އަލަށް އިންތިޚާބުވި މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދުމުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ރައީސާއި ނައިބު ރައީސެއް އައްޔަންނުކުރެވި މިއަދުގެ ބައްދަލުވުން ކެންސަލްކޮށްފި އެވެ.
މިހާރު ހިނގަމުންދާ ކައުންސިލްގެ ދައުރު އަންނަ ހޮނިހިރު ދުވަހު ހަމަވާނެ އެވެ. އެހެންވެ، އާ ކައުންސިލަށް މީޑިއާތަކުން ހަތް މެމްބަރުން އަދި އާއްމުންގެ ތެރެއިން ހަ މެމްބަރަކު ވަނީ މިދިޔަ ހޮނިހިރު ދުވަހު ހޮވައިފަ އެވެ.
އެމްއެމްސީއަށް އާ ރައިސާއި ނައިބު ރައިސް ހޮވުމުގައި މައްސަލަ ދިމާވީ، ހޯމް މިނިސްޓްރީން އެ ބައްދަލުވުން އިންތިޒާމްކުރުމުންނެވެ. އިންތިޚާބުވި ބައެއް މެމްބަރުން ދެކޭ ގޮތުގައި، ރައީސާއި ނައިބު ރައީސް ހޮވުމުގެ ބައްދަލުވުމެއް ހޯމް މިނިސްޓްރީއަކަށް އިންތިޒާމެއް ނުކުރެވޭނެ އެވެ.
އޭގެ ބަދަލުގައި، ރައީސާއި ނައިބު ރައީސް ހޮވާ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ އެމްއެމްސީގެ ސެކްރެޓޭރިއޭޓުންނެވެ. އޭގެ އިތުރުން ދައުރު ނުފެށެނީސް، ރައީސާއި ނައިބު ރައީސަކު ހޮވާނެ ގޮތަކާ މެދު ވެސް ބައެއް މެމްބަރުން ސުވާލު އުފެއްދި އެވެ.
ހޯމް މިނިސްޓްރީން ވަނީ ގާނޫނީ ލަފާ ހޯދުމަށްފަހު އެމްއެމްސީގެ ރައީސާއި ނައިބު ރައީސެއް ހޮވުމާ މެދު ވަކި ގޮތެއް ނިންމާނެ ކަމަށް ކަނޑައަޅައި ބައްދަލުވުން ނިންމާލައިފަ އެވެ.
އެމްއެމްސީގެ އިންތިޚާބުގައި 187 މީޑިއާއަކުން ވޯޓުލާފައި ވެ އެވެ.