އަންނަ މަހުގެ 13 އިން ފެށިގެން ލަންކާ އާއި ރާއްޖެއާ ދެމެދުގެ ދަތުރުތައް ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވެއްޖެ އެވެ.
މައުސޫމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލަންކާގެ ބޯޑަރު ހުޅުވައިލުމާ އެކު މި ސަރަހައްދުގެ ޓޫރިޒަމް އިތުރަށް ފުޅާ ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން އަންނަ މަހުން ފެށިގެން ސްރީލަންކަން އެއާލައިން އިން ރާއްޖެ އާއި ލަންޑަނަށް ސީދާ ދަތުރުތައް ފެށުމާ އެކު ދަތުރުފަތުރު ކުރުމުގައި އިތުރު ލުއިތައް ފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނުވަ މަހަށް ފަހު ލަންކާއިން އެ ގައުމުގެ ބޯޑަރު ހުޅުވައިލީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް ޝެޑިއުލްކޮށް ގިނަ އެއާލައިންތަކުގެ ދަތުރުތައް ފެށީ މި މަހުގަ އެވެ. ލަންކާއިން އެ ގައުމަށް ޓޫރިސްޓުން ދަތުރު ކުރުމުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް ވަނީ އާންމުކޮށްފަ އެވެ.
ލަންކާގެ ޓޫރިޒަމް ޑިވެލޮޕްމެންޓް އޮތޯރިޓީން އާއްމުކޮށްފައިވާ އުސޫލުގައިވާ ގޮތުން، އެ ގައުމަށް ދާ ކޮންމެ މީހަކު 14 ދުވަހަށް ކަރަންޓީން ވާން ޖެހެ އެވެ.
އެ ގައުމަކީ އޮންއެރައިވަލް ވިސާ ދޭ ގައުމެއް ނަމަވެސް ހުޅުވައިލާ އިރު އޮން އެރައިވަލް ވިސާއެއް ނުހެއްދޭނެ އެވެ. އެހެންކަމުން އެ ގައުމަށް ދާ އެންމެން ވެސް ކުރިއާލައި ވިސާ ހައްދަން ޖެހެ އެވެ. ވިސާ ހައްދާ މީހުންނަށް ހަ މަސް ދުވަހަށް ޓޫރިސްޓް ވިސާ ލިބޭނެ އެވެ. ވިސާ ހައްދަން ޖެހޭނީ އޮންލައިންކޮށެވެ. ނުވަތަ އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) މެދުވެރިކޮށެވެ.
ލަންކާއިން ވަނީ ޓޫރިސްޓުން ގޮސް ތިބޭނެ ހޮޓާތަކުގައި ރައްކާތެރިކަމުގެ މިންގަނޑު ކަނޑައަޅައި މިހާރު އެތަންތަން ސަޓިފައިކޮށްފަ އެވެ. އަދި ޓޫރިސްޓުންނަށް އެ ގައުމުގައި އެންމެ މަގްބޫލު ތަންތަނަށް ދިއުމުގައި ހުރަސްތަކެއް ނެތަސް އާންމުން ބޭނުން ކުރާ ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ހޯދުމުގެ ފުރުސަތެއް ޓޫރިސްޓުންނަކަށް ނޯންނާނެ އެވެ.