މޯބައިލް ޕޭ މެދުވެރިކޮށް ޓެކްސީތަކަށް ފައިސާ ދެއްކޭގޮތް ބީއެމްއެލުން ހަމަޖައްސައިފި އެވެ.

ބީއެމްއެލްގެ ކޭޝްލެސް ޕޭމަންޓުގެ ހިދުމަތް މިއަދު ތައާރަފުކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރުު އައިޝަތު ނަހުލާ އެވެ. މި ހިދުމަތް ތައާރަފްކޮށްދެއްވުމަށް ފަހު މިނިސްޓަރާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް ހޭންޑް ސެނިޓައިޒާ އާއި ފޭސް މާސްކް ޓެކްސީ ޑްރައިވަރުންނަށް ހަދިޔާ ކުރައްވައިފަ އެވެ. ކޭޝްލެސް ޕޭމަންޓުގެ ހިދުމަތް ދޭ ކޮންމެ ޓެކްސީއަކަށް މި ތަކެތި ހިމެނޭ ޕެކެއް ހަދިޔާކުރާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

މި ހިދުމަތާ އެކު ބީއެމްއެލް މޮބައިލް ޕޭ މެދުވެރިކޮށް ޑްރައިވަރުގެ މޯބައިލް ފޯނުގައި ނުވަތަ ޓެކްސީގައި ބަހައްޓާފައި ހުންނަ ކިޔުއާރު ކޯޑު ސްކޭންކޮށްގެން ފައިސާ ދައްކާލެވޭނެ އެވެ. މި ހިދުމަތް ފޯރުކޮށްދީފައި ވަނީ ރައްކާތެރިކަމާ އެކު ކޮންޓެކްޓްލެސް ޕޭމަންޓް ހިދުމަތް ދިނުމަށް ބޭންކުން ބޭނުންކުރަމުން އަންނަ "އެމްޕޮސް" ހިދުމަތްތަކުގެ ތެރެއިން ކަމަށް ބީއެމްއެލުން ބުންޏެވެ.

ބޭންކުން ބުނިގޮތުގައި މިއީ ބޭންކުގެ ހިދުމަތްތައް ޑިޖިޓަލްކުރުމަށާއި ނަގުދު ފައިސާ ބޭނުން ކުރާވަރު މަދު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ތައާރަފު ކުރި ހިދުމަތެއް ކަމަށެވެ.

މިނިސްޓަރު ނަހުލާ (ވ) އާއި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ (ކ) ޓެކްސީ ޑްރައިވަރަކަށް ހޭންޑް ސެނިޓައިޒާ އާއި މާސްކު ހަދިޔާ ކުރައްވަނީ-- ފޮޓޯ: ބީއެމްއެލް
މިނިސްޓަރު ނަހުލާ (ވ) އާއި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ (ކ) ޓެކްސީ ޑްރައިވަރަކަށް ހޭންޑް ސެނިޓައިޒާ އާއި މާސްކު ހަދިޔާ ކުރައްވަނީ-- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ އަލަށް ތައާރަފު ކުރި މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ރައްކާތެރިކަމާ އެކު އަވަހަށް ފައިސާ ދެއްކޭނެ ކަމަށެވެ. އަދި ނަގުދު ފައިސާ ބޭނުން ނުކޮށް ފައިސާގެ މުއާމަލާތްތައް ހިންގުން އާދައަކަށް ވެފައިވާ ވަގުތެއްގައި، ފައިސާ ދެއްކުމުގެ ޒަމާނީ ހިދުމަތް ކަސްޓަމަރުންނާއި ޑްރައިވަރުންގެ މެދުގައި މަގްބޫލު ހިދުމަތަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް މޮބައިލް ޕޭ އަކީ ތަފާތު ތަންތަނުން ތަކެތި ގަތުމަށް ފަހު ފައިސާ ދެއްކުމަށް ބޭނުންކުރެވޭ ބޭންކުގެ ޑިޖިޓަލް ވޮލެޓެކެވެ. ބޭންކުން ދޫކޮށްފައިވާ ކާޑުތަކުގެ ތެރެއިން ކަސްޓަމަރުން މިހާރު ބޭނުންކުރަމުން އަންނަ ކާޑުތަކާ ޑިޖިޓަލް ވޮލެޓް މި އެޕުން ގުޅުވައިދެ އެވެ. އެހެންކަމުން ކަސްޓަމަރުންނަށް ކާޑުގެ މައުލޫމާތު ހިއްސާ ކުރަން ނުޖެހި ފައިސާ ދެއްކޭނެ އެވެ.

މި އެޕް އެޕަލް ސްޓޯރުންނާއި ގޫގަލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ.