ޓޫރިޒަމުން ލިބޭ އާމްދަނީއާ އަޅާ ބަލާއިރު ފަރުދުންނަށް ކުރާ ފައިދާ މާކުޑަ: ރައީސް

ރާއްޖޭގެ ޓޫރިޒަމުން ރާއްޖެ އަށް ލިބޭ އާމްދަނީއާ އަޅާ ބަލާއިރު ވަކިވަކި ފަރުދުންގެ އިގްތިސާދަށް އެނގުންވާ މިންވަރު އަދިވެސް މާކުޑަ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.


މިއަދު ފާހަގަކުރާ ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ މުނާސަބާގައި ރައީސް ފޮނުއްވި ޚިތާބެއްގައި ވިދާޅުވީ މިހާރު އަމާޒަކަށްވާންވީ ދުނިޔޭގެ ބާޒާރުގައި ރާއްޖޭގެ ޓޫރިޒަމަށް ލިބިފައިވާ މަގުބޫލްކަމުގެ ފައިދާ މިހާރަށް ވުރެ ފުޅާ ގޮތެއްގައި ވަކިވަކި ފަރުދުންނަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށެވެ.

"ރާއްޖޭގައި ހުރި ޓޫރިސްޓް އެނދުގެ އަދަދާއި ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދާއި ޓޫރިޒަމުން ލިބޭ އާމްދަނީއާ އަޅާބަލާއިރު، ފަރުދުންގެ އިގުތިސާދަށް އެނގުންވާ މިންވަރު އަދިވެސް މާކުޑަ. އެ ކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ރަށު ފަތުރުވެރިކަން އަދި ވެސް ފުޅާ ކުރުން،" ޚިތާބުގައި ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމަށް ޓަކައި، ދުނިޔޭގައި މިހާރު މަޝްހޫރުވަމުން އަންނަ ބާވަތްތަކުގެ ޓޫރިޒަމް ތައާރަފްކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެެވެ. އެގޮތުން ބިޒްނަސް ޓޫރިޒަމާއި ކަލްޗަރަލް، ހެރިޓޭޖް، ސްޕޯޓްސް އަދި މެޑިކަލް ޓޫރިޒަމަކީ މިހާރު މަޝްހޫރުވަމުން އަންނަ ބާވަތްތައް ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މީގެ ތެރޭގައި މި ޖަޒީރާތަކުގައި މުޑުވައްކޮށް އާލާކުރެވޭނެ ކިތަންމެ ބާވަތެއް ހުންނާނެކަން ކަށަވަރު،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޓޫރިޒަމްގެ ނާރެހަކީ ރާއްޖޭގެ ރީތިކަމާއި ގުދުރަތީ މުއްސަނދިކަން ކަމަށެވެ. ރާއްޖޭގެ ގުދުރަތީ މުއްސަނދިކަމަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި، "ކަނޑުފަޅުތަކާއި، ގިރިފަރުތަކާއި، ނޫ ވިލުތަކާއި، ދޮންވެލި ގޮނޑުދޮށްތަކާއި ތުނޑިތަކުގައިވާ ދިރުންތަކެވެ." އަދި ރަށްރަށުގެ ހޭޅިފަށާއި ވާތަކާއި ކުޅިތަކާއި ފާތަކުގައި އެވާ ދިރުންތަކަކީ ވެސް ރާއްޖޭގެ ނަލަކަމުގެ ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންކަމުން ތިމާވެށި ހިމާޔަތްކޮށް އެ ދިރުންތަކަށް ހޭހަންކުރުމަކީ ރާއްޖޭގެ ޓޫރިޒަމް ދެމެހެއްޓުމަށްޓަކައި ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ގައުމީ ވާޖިބެއް،" ޚިތާބުގައި ރައީސް ވިދާޅުވި އެވެ.

މީގެ 47 އަހަރު ކުރިން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އުފެއްދީ 60 އެނދާ އެކުގަ އެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ހިތްވަރުގަދަ ދެތިން ވިޔަފާރިވެރިން، މި ސިނާއަތު ފަށްޓަވައި ކޮޅަށް ޖަހައިދެއްވީ، މި ޖީލުގެ މީހުންނަށް ތަސައްވުރު ވެސް ނުކުރެވޭހާ ގިނަ ހުރަސްތައް ގިރާކުރައްވާފައި ކަމަށެވެ.

"މިއަދު ރާއްޖޭގައި ހިންގާ 567 ގެސްޓް ހައުސް، 154 ސަފާރީ، 149 ރިޒޯޓް އަދި 10 ޓޫރިސްޓް ހޮޓާ އެބަ ހުރި. މި ތަންތަނުގައި 47،114 އަށްވުރެ ގިނަ ޓޫރިސްޓް އެނދު ހުރިއިރު، ރާއްޖޭގެ މިހާރުގެ ޓޫރިޒަމަކީ، ދުނިޔޭގެ ބާޒާރުގައި ނަން ހިނގާ، އެންމެ މަގްބޫލު މަރުކާ" އެމަނިކުފާނު ވިދާޅުވި އެވެ.