އަށް، އޭނާގެ ތިން އަހަރުވީ ދަރިފުޅު އީސަ އަށް ބޭރު ގައުމެއްގައި އުޅެމުން ދިވެހި ދަސްކޮށްދޭން ފަސޭހަ ނުވާނެއޭ ހީވި ހިސާބުން ތަފާތު މަސައްކަތްތަކެއް ކުރަން މަޖުބޫރުވި އެވެ. ރާއްޖެއާ ދުރުގައި އުޅުނަސް، ދަރިފުޅަށް ދިވެހި ކިޔަވައިދިނުން އޭނާއަށް މުހިއްމެވެ. އީސަ އަށް ދެ އަހަރުގައި ހށ ދަސްކޮށްދީފައި އެ ހިސާބުން ހުއްޓާލައިގެން ހުރެވޭ ވަރަށް ވުރެ އޭނާގެ ހިތް އެކަމަށް އެދުނުލެއް ބޮޑެވެ. އެހެންވެ، އެތައް ރިސާޗަކަށް ފަހު، އީސަ އަށް ރިފީ ޑިޒައިންކުރީ ގޭމް-ބޭސްޑް އެކްޓިވިޓީތަކަކާ އެކު ބޭނުންކުރެވޭ ކަހަލަ "ތާނަ މުށި" ފޮއްޓެކެވެ.

"އަސްލު ވަރަށް އުނދަގޫވި، ބޭބީއެއް ގެންގުޅެމުން އީސަގެ ކިޔެވުމަށް ކުރިން ހުންނަހެން ހުސްވެގެން އަބަދު ހުންނަން. އެހެންވީމަ ރިފީ އަށް މަޖުބޫރުވީ، އީސައަށް ކިޔަވައިދޭން ރިފީ ހާއްސަކުރާ ވަގުތުކޮޅުގަ އޭނާގެ އެޓެންޝަން ހޯދައިގެން ދިވެހި ދަސްކޮށްދެވޭނެ ގޮތެއް ހޯދަން. މި ގޭމްތަކާ އެކު ތާނަ މުއްޓަކީ އެގޮތަށް އުފެދުނު އެއްޗެއް،" 33 އަހަރުގެ މަންމަ ބުންޏެވެ.

ރިފީ އަކީ މެރިން ބައޮލޮޖިސްޓެކެވެ. އޮސްޓްރޭލިއާގައި ޕީއެޗްޑީ އަށް ކިޔަވަމުން ޕާޓްޓައިމް ވަޒީފާއެއް ވެސް އޭނާ އަދާކުރާ ރިފީ "ތާނަ މުށި" ޑިޒައިންކުރީ ކުޑަ ދަރިފުޅު ވިހައިގެން ނެގި ޗުއްޓީގައި ޑިޒައިން ސޮޕްޓުވެއާތައް އަމިއްލަ އަށް ދަސްކޮށްގެންނެވެ.

ރިފީ ޑިޒައިންކުރި "ތާނަ މުށި" ފޮށީގައި ހުންނަނީ ފިއްޔާއި އަކުރު ވަކިންނެވެ. އަކުރުތަކުގެ ގޮތުގައި 48 މުށިކޮޅު އޭގައި އޮވެ އެވެ. އެއީ ދިވެހި ބަހުގެ މުޅި އަކުރުތަކުގެ ދެ ސެޓެވެ. ދެން ހިމެނެނީ 11 ފިލީގެ ދެ ފިލި ސެޓެވެ. މީގެ އިތުރުން މުށިކޮޅުތަށް ބޭނުންކޮށްގެން ކުޅޭނެ ގޭމްތަކާއި ގޭމްތަކާއި، އެ ގޭމްތައް ކުޅޭނެ ގޮތުގެ މެނުއަލް ކަރުދާހެއް ވެސް ފޮށީގައި ހިމަނާފައިވެ އެވެ.

"ތާނަ މުށި" ބޭނުންކޮށްގެން ރިފީ އޭނާގެ ދަރިފުޅަށް ކިޔަވައިދޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. އީސަ އަށް، މަންމަގެ ފަރާތުން ލިބުނީ ގޭމް ސެޓެކެވެ. ކިޔެވުމުގެ ތެރެއިން އީސަ މިހާރު އެންމެ ގަޔާވާ އެކައްޗަކީ ވެސް ދިވެއްސެވެ.

"މިސާލަކަށް، މި ފޮށީގައި ހުންނާނެ 'އަކުރު ޖޯޑު ހޯދާ' ކިޔާ ގޭމެއް. އޭގަ މި ހަދާ ގޮތަކީ އަކުރުތައް ބަންޑުން ބާއްވާފައި ގުޅޭ ޖޯޑުތައް ހޯދުން. މިއީ މެމޮރީ ގޭމެއް. 'މެޗިން ޕެއާސް' ކަހަލަ ވަރަށް ސިމްޕަލް ގޭމެއް އެއީ. މިކަހަލަ އެކި ގޭމްތައް މުޅިން ވެސް މި ހިމެނެނީ. އަނެއްކާ އީސަ ވެސް ވަރަށް ޝައުގުވެރިވާނެ މި ގޭމްތަކަށް."

ރިފީ ބުނީ، ދަރިފުޅު ދިވެއްސަށް ހިތް ޖައްސުވަން އޭނާ ކުރި މަސައްކަތާއި އުފުލި އުނދަގޫތަކުގެ ނަތީޖާ ފޮނިކޮށް ދައްކައިފި ކަމަށެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އީސަ މިހާރު ދިވެހި ކިޔަވަން ދަސްކޮށްފި އެވެ. އަމިއްލަ އަސް ކުދި ބަސްތައް ހަދަން ދަސްކޮށްފި އެވެ.

"އީސަ ވިހެއީ ވެސް އޮސްޓްރޭލިއާ އަށް. އެހެންވީމަ މާލެ ދިޔަޔަސް ގިނަ މީހުން ފުރަތަމަ އީސައާ ވާހަކަ ދައްކާނީ އިނގިރޭސި ބަހުން. އެކަމަކު އީސަ ޖަވާބު ދޭނީ ދިވެހިން. އެހެންވީމަ މީހުން ހައިރާންވެފަ އަހާނެ ވަރަށް ގިނައިން. ރިފީ ކިހިނެއް ހެއްޔޭ އެހާ ރަނގަޅަށް އީސަ އަށް ދިވެހި ދަސްކޮށްދެނީ، ބުނެބަލާށޭ ރިފީ ކިޔަވައިދޭ ގޮތެއް. އެހެންވެ ހިތަށް އެރީ ވަރަށް ގިނަ މަންނައިން އުނދަގުލޭ ކުދިންނަށް ދިވެހި ދަސްކޮށްދޭން ނޫނީ ޝައުގުވެރިކުރުވަން،"

"އެހެންވެ މުށި މާކެޓަކަށް ނެރެން ވިސްނީ." އިންސްޓަގްރާމްގައި ޕޭޖެއް ހަދައިގެން ރިފީ އޭނާގެ "ތާނަ މުށި" ފޮށި ވިއްކަން ފެށިތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ.

ރިފީ ބުނީ، ތާނަ މުށި ސެޓަށް ހަދާފައި ހުރި ގޭމްތަކަކީ އެންމެ ތުއްތު ކުދިންނަށް ވެސް ކުޅެވޭނެ ގޭމްތަކެއް ކަމަށެވެ. ޕްރައިމަރީ ފަށާ އުމުރުގެ ކުދިންނަށް ވެސް ކުޅެވޭނެ ގޭމްތައް މުށި ފޮށްޓަށް ޑިޒައިންކުރި އަށް ގޭމްގެ ތެރޭގައި ހުންނާނެ ކަމަށް ވެސް ބުންޏެވެ.

"ރިފީ އަށް މި ކާޑުތަށް އެންމެ ސަޅި ތަންކޮޅަކީ، މިއީ ހަމައެކަނި ކުއްޖާ އަށް ކުޅެވޭނެ ގޭމްތަކެއް ވެސް ނޫން. ކިޔަވަން އިންނަ ވަގުތަކީ ކުއްޖާ އަށް ވެސް، މަންމަ އަށް ވެސް އަދި ބައްޕަ އަށް ވެސް މަޖާ ޝައުގުވެރި ވަގުތަކަކަށް އެބަ ބަދަލުކޮށްލެވޭ މީގެން. މިސާލަކަށް މީގެއިން ދިވެހި ސްކްރިބުލް ވެސް ކުޅެވޭނެ. ފޮށީގަ އިންނާނެ ގޭމްތައް ކުޅޭނެ މެނުއަލް އެއް ވެސް ދީފަ. ރިފީމެންނަށް މިހާރު ކޮލިޓީ ފެމިލީ ވަގުތުކޮޅެއް އީސަ ދިވެހި ކިޔަވާ ގަޑި އަކީ. އަސްލު ކިޔެވުމަކީ މިއީ ވަރަށް މަޖާކޮށް ކުރެވިދާނެ ކަމެއް."