މަސްވެރިކަމާއި ކޭމްޕިން ފަދަ ކަންކަމަށް ބޭނުންވާ ސާމާނު އުފައްދާ އޮސްޓްރޭލިއާގެ ކުންފުންޏެއްގެ އިޝްތިހާރެއްގައި މީހަކު ވާލު ސޭންޑްވިޗް ކާ މަންޒަރު ދައްކާތީ އެ މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.
މިޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޮސްޓްރޭލިއާގެ ބޯޓިން ކޭމްޕިން ފިޝިން ސްޓޯރް (ބީސީއެފް) ގެ އިޝްތިހާރުގެ މައްސަލަ އެ ގައުމުގެ އެޑްވަޓައިޒިން ސްޓޭންޑާޑް ބިއުރޯ (އޭއެސްބީ) އިން ތަހުގީގުކުރަން ނިންމީ އޭގައި ދައްކާ މަންޒަރެއްގެ މައްސަލާގައި ގިނަ ބައެއްގެ ޝަކުވާ ލިބިފައިވާތީ އެވެ. އިޝްތިހާރުގައި ދައްކާ މަންޒަރުތަކުގެ ތެރެއިން މަސް ބާނަން ޑޮކެއްގެ މަތީގައި އިށީނދެގެން އިންނަ މީހަކު ސޭންޑްވިޗެއް ކާ ތަން ބަލަން ހުންނަ އެހެން މީހެއްގެ ގާތުން، އެ ބޭނުންތޯ އިޝާރާތުން އަހާ ތަން ވެސް ފެނެ އެވެ.
އޭނާ ކާން އިންނަ ސޭންޑްވިޗްގެ ދެ ޕާން ފޮތީގެ ދޭތެރެއިން ވާލެއްގެ ފިޔަގަނޑު ކަހަލަ އެއްޗެއް ދެ ފަރާތަށް ނުކުމެފައިވާ ތަން ފެނެ އެވެ.
ބީސީއެފުން ބުނި ގޮތިގައި މި އިޝްތިހާރުގެ މައިގަނޑު މަގުސަދަކަށްވީ ކުރިއަށް އޮތް ހޫނު މޫސުނުގައި ގިނަ ބަޔަކު ގޭގައި ތިބެން ޖެހިދާނެތީ ދިރިއުޅޭ މާހައުލުގައި މަޖާ އަދި އާ ކަމެއް ކޮށްލަ ހިތްވަރު ދިނުމެވެ. ނަމަވެސް އިޝްތިހާރު ގިނަ ބަޔަކަށް މާނަކުރެވުނީ މިދިޔަ އަހަރު މުޅި ދުނިޔެ އެ ފުށްމިފުށަށް ޖަހާލި ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަން އުފަންވި ގައުމަކީ ޗައިނާ ކަމަށް އިޝްތިހާރުން ދޭހަކޮށް ދިނުމެވެ. މީގެ ކުރިން ވެސް ބައެއް މީހުން ތުހުމަތުކޮށްފައިވާ ގޮތުގައި ކޮވިޑް-19 ޖައްސާ ކޮރޯނާ ވައިރަހުގެ އަސްލަކީ ޗައިނާގެ މީހުން ވާލުމަސް ކާތީ އޭގެ ސަބަބުން އުފަންވި ވައިރަހެކެވެ.
ނަމަވެސް ވަކި ގައުމަކަށް ރައްދުވާ ގޮތަށް ސާބިތުނިހިފޭ ކަމެއްގައި އިޝްތިހާރެއް ހަދައި އެ އާންމުކުރި މައްސަލަ ބަލަމުން އަންނަ އިރު އޭއެސްބީން ބުނީ ވާލު ސޭންޑްވިޗް އިޝްތިހާރަކީ ލުއިކޮށް ނަގަން ޖެހޭ ކަހަލަ ކަމެއް ނޫން ކަމަށެވެ.
"މީގެ ސަބަބުން ނުރަނގަޅު ކަމެއް ކުރުމުގެ ހިތްވަރު ވެސް ބަޔަކަށް ލިބިދާނެ. އަނެއްކޮޅުން އިޝްތިހާރާ ގުޅޭ ގޮތުން ލިބުނު ޝަކުވާތައް ވެސް ވަރަށް ގިނަ." ތަރުޖަމާނު ވިދާޅުވ އެވެ.
ވާލު ސޭންޑްވިޗް ކާ މަންޒަރު ދައްކާ އިޝްތިހާރު ބީސީއެފުން ފޭސްބުކްގައި އާންމުކުރީ މިދިޔަ މަހުގެ 11 ގަ އެވެ.
ބައެއް ތަޖުރިބާކާރުން ވިދާޅުވެފައިވާ ގޮތުގައި އޮސްޓްރޭލިއާ އިން ޗައިނާ އަށް ރައްދުވާ ގޮތަށް ހެދި އިޝްތިހާރުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ވެސް ބުރޫއެރުމުގެ ފުރުސަތު ބޮޑެވެ. މި ފަހުން ވެސް ޗައިނާ އާއި އޮސްޓްރޭލިއާގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވެ އެވެ.