ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު ލިބުނުތާ އެންމެ ތިން ދުވަސް ތެރޭގައި އީލޮން މަސްކްގެ އާމްދަނީ ދަށްވެ، ހޯމަ ދުވަހު އަނެއްކާ ވެސް އޭނާ ދެވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމަށް ތިރިވެއްޖެ އެވެ.
ޓެސްލާ އާއި ސްޕޭސް އެކްސްގެ ވެރިޔާ ދުނިޔޭގެ އެންމެ މުއްސަނދި މީހާ މަގާމު ކަށަވަރުވިކަން ނޫސްތަކުން ގެނެސްދީނީ މިދިޔަ ހުކުރު ދުވަހު އެވެ. އޭރު ބުނެފައި ވަނީ ޓެސްލާގެ ކުންފުނީގެ އާމްދަނީ މިދިޔަ އަހަރު ވަރަށް ބޮޑަށް އިތުރުވެ، ހިއްސާގެ ބާޒާރުގައި ވެސް އެ ކުންފުނީގެ ހިއްސާގެ އަގު ވެސް އުފުލިފައިވާތީ އީލޮންގެ އާމްދަނީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު ދެކުނު އެފްރިކާ އަށް އުފަން އީލޮން އަށް ހުކުރު ދުވަހު ލިބުނު އިރު މިލްކިއްޔާތު 195 ބިލިއަން ޑޮލަރަށް އަރަ އެވެ.
ފޯބްސް އިން ބުނި ގޮތުގައި އެ މަގާމު އޭނާ އަށް ހޯމަ ދުވަހު ގެއްލުނީ އެއް ދުވަހުގެ އާމްދަނީ ގާތްގަނޑަކަށް 14 ބިލިއަން ޑޮލަރު ގެއްލުމާ ގުޅިގެންނެވެ. އެއީ ޓެސްލާގެ ހިއްސާގެ އަގު 8 ޕަސެންޓަށް ވެއްޓުމާ ގުޅިގެންނެވެ.
މިހާރު އީލޮންގެ މިލްކިއްޔާތަކީ 176.2 ބިލިއަން ޑޮލަރެވެ. އެއީ މިހާރު އަނެއްކާ ވެސް އެންމެ މުއްސަނދި މީހާގެ މަގާމު ލިބުނު އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސްގެ މިލްކިއްޔާތާ އަޅާކިޔާ އިރު 6 ބިލިއަން ޑޮލަރުގެ ދަށްވުމެކެވެ. ދެހާސް ސަތާރަ ވަނަ އަހަރުން ފެށިގެން އެންމެ ބޮޑު މަހުޖަނުގެ މަގާމު ދަމަހައްޓަމުން އައި ޖެފްގެ މިލްކިއްޔާތަކީ މިހާރު 182.1 ބިލިއަން ޑޮލަރެވެ.
މި ވަގުތު ތިން ވަނަ އަށް އެންމެ މުއްސަނދި މީހަކީ މައިކްރޮސޮފްޓްގެ ކުރީގެ ޗެއާމަން ބިލް ގޭޓްސް އެވެ. އޭނާގެ މިލްކިއްޔާތަކީ 120.3 ބިލިއަން ޑޮލަރެވެ.