ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމުގެ މަސައްކަތަށް، މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) މިއަދު ޕީޕީއެމްއާ އަލުން ގުޅިވަޑައިގެންފި އެވެ.
މީގެ ކުރިން އިދިކޮޅު ޕީޕީއެމްގައި ހުންނެވުމަށް ފަހު މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ބޮޗޭ ޑީއާރުޕީއަށް ސޮއިކުރެއްވި އެވެ. އެކަމަކު މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޔާމީން މިނިވަންކުރުމުގެ މަސައްކަތަށް ހުސްވުމަށް ކަމަށް ވިދާޅުވެ، އޭނާ ވަނީ މިިދިޔަ ހަފުތާގެ ހޯމަ ދުވަހު އެ ޕާޓީން އިސްތިއުފާ ދެއްވައިފަ އެވެ.
ބޮޗޭ ޑީއާރުޕީއާ ގުޅިވަޑައިގަތީ އެ ޕާޓީގެ ވަޒީފާއެއްގެ ގޮތުގަ އެވެ. އެއާއެކު، އެ ޕާޓީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުނީގެ ސީއީއޯ ކަމާއި ކާށިދޫ ދާއިރާގެ މަޖިލިސް ސެކްރެޓޭރިއޭޓްކަން ބޮޗޭ އަށް ޖާބިރު ދެއްވި އެވެ. ޑީއާރުޕީން ވަކިވެވަޑައިގަތުމުން، ބޮޗޭ ވަނީ އެ މަގާމުތައް ވެސް ދޫކޮށްލަވައިފަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ޚާއްސަކޮށް ޔާމީނާ އެކު ސިޔާސީ ކަންކަމުގައި ގާތުން މަސައްކަތް ކުރެއްވި ބޮޗޭ ކުރިން ވިދާޅުވި ގޮތުގައި، ޑީއާރުޕީން ވަކިވެވަޑައިގަތީ ޖާބިރާ އެއްވެސް މައްސަލައެއް ޖެހިގެނެއް ނޫނެވެ.
"ޖާބިރު ބޮޑަށް ސަރުކާރުގެ ވިސްނުންފުޅު ހުންނަވާތީ، ޑީއާރުޕީގައި ހުރެގެން އިދިކޮޅު މަސައްކަތްތައް ކުރަން އުނދަގޫވާތީ އިސްތިއުފާ ދިނީ،" ބޮޗޭ ވިދާޅުވި އެވެ.
ބޮޗޭ ސިޔާސީ ހަޔާތް ފެއްޓެވީ ޑީއާރުޕީންނެވެ. އެކަމަކު، އެ ޕާޓީގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި، ޕީޕީއެމް އުފަންވުމުން ފަހުން ޔާމީނާ އެކު ޕީޕީއެމާ ގުޅިވަޑައިގަތީ އެވެ.