އިންޝުއަރެންސް ކުންފުނި، އެލައިޑްގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފަށް އެއީ އަހަރުގެ އެންމެ ހާއްސަ އެއް ދުވަހެވެ. ލޯބިން ކުރި ކައިވެންޏަށް 11 އަހަރު ފުރުން އޭނާ ފާހަގަ ކުރަން ބޭނުންވީ އެހާމެ ހާއްސަކޮށެވެ. އެކަމަކު އަނބިމީހާ އާއި އެކުވެރިން ހެއްވައިލުމަށް އޭނާ ދިން ސަޕްރައިޒް ބައެއް މީހުންނަށް ކަމުނުދިޔައީ އެވެ. ނިއުޝާދުގެ ނަޒަރުގައި އެ ހަދިޔާތަކުގެ ނުުބައި މާނައެއް ނަގައިގެން، ސޯޝަލް މީޑިއާގައި ބައެއް މީހުން އޭނާ ފަލީހަތްކޮށްލީ އެވެ.

ކޮންމެ އަހަރަކު ވެސް ކައިވެނީގެ އަހަރީ ދުވަސް، ތަފާތު ގޮތަކަށް ފާހަގަ ކުރަން ބޭނުންވާ ނިއުޝާދު އޭނާގެ އަނބިމީހާ އަށް ދިނީ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވާން ބޭނުން ކުރާނެ ސާމާނެވެ. އޮފީހުގައި އިނދެ ނެގި ވީޑިއޯއެއްގައި އޭނާ ވަނީ އެ ސާމާނުތަކުގެ މުހިއްމު ކަމާއި އެ ބޭނުން ކުރެވޭނެ ގޮތް މަޖާ ގޮތަކަށް ކިޔައިދީފަ އެވެ. އަންހެނުންނަށް ގަނެދިން ފަޔާ ބްލޭންކެޓް ނުވަތަ އަލިފާން ރޯވުމުން ގައިގައި އޮޅާ ރަޖާގަނޑު ދައްކާލަމުން ބުނީ އެއީ "އަންހެނުން ރުޅިއައީމާ ވެސް ނުވަތަ އަލިފާން ރޯވީމަ ވެސް ނިއްވަން ބޭނުންކުރެވިދާނެ އެއްޗެއް" ކަމަށެވެ. އަދި ގޭތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގިޔަސް އެ ބޭނުން ކުރެވިދާނެ ކަމަށް އޭނާ ބުންޏެވެ.

އަލިފާން ނިއްވާ ފުޅި ދައްްކައިލީ ވެސް އަނބިމީހާއާ ސަމާސާ ކުރަމުންނެވެ. އޭނާ ބުނީ ކައިވެނި ކޮށްގެން އުޅޭއިރު މާބޮޑަށް މައްސަލަޖެހުނީމަ ވެސް އެ ފުޅި ބޭނުންކޮށްގެން "ރާސްލާފައި ނިއްވާލަން ވީ" ކަމަށެވެ.

"މި އަދި ވަރަށް އަގުހެވޭ. އެންމެ 1080 ރުފިޔާ އަށް،" އަލިފާނުން ރައްކާތެރިވުމަށް އިޝްތިހާރުތައް ހަދާފައިވާ ނިއުޝާދު، އެންޓި ފަޔާފުޅި ދައްކައިލަމުން ބުންޏެވެ.

އަނބިމީހާ އަށް ބޭނުން ކުރެވޭނެ އަދި ވަރަށް މުހިއްމު މި ހަދިޔާތަކާއެކު އޭނާ ތައްޔާރުކުރި ދޮޅުމިނިޓްގެ ވީޑިއޯ ނިއުޝާދު އަޕްލޯޑް ކުރީ ސޯޝަލް މީޑިއާގެ އޭނާގެ ޕްރައިވެޓް އެކައުންޓުތަކުގަ އެވެ. އެކަމަކު މި ސަމާސާ ވިހަވީ، އެ ވީޑިއޯ މީހަކު ނަގައިގެން، އެއީ އެލައިޑުގެ އިޝްތިހާރެއްގެ ގޮތުގައި އާއްމު ކުރުމުންނެވެ. ފޭސްބުކްގައި އެ ވީޑިއޯ އާއްމު ކުރި މީހާ ބުނީ އެއީ އަންހެނުން ކުޑައިމީސް ކުރުމުގެ ގޮތުން އެ ކުންފުނިން ހެދި އިޝްތިހާރެއް ކަމަށާއި ތަނެއްގައި ރޯވާ އަލިފާނާއި އަންހެނުން ހަމަހަމަ ނުކުރެވޭނެ ކަމަށެވެ. ދެން އެ ވީޑިއޯ އެންމެން ވެސް ޝެއާ ކުރަން ފެށީ، އެ މާނައިގައި، ނިއުޝާދަށް ފާޑުކިޔަމުންނެވެ.

އެ މީހާ މިހާރު ވަނީ ވީޑިއޯ ފޭސްބުކުން ނަގައިފަ އެވެ. އެކަމަކު ނިއުޝާދު ދެކޭ ގޮތުގައި އަނބިމީހާ އަށް ހާއްސަކޮށް، ސަމާސާއަކަށް އޭނާ ހެދި ވީޑިއޯއެއް، އެއީ އެލައިޑްގެ އިޝްތިހާރެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރުމަކީ ހިތާމަހުރި ކަމެކެވެ. އަދި ކޮންމެ މަގްސަދެއްގައި އެކަން ކުރި ނަމަވެސް އޭގެ ސަބަބުން އޭނާ އާއި އަނބިމީހާގެ އުފަލަށް ހުރަސް އެޅި، ކުންފުނީގެ ނަމަށް ހުތުރުވެއްޖެ ކަމަށް ބުންޏެވެ.

"މިއަދަކީ އެއްގޮތަކަށް ވެސް އުފާވެރި ދުވަހެއް ނޫން،" މާޔޫސްކަމާއެކު ނިއުޝާދު ފޭސްބުކްގައި ލިޔުނެވެ.

އޭނާގެ މި ސްޓޭޓަސް ޝެއާކޮށް، ގިނަ ބަޔަކު މިހާރު އަންނަނީ ނިއުޝާދަށް ތާއީދު ކުރަމުންނެވެ. އެ މީހުންގެ ނަސޭހަތަކީ ހަގީގަތް ނުބަލައި، ފެންނަ ކޮންމެ އެއްޗަކަށް ފާޑު ނުކިޔުމާއި ޝެއާ ނުކުރުމެވެ.