ވާރުތަވެގެން އަންނަ، މާމަގެ ފައްޓަރުބަޔަކީ އަގުހުރި އެއްޗެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމަކު ޗައިނާ އަށް އެކުވެރިކަން މާ މުހިންމު ވެފައި އަގުބޮޑު ކަމަށް ވިދާޅުވެ ޗައިނާ އަށް ރާއްޖޭން އަދާކުރަންޖެހޭ ބޮޑު ދަރަންޏާ ގުޅޭ ގޮތުން ދައްކާ ވާހަކަތަކަށް، ޗައިނާއިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޒޯންގް މިއަދު ރައްދު ދެއްވައިފި އެވެ.
ޗައިނާއިން ނަގާފައިވާ ބައެއް ލޯނުތަކާއި ދަރަނިތަކާ ގުޅޭގޮތުން، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވައި، ޗައިނާގެ ސަފީރު ވިދާޅުވީ ފައްޓަރުބަޔަކީ އަގުހުރި އެއްޗަކަށް ވިއަސް މުހިއްމީ އެކުވެރިކަން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރަހުމަތްތެރިކަމަކީ އަގުކުރެވޭނެ އެއްޗެއް ނޫނެވެ.
މި ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން މިދިޔަ އަންގާރަ ދުވަހު ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ އެހެން ބައެއްގެ ދަރަނި ދައްކަންވެގެން މި ޖެހެނީ އަމިއްލަ ފައްޓަރުބައި ވިއްކާލަން ކަމަށެވެ.
މި އަހަރު ބާކީ އޮތް ދެ މަހަށް ޗައިނާއަށް އަނބުރާ 83 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށާއި އެކަމަކު ތަރައްގީވެ ކުރިއަރަމުން އަންނަ ބިޔަ ބޮޑު ޗައިނާއިން، ހަތަރު ލައްކަ މީހުން ކައިރީގައި "ފައްޓަރުބައި ވިއްކާފައި" ބޭންކުތަކަށް މާދަމާ ލާރި ގެންނާށޭ ބުނާތީ އަޖައިބުވެ އަންތަރީސްވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނެގި ލޯނުތަކުގެ ތެރެއިން އަންނަ އަހަރު އަނބުރާ ދައްކަން ޖެހޭ ލޯނުގެ އަދަދު ފަސް ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ. އެކަމަކު ލޯނުތައް ދެއްކުމުގައި ޗައިނާއިން ލުއެއް ނުދިން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ނަމަވެސް އަންނަ އަހަރު ރާއްޖެއިން ޗައިނާ އަށް ދައްކަން ޖެހޭ ބައެއް ލޯނުތައް ފަސްކޮށްދީފައިވާ ކަމަށް ސަފީރު ވަނީ މިދިޔަ ބުދަ ދުވަހު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ރާއްޖޭން އެހީއަށް ބޭނުންވާ ކޮންމެ ދަނޑިވަޅަކު ވެސް އެ ގައުމު އޮންނާނެ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ވަނީ އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 82.8 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކޮށްފަ އެވެ.
ޗައިނާއިން ބައެއް ލޯނުތައް ފަސް ކޮށްދީފައިވަނީ ޖީ-20ގެ "ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް" (ޑީއެސްއެސްއައި)ގެ ދަށުންނެވެ.
މާދަމާ ފަށާ ޖީ-20 ލީޑަރުންގެ ސަމިޓާ ގުޅޭގޮތުން، ޗައިނާގެ ފޮރިން މިނިސްޓަރު ލިއު ކުން ލިޔުމުން ދެއްވި އިންޓަވިއުގައި ވިދާޅުވީ ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި އިގުތިސޯދު އަލުން އާރާސްކުރުމަށް ތަރައްގީވަމުން އަންނަ ގައުމުތަކާ އެކު މަސައްކަތްކުރާނެ ކަމަށެވެ. އަދި ކޮވިޑަށް ހާއްސަ ވެކްސިނެއް ލިިބެން ފެށުމުން، އެކި ގޮތްގޮތުން އެ ވެކްސިން ފޯރުކޮށްދިނުމަށް އިސްކަންދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ދަރަނީގެ މައްސަލަތައް ކުރިމަތިވެފައިވާތާ ޒަމާންތަކެއް ވެއްޖެ ކަމަށެވެ. އެ މައްސަލަ ހައްލުކުރުމުގެ މައިގަނޑު އަސާސަކީ ތަރައްގީ ކަމަށް ވިދާޅުވި އެވެ.