ބެއިޖިން (ޑިސެމްބަރު 4) - ޗައިނާގެ ޗަންގުއޫ-5 ހަނދުގެ މިޝަންގެ މުހިންމު މަރުހަލާއެއްގައި ހަނދުން ސާމްޕަލް ހިފައިގެން ޖައްވީ އުޅަނދު ދުނިޔެ އަށް މިސްރާބު ޖަހައިފި އެވެ.
ޗައިނާ އިން ހަނދުން ވެއްޔާއި ގަލާ އަދި ހިރަފުހުގެ ސާމްޕަލް ދުނިޔެ އަށް މި ގެންނަނީ އެންމެ ފަހުން ހަނދުން ސާމްޕަލް ގެނައިތާ 44 އަހަރު ފަހުންނެވެ. އެންމެ ފަހުން ހަނދުން ސާމްޕަލް ގެނެސްފައި ވަނީ 1976 ވަނަ އަހަރު އެވެ. އެފަހަރު ވަނީ އެޕޯލޯގެ އެސްޓްރޮނޯޓުން 400 ކިލޯގެ ސާމްޕަލް ގެނެސްފަ އެވެ.
އެކަމަކު އެއީ ތިން ބިލިއަން އަހަރުވެފައިވާ ސާމްޕަލްތަކެއް ކަމަށްވެ އެވެ. އެކަމަކު ޗައިނާ މިޝަންގެ ސާމްޕަލް މުޅިން ތަފާތުވާނެ އެވެ. ޗައިނާގެ އުޅަނދުން ސާމްޕަލް ނަގާފައި ވަނީ ވޮލްކަނިކް އޭރިއާއެއް ކަމަށްވާ މޮންސް ރުމްކާ އިންނެވެ. އެއީ ހަނދުގެ ދުނިޔެއާ ކައިރި ފަރާތުގެ ހުޅަނގު އުތުރެވެ. އެ އޭރިއާގެ ސާމްޕަލް އަށް ވާނީ 1.2 ނުވަތަ 1.3 ބިލިއަން އަހަރު ކަމަށްވެ އެވެ.
ސައެންސްވެރިން އުއްމީދުކުރަނީ މި ފަހަރުގެ ސާމްޕަލް އިން ހަނދުގެ ޖިއޮލޮޖިކަލް ތާރީޚުން ބޮޑު ބައެއް ސާފުވާނެ ކަމަށެވެ.
ޗައިނާގެ ޗަންގުއޫ-5 މިޝަން ފުރިހަމަވާނީ ކާމިޔާބުކަމާ އެކު އުޅަނދު ދުނިޔެ އަށް ޖެއްސުމުންނެވެ.
ޗަންގުއޫ-5 އުޅަނދު ހަނދަށް ތިރިކޮށްފައި ވަނީ މިިދޔަ އަންގާރަ ދުވަހު އެވެ. އެ މަންޒަރުތައް ވަނީ ޗައިނާގެ ޓީވީތަކުން ވަގުތުން ދައްކައިފަ އެވެ.