ޓޫރިޒަމް މިނިސްޓްރީގެ "މޯލްޑިވްސް ޓޫރިޒަމް ބުލެޓިން" އީ-މެގަޒިންގެ ފުރަތަމަ އަދަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނެދެއްވައިފި އެވެ.
އެ އަދަދު ނެރެދެއްވުމަށް ފަހު ކުރެއްވި ޓުވީޓެއްގައި އެ މަނިކުފާނު ވިދާޅުވީ، މި މެގަޒިންގެ ސަބަބުން ޓޫރިޒަމް ދާއިރާއާ ގުޅުން ހުރި ހުރިހާ ފަރާތްތަކާއި ޓޫރިސްޓުންނާއި ކިޔަވާ ކުދިންނަށް މުހިންމު މައުލޫމާތުތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މި މެގަޒިންގެ އިސްބަހުގެ ގޮތުގައި ރައީސް ވަނީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ޖެހުމާ ގުޅިގެން ކުރިމަތިވި ދަތިތަކުގެ މައްޗަށް އަލި އަޅުއްވައިލައިފަ އެވެ. އެކަމަކު، ކަމާ ބެހޭ އިދާރާތަކާއެކު ކުރި މަސައްކަތުން ރާއްޖެއަކީ ޓޫރިސްޓުންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ބަދަލު ކުރެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވިގޮތުގައި، ކޮވިޑް-19ގެ ސަބަބުން މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމަށް ލިބުނު ގެއްލުމުން އަރައިގަނެވި، މިއަދު ފެށި އާ އަހަރު އެ ސިނާއަތު އިތުރަށް ފުޅާވާނެ އެވެ.
"މޯލްޑިވްސް ޓޫރިޒަމް ބުލެޓިން" ނެރޭނީ މަހަކު އެއް ފަހަރު އެވެ. މި މެގަޒިންގައި ޓޫރިޒަމް ކުރިއެރުވުމަށް ޓޫރިޒަމް މިނިސްޓްރީން ކުރާ މަސައްކަތްތަކާއި ތަފާސްހިސާބުތަކާއި ޓޫރިޒަމާ ގުޅޭ ޖަމިއްޔާތަކުން ހާމަކުރާ މައުލޫމާތުތަކުގެ އިތުރުން ޓޫރިޒަމާ ގުޅުން ހުރި ޚަބަރުތަކާއި އެ ދާއިރާގެ އިސް ބޭފުޅުންގެ އިންޓަވިއު ހިމެނޭނެ އެވެ.