ޚަބަރު

ޝަހީދު ހުސެއިން އާދަމްގެ ފުރަތަމަ "ކޮމާންޑަރު" އަވަހާރަވުން

ފޮޓޯގެ އަރިމަތީގައި އާދަމް އިސްމާއިލް، ވާތް ފަރާތުގައި ހުސެއިން އާދަމް އަދި ތިރީގައި އޭނާގެ މެޑަލް.

މިދިޔަ އަންގާރަ ދުވަހު އަވަހާރަވި ހދ. ކުޅުއްފުށީ އާދަމް އިސްމާއިލް ވަނީ ހުނަރުވެރި ޑިފެންޑަރެއްގެ ގޮތުން ދިވެހި ފުޓްބޯޅަ ތާރީހުން ޖާގަ ހޯއްދަވާފަ އެވެ. ހަމައެއާ އެކު ގިނަ ބަޔަކަށް ފާހަގަވި ނުވި ނަމަވެސް އޭނާ ވަނީ ނުސީދާ ގޮތަކުން ދިވެހި އަސްކަރީ ތާރީހުން ވެސް ހާއްސަ ޖާގައެއް ހޯއްދަވާފަ އެވެ؛ ނޮވެމްބަރު ތިނެއްގެ ބަތަލު ޝަހީދު ހުސެއިން އާދަމް ސިފައިންގެ ތެރެއަށް ނެރުއްވުމުގެ ފަހަތުގައި ހުންނެވި އޭނާގެ މުދައްރިސުގެ ގޮތުންނެވެ.

އުމުރުން 88 އަހަރުގައި އަވަހާރަވި އާދަމް އިސްމާއިލަކީ ކުޅުދުއްފުށީގައި ވަރަށް ގިނަ ކުޅިވަރުތަކާއި ޖިމްނާސްޓިކް އަދި ކެޑޭޓުގެ ހަރަކާތްތައި އާލާކުރެއްވި ހިދުމަތްތެރިއެކެވެ. އެ ރަށުގެ ފަހުރުކަމުގައިވާ ހުސެއިން އާދަމް ސިފައިންގެ ތެރެެއަށް ނެރުމަށް އާދަމް އިސްމާއިލަށް މަގުފަހިވީ، ކުރު އެހެނަސް ކާމިޔާބު ދުވަސްތަކެއް ފުޓްބޯޅައިގައި ހޭދަކުރެއްވުމަށް ފަހު އެ ރަށުގެ އަމީރު އަމީން ސްކޫލުގެ ކުޅިވަރު މުދައްރިސެއްގެ ގޮތުގައި ކުރެއްވި މަސައްކަތުގެ ތެރެއިންނެވެ.

އެއީ 1980 ވަނަ އަހަރެވެ. އެ ރަށުން ކުދިންތަކެއް ގޮވައިގެން ޖިމްނާސްޓިކުގެ ހަރަކާތްތަކެއް ދައްކާލުމަށް ހދ. ކުމުންދޫ އަށް އާދަމް އިސްމާއިލް ކުރެއްވި ދަތުރެއްގައި، އޭރުގެ ޑިފެންސުގެ ނާއިބް އިލްޔާސް އިބްރާހިމުގެ ހާޒިރުގައި ޑްރިލްއެއް ދައްކާލަން ފުރުސަތު ލިބުނެވެ. ދުވަސްކޮޅެއް ފަހުން މާލޭން އާދަމް އިސްމާއިލަށް އެންގީ ސްކޫލް ކުދިންނާއި ސްކޫލް ނިމިފައި ތިބި ކުދިންގެ ތެރެއިން އިސްކޮޅުގައި ފަސް ފޫޓް ހަތަރު އިންޗި ހަމަވާކުދިން ސިފައިންގެ އަށް ވަންނަން ފުރުސަތު ދީފައިވާ ކަމުގެ މެސެޖެވެ.

"ޝަހީދު ހުސެއިން އާދަމް: ޖީލުގެ ބަތޮލު" ނަމުގައި ކުރީގެ ދުވުންތެރިޔާ ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) ލިޔުއްވާފައިވާ ފޮތަށް އާދަމް އިސްމާއިލް ދެއްވި ތަފްސީލީ އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި އެ ހިސާބުން ހުސެއިން އާދަމް ވެސް ހިމެނޭ ގޮތަށް ސިފައިންގެ އަށް ކުދިން ތައްޔާރުކުރަން މަސައްކަތް ފެށީ ކަމަށެވެ.

އެ ކުދިން ސިފައިންގޭގެ ތަމްރީނަށް ހޭނުވުމަށް އެތަކެއް ކަމެއް ކުރި އެވެ. ޑްރިލް ތަމްރީން ވެސް ދިނެވެ. ބަޑިޔަކީ ގެންގުޅޭ އެއްޗަކަށް ނުވާތީ ބަޑި ރޫޅާރާވާކަށް ދަހެއް ނުކޮށްދެވުނު ކަމަށާއި އެކަމަކު އަމާޒު ކުރާނެ ގޮތް ވެސް ބުނެދިން ކަމަށް ހުސެއިން އާދަމްގެ ފުރަތަމަ "ކޮމާންޑަރު" އާދަމް އިސްމާއިލް ވިދާޅުވެފައިވެ އެވެ.

"ބަޑި ހުންނަ ގޮތް ކިޔާދިނިން. މިވެނި ތަނެއްގައި ހުންނާނެ އުހެއް. އެހެންތަނެއްގައި އިންނާނެ ވައްކޮށް އިންނަ ނަރުކޮޅެއް. ދުނބުގައި އިންނާނެ ތިނޯހެއްހެން އިންނަ ތުނޑެއް. އެ ތިނެތި ސީދާކޮށްފައި ޖަހައިފިއްޔާ އަނބެއްގެ ތަޑުނަމަވެސް ދާނީ ހިފައިގެނޭ...!،" އެ ފޮތުގައި އާދަމް އިސްމާއިލް ވިދާޅުވެފައިވެ އެވެ.

އެ ކުދިން ގޮވައިގެން މާލެ އައީ ވެސް އާދަމް އިސްމާއީލެވެ. "ކަލޭމެން ތިޔަދަނީ ސީދާ ސްކޫލުން ވަޒީފާއަށޭ، ތިދަނީ މާލެއަށޭ، ސިފައިންގެ ތެރެއަށޭ" ކަމަށް ބުނެ އެނާ ގެންދެވީ ދަތުރުމަތީގައި ވެސް އެ ކުދިންނަށް ނަސޭހަތް ދެއްވަމުންނެވެ.

"މީރޭގަނޑޭ ކަނޑޭ ފުންމާލާށޭ ބުންޏަސް ނުކުރޭނެޔޭ ނުބުނާތި...!،" އޭނާ އެ ކުދިންނަށް ނަސޭހަތް ދެއްވަމުން ވިދާޅުވެފައިވެ އެވެ.

އެ ކުދިން ސިފައިންގެއާ ހަވާލުކުރި ވަގުތު ބަނޑޭރިގޭގައި އޭރު ހުރި އޮފިސަރަކު އާދަމް އިސްމާއިލްއާ ދިމާލަށް، "ތިއީ ހާދަ ކުޑަކުޑަ ކުދިންކޮޅެއްދޯއޭ" ބުނެ ނުރުހުމުގެ ބަހެއް އެއްލި އެވެ.

"އަޅުގަނޑު ފަސްއެނބުރި ބަލާލާފައި ބުނެލިން ލައްބަ. އެކުދިން ކުޑައޭ. އެކަމަކު މާދަމާ އެކުދިންނަކީ ގަދަފަދަ ފަހުލަވާނުންނޭ،" އާދަމް އިސްމާއިލް ވިދާޅުވި އެވެ.

އެ ބަސް ތެދުވި އެވެ. ނޮވެމްބަރު 3، 1988 ގައި ދިވެހިންގެ ޚާއިނުންތަކާއި ތަމަޅަ ބާގީން މާލެ އަރައި ދިން އުދުވާނީ ހަމަލާގައި، ބަނޑޭރިގެއިން އެންމެ ފުރަތަމަ ރައްދު ހަމަލާ ދިނީ ގޭޓުގައި ފޯރިމަރަން ހުރި ހުސެއިން އާދަމެވެ. އޭނާ ޝަހީދުވީ ހަނގުރާމަ އަށް ސިފައިން ތައްޔާރުވާން ކުޑަ ވަގުތުކޮޅެއް ނަމަވެސް ލިބުމަށް މަގުފަހިވީ އެ ރައްދު ހަމަލާދޭން ހުއްޓާ ވަޒަން ހުސްވެ، ބާގީންގެ ބަޑީގެ ހަމަލާތަކެއް އަރަ އެވެ.

"ހުސައިނު ޝަހީދުވިކަން އެނގުމުން ވަރަށް ދެރަވި. އޭނާ ސިފައިންގެ ތެރެއަށް ގެންދިޔަ މީހަކީ ވެސް އަޅުގަނޑު ވިއްޔަ!،" އާދަމް އިސްމާއިލް ވިދާޅުވެފައިވެ އެވެ.

"ހުސެއިން އާދަމަކީ އެންމެ ކުޑައިރުއްސުރެ މަރަދުސާ ދައުރުގައި މަގޭ އަތްމަތީ ކުޅުނު ކުއްޖެއް. ރަނގަޅު ބަސްއަހާ ކިޔަމަންތެރި ކުއްޖެއް. ހުސެއިން އާދަމްގެ އުމުރުން ދިހަބާރަ އަހަރުގައި އަހަރުމެންގެ އަތްމައްޗަށް އައި."

ފުޓްބޯޅައިގައި ކުޅުދުއްފުށި ފަހުރުވެރިކޮށްދިން

މުޅި ގައުމު ފަހުރުވެރިވާ ފަދަ ބަތަލެއް ކުޅުދުއްފުށިން ތައްޔާރުކުރުމުގެ ފަހަތުގައި ހުންނެވި އާދަމް އިސްމާއިލަކީ 1970ގެ ތެރޭގައި ފުޓްބޯޅަ ދަނޑުގައި ކުޅުދުއްފުށި ފަހުރުވެރިކޮށްދިން ކުޅުންތެރިއެކެވެ. އައްޑު އަތޮޅުގައި 1970 ވަނަ އަހަރު ބޭއްވި 20 ވަނަ ގައުމީ ފުޓްބޯޅަ މުބާރާތުގައި މިއުޒިކީ ގުލްޝަނުގެ ރާނީ ބަޔަށް ކުޅުއްވުމަކީ އޭނާގެ ފެށުމެވެ. ޖެހިގެން އައި 1971 އާއި 1972 ވަނަ އަހަރު އޭނާ ކުޅުއްވީ ހދ. ނޮޅިވަރަމް ސަންލައިޓް ކްލަބަށެވެ. އޭގެ ތެރެއިން 1971 ވަނަ އަހަރު ގައުމީ މުބާރާތުގެ އެއް ވަނަ ޑިފެންޑަރުގެ މަގާމް ހޯއްދެވި އެވެ.

އާދަމް އިސްމާއިލްގެ ކުޅިވަރު ހަޔާތުގެ އުސްއައްޔަކީ އިނގިރޭސި ރާނީ ކުއީން އެލިޒަބަތު 1972 ވަނަ އަހަރު ރާއްޖެ އަށް ކުރެއްވި ޒިޔާރަތުގައި، ބްރިޓޭނިއާ ޓީމު (މަނަވަރު ޓީމު) އާ ދެކޮޅަށް ރާއްޖޭން ނެރުނު ޓީމަށް ކުޅުއްވުމެވެ. އެ ފުރުސަތު ލިބިވަޑައިގަތީ 1971 ވަނަ އަހަރުގެ ގައުމީ މުބާރާތުގައި ދެއްކެވި މޮޅުކުޅުމުގެ ސަބަބުންނެވެ. ރޭޑިއަންޓް ކްލަބުގެ ކަނޑި އާދަމް މަނިކުގެ ކެޕްޓަންކަމުގެ ދަށުން ކުޅުނު ދިވެހި ޓީމުގައި އާދަމް އިސްމާއިލް އަދާކުރެއްވީ ވާތްފަޅިން ބެކް ބެލެހެއްޓެވުމުގެ ޒިންމާ އެވެ. ރާއްޖެ 2-0 އިން މޮޅުވި އެ މެޗުގައި ގޯލް ޖެހީ މާލޭ ޓެނިސް ކްލަބުގެ ކާމިނީޕޫލް އަބްދުއްޝުކޫރާއި ވައިސް ކެޕްޓަން އައްޑޫ ޑީއެންސީގެ އަބްދުﷲ މުފީދު (އުދުހޭ މުފީދު) އެވެ.

އެ ޓީމަށް ދެން ކުޅުނު ކުޅުންތެރިންގެ ތެރޭގައި ރޭޑިއަންޓުގެ މޫދުމާ އަލީ ނަސީރާއި މިއުޒިކީގެ ގުލްޝަނުގެ ރާނީ ބައިގެ ދ. އިބްރާހިމް މަނިކާއި ޑީއެންސީގެ ހަސަން ތައުފީގާއި ވިކްޓްރީގެ ހޯޑިން އިބްރާހިމް މުހައްމަދާއި ޔޫއެސްއޯގެ މުހައްމަދު އަލީ ހިމެނެ އެވެ. މީގެ އިތުރުން އޭދަފުށީ ބަހިއްޔާ ސައާދާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާ (ބ.ސ.މ.ދ ޖަމިއްޔާ) ގެ އަލީ ވަހީދާއި މާލޭ ޒަމާނީ މިއުޒިކީ ކްލަބުގެ ޖޫލިއަޓް އަބްދުﷲ ރަޝީދު (ޖޫލޭ) އާއި އޯކިޑް ކްލަބުގެ އަހުމަދު އަޖީބާއި މޫން ސްޕޯޓްސް ކްލަބުގެ އަންބަރީ އަބްދުއްސައްތާރު ވެސް ކުޅުއްވި އެވެ.

އެ ކުޅުންތެރިންގެ ތެރޭގައި ފަހުން ހިންގުންތެރިންގެ ގޮތުން ދިވެހި ފުޓްބޯޅަ އަށް އެތައް ހިދުމަތްތަކެއްކޮށްދެއްވި ބޭފުޅުން ހިމެނެ އެވެ. ވެލެންސިއާގެ ފުރަތަމަަ މަސްއޫލުވެރިޔާ ދ. އިބްރާހިމް މަނިކާއި އެފްއޭއެމްގެ ކުރީގެ ޗެއާމަން ޝުކޫރު ފަދަ ބޭފުޅުންގެ ތެރެއިން ތެރެއިން އާދަމް އިސްމާއިލް ފާހަގަކުރެވެނީ އެއް ރަށަކަށް އެންމެ ބޮޑު ހިދުމަތެއް ކުރި އެކެއްގެ ގޮތުގަ އެވެ.

"ކަސްރަތާއި ކުޅިވަރަކީ އަޅުގަނޑު ދަންނަ ނިކަން އުޅޭހިތްވާ ދާއިރާއެއްކަމުން ސްކޫލުގައި އެކަމާ ހަވާލުވެގެން ހުންނަނީ އަޅުގަނޑެވެ،" ކުޑަހުސެންގެ ފޮތަށް އާދަމް އިސްމާއިލް ވިދާޅުވެފައިވެ އެވެ.

އެ ހުރިހާ ހިދުމަތްތަކާ އެކު ކުޑަހުސެން، އާދަމް އިސްމާއިލް ސިފަކުރެއްވީ ކުޅުދުއްފުއްޓާއި އުތުރުގެ ޒާހިރު ނަސީރުގެ ގޮތުގަ އެވެ. ދިވެހި ކުޅިވަރުގެ "ބައްޕަ" ޒާހިރު ނަސީރުގެ ބެލުމުގެ ދަށުން ނުކުމެ ކުޅަދާނަ މެރެތަން ދުވުންތެރިޔަކަށްވި އޮލިމްޕިކް ކޮމިޓީގެ ކުރީގެ ނައިބް ރައީސް ކުޑަހުސެންގެ އެ ސިފަކުރެއްވުމުން، އާދަމް އިސްމާއިލުގެ ހިދުމަތް ވަޒަންކޮށްލެވެ އެވެ.

13 ކޮމެންޓް, 88 ރިއެކްޝަންސް

icon happy icon happy 41%
icon sad icon sad 55%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ާވަރަށް ދެރަ

26 December 2020

ނޮވެންބަރު 11 ގެ ދެން ޝަހީދުވި ޝަހީދުންގެ ވާހަކަ އެހާ ނުދައްކަނީ ކީއްވެބާ؟

The name is already taken The name is available. Register?

ދުންދަނޑި

24 December 2020

އެޒަމާނުގަ ސިފައިންނަކީ މާލޭ ގޯތިގޯތީ ބޭބޭފުޅުން އަވަހާރަފުޅު ލައްޕައިގަތީމަ ގޯތިން ވައްކަންކުރޭތޯ ރަށުތެރޭ ފޯރިމަރަން އުތުރު ރަށްރަށުން ގެންގޮސް ތިބޭބައެއް. މާލޭބޭބޭފުޅުން އަވަހާރަފުޅު ލައްޕައިގެންތިބޭއިރު ގޯތީގަ ރޯވީމަ ނިއްވަންވެސް އޭގެބަޔަކު ތިބޭނެ. ރާއްޖޭގެ އެހެން ރަށްރަށުމީހުން ތިބީ އެކަހަލަ ކަންކަމުން ބަރިއްޔަތްކޮށްފަ. ޓީވީވެސް އޭރުދައްކާނީ އެހެން ރަށްރަށަށް ނުފެންނަހެން ސިގުނަލް ބާރުކުޑަކޮށްގެން ހަމައެކަނި މާލޭމީހުނަށް ފެންނަވަރަށް.

The name is already taken The name is available. Register?

ޕިރާޑ

25 December 2020

ޕިރާޑް ގެ ފޮތް ކީމަ އެނގޭނެ ކީވެކަން އުތުރު މީހުން ނަގަނީ. ދިވެހި ތާރިހް ކުޑަކޮށް ވެސް އެގޭނަމަ ތިހެން ސިފައިން ދަށް ނުކޮށްލާނެ.

The name is already taken The name is available. Register?

މުބީނު މާރނީ

26 December 2020

ޕޮއިންޓުން ބޭރުނުވޭ. ޕޮއިންޓަކީ އަލްމަރްޙޫމް ޢާދަމް އިސްމާޢީލް އަވަހާރަވުން.

The name is already taken The name is available. Register?

ޑރ. ރާމީ ޙަސަން

24 December 2020

ޝަހީދު ޙުސައިން އާދަމް ގެ ވާހަކަތަކާއި އަލްމަރްޙޫމް އާދަމް އިސްމާޢީލް ގެ ވާހަކަތައް ލިޔެލާފައި އޮތް ފަށުއި ކަމާއިއެކު ގައިން ހީބިހި ނަގައިގެންދިޔަ. މަޢުލޫމާތު މުއްސަދިވި، ވަރަށް މޮޅަށް ދިވެހިބަސް އޭގެ ޤަވާޢިދު ގެ ހަމަތަކުން، ރީތިކޮން ޙަމްދޫން ލިޔެލާފައި އޮތްލިޔުމެއް. އަވަހާރަވެފައިވާ ދެބޭފުޅުންނަކީ ވެސް ކުޅުދުއްފުއްޓަށް ރޯޝަންކަން ގެނެސްދެއްވައިފައިވާ، މުޅި ޤައުމު އަބަދުގެއަބަދަށް ފަޙްރުވުން ޙައްޤު ދެބޭފުޅުން. ސުވަރުގޭގެ ނިޢުމަތް ލައްވަވާށި.

The name is already taken The name is available. Register?

ބަސް

24 December 2020

اللهم اغفر له وارحمه وادخله في الجنة آمين

The name is already taken The name is available. Register?

ސިފައިންގެ މީހާ

24 December 2020

މި ލިޔުމުގައި ބުނެފައި އިނީ ނުސީދާ ގޮތެއްގައި ސިފައިންގެ އަސްކަރީ ތާރީހުން ވެސް ޖާގައި ހޯދާފައިވާ ވާހަކަ އަދި މި ލިޔުމުގައި ނެތް ދޯ ސިފައިންގެ އަށް ސީދާ ހިދުމަތް ކުރި ވާހަކައެއް..އެންވީމަ ލިޔުން ކިޔާފައި ކޮމެންޓު ކުރުން އެދެން.. ސުކުރިއްޔާ..

The name is already taken The name is available. Register?

މަރުވީމާ ނޫހަށް

24 December 2020

ދިވެހި ސިފައިންނަށް ވެސް ނޭނގެ ކާކު ކަމެއް! 20 30 40 އަހަރު ގައުމީ ޚިދުމަތް ކޮށް ރިޓަޔާރ ކުރުމުން މަގުމަތިކޮށް އެއްލާލެވޭ މިނޫން ގައުމެއް ދުށިންތޯ؟ ރަޓަޔަރމަންޓް ބެނެފިޓަކީ އިންކަމެއް ކަމަށް ބަލާ ނުގަނޭ ބެންކުތަކުން! ޕެންޝަން އެކައުންޓްގާ ހުންނަ ގިނަ ފައިސާ މޯގޭޖެއް ގޮތުގަ ބަލައި ނުގަނޭ! ރިޓަޔަރ ކުރާ ގިނަ މީހުން ތިބީ މާރުކޭޓު ގޮޅިތަކުގާ ދަމާ ކަނޑަން! މަރުވީމަ އަގު ވަޒަންކުރުން ވެސް ސިޔާސީ ޓޫލެއް!

The name is already taken The name is available. Register?

އަޙްމަދު.

24 December 2020

ދޮންކަލޯ ސިފައިންގޭގަ ރިޓަޔަރ ކުރަނީ ސިފައިންގެ ހިދުމަތުގަ ތިބޭ ބޭފުޅުން! އާދަމް އިސްމާއީލް އަކީ ސިފައިންގެ ބޭފުޅެއް ނޫން! މާމޮޅުވަން ކޮމެންޓް ކުރިޔަކަސް އަދި ނުވާނެ!

The name is already taken The name is available. Register?

އޯކޭ ؟

24 December 2020

20 30 40 އަހަރު ގައުމީ ޚިދުމަތް ކޮށް ރިޓަޔާރ ކުރުމުން މަގުމަތިކޮށް އެއްލާލެވޭ މިނޫން ގައުމެއް ދުށިންތޯ؟ ރަޓަޔަރމަންޓް ބެނެފިޓަކީ އިންކަމެއް ކަމަށް ބަލާ ނުގަނޭ ބެންކުތަކުން! ޕެންޝަން އެކައުންޓްގާ ހުންނަ ގިނަ ފައިސާ މޯގޭޖެއް ގޮތުގަ ބަލައި ނުގަނޭ! ރިޓަޔަރ ކުރާ ގިނަ މީހުން ތިބީ މާރުކޭޓު ގޮޅިތަކުގާ ދަމާ ކަނޑަން! މަރުވީމަ އަގު ވަޒަންކުރުން ވެސް ސިޔާސީ ޓޫލެއް!

The name is already taken The name is available. Register?

ބަބުރުލް ސަލީމް

24 December 2020

އާދަމް އިސްމާއީލުގެ ފުރާނަފުޅަށް ރަޙްމަތްލައްވާށި. އާމިން.

The name is already taken The name is available. Register?

ނިމޯ

24 December 2020

މީހަކު ދުނިޔޭގައި ހުއްޓާ މީހެއްގެ އަގުވަޒަން ކުރަން ފަސްޖެހޭ ބަޔކު އުޅޭ ވެރިންތަކެއް އުޅޭ ްައުމެއް މި.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

24 December 2020

ލެޖެންޑް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454