ރާއްޖެ ދުށް އެންމެ ބޮޑެތި ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝެއިހު ރަޝީދު ވަނީ މިސްރާއި ސައުދީ އަރަބިއްޔާގައި ކިޔަވާ ވިދާޅުވެފައި
މުހައްމަދު ރަޝީދު އިބްރާހިމް، ޕީއެޗްޑީގައި އަނގަބަހުން ކުރިއަށްގެންދާ އިމްތިހާނުގައި ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އައިޔޫއެމް
25 ޖެނުއަރީ 2021 - 12:02
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ޕީއެޗްޑީ ނިންމެވި ފުރަތަމަ ބޭފުޅަކަށް، ކުރީގެ އުއްތަމަ ފަނޑިޔާރު ޝެއިޚު މުހައްމަދު ރަޝީދު އިބްރާހިމް ވެވަޑައިގެންފި އެވެ.
މީގެ ހަ އަހަރު ކުރިން ޔުނިވާސިޓީއަކަށް ބަދަލުކުރި އައިޔޫއެމް އިން، ޖުމްލަ ތިން ބެޗެއްގައި 28 މީހަކު މި ވަގުތު އަންނަނީ ޕީއެޗްޑީ އަށް ކިޔަވަމުންނެވެ.
މިސްރާއި ސައުދީ އަރަބިއްޔާއިން މަތީ ތައުލީމު ހާސިލުކުރެއްވި އަދި ރާއްޖެ ދުށް ދީނީ އެންމެ ބޮޑެތި އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ރަޝީދު އިބްރާހިމް 78، ތީސިސް ހެއްދެވީ ފިގްހު އަދި އުސޫލުލް ފިގުހު ދާއިރާ އިން "ރާއްޖޭގައި އާއިލީ މައްސަލަތަކާއި އޭގެ ހައްލު، އިސްލާމީ ޝަރީއަތުގެ އަލީގައި" މައުލޫއަށެވެ.
ޕީއެޗްޑީ ހާސިލުކުރެއްވުމުގެ އެންމެ ފަހު މަރުހަލާގައި އަނގަ ބަހުން ގެންދާ އިމްތިހާނުން އޭނާ އިއްޔެ ވަނީ ފާސްވެވަޑައިގެންފަ އެވެ.
މުހައްމަދު ރަޝީދު އިބްރާހިމް (ކ-2)، ޕީއެޗްޑީ ތީސިސް ނިންމަވައި އަނގަބަހުން ކުރިއަށްގެންދިޔަ އިމްތިހާނަށްފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: އައިޔޫއެމް
ޝެއިހު ރަޝީދަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ދީނީ އެކި ކަންކަމުގައި އިސް މަގާމުތައް އަދާކުރެއްވި ބޭފުޅެކެވެ.
ފުވައްމުލަކަށް އުފަން ޝެއިހު ރަޝީދު އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި ސްޕެޝަލް އަންޑަސެކްރެޓަރީ، 1985-1988 އަށް، ޑެޕިއުޓީ ޖަސްޓިސް މިނިސްޓަރުކަން 1988-1989 އަދި ޖަސްޓިސް މިނިސްޓަރުގެ މަގާމު 1989-1993 އަށް އަދާކުރެއްވުން ހިމެނެ އެވެ. ރާއްޖޭގެ އެންމެ މަތީ ކޯޓަކީ ހައި ކޯޓު ކަމަށް އޮތް އިރު އުއްތަމަ ފަނޑިޔާރުގެ މަގާމަށް ވަޑައިގަތުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި އެވެ.
ދީނީ ތައުލީމު ހާސިލްކުރައްވަން ވަރަށް ދަތި އުނދަގޫތައް ތަހައްމަލްކުރައްވައި ރާއްޖެއިން ބޭރަށް ވަޑައިގެން ވަރަށް ދިގު މުއްދަތެއް ބޭރުގައި ވެސް ހޭދަކުރެއްވި އެވެ.
ޝެއިހު ރަޝީދުގެ އިތުރުން މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް ވެސް ވަނީ ޕީއެޗްޑީ ތީސިސް ނިންމަވައި ހުށަހަޅުއްވައިފަ އެވެ. އެކަމަކު އަނގަ ބަހުން ބާއްވާ އިމްތިހާނެއް އަދި ކުރިއަކަށް ނުގެންދެ އެވެ.
އައިޔޫއެމްގައި ޕީއެޗްޑީ އަށް ކިޔަވައިދޭން ފެށީ، ޔުނިވާސިޓީއަކަށް ބަދަލުކުރިތާ އަހަރެއް ފަހުން، ކުރީގެ ރައީސް އަބްދުﷲ ޔާާމީންގެ ވެރިކަމުގައި 2016ގަ އެވެ. އެ ޔުނިވާސިޓީން މިހާރު އަންނަނީ ފިގްހު އަދި އުސޫލުން ފިގްހު އާއި އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ލެޖިސްލޭޓިކް ޕޮލިސީން ޕީއެޗްޑީއަށް ކިޔަވައިދެމުންނެވެ.
އެ ތަނުގެ ހިޔާވަހިކަމުގައި ޕީއެޗްޑީ ހާސިލްކުރެއްވި ފުރަތަމަ ދަރިވަރާ އެކު، ވައިސް ޗާންސެލަރު ޑރ. އިބްރާހިމް ޒަކަރިއްޔާ "މިހާރު" އަށް ވިދާޅުވީ އެއީ އިސްލާމިކް ޔުނިވަސިޓީން ކިޔަވައިދިނުން އާ މަރުހަލާއަކަށް ގެންދަން ކުރަމުން އަންނަ މަސައްކަތުގެ ނަަތީޖާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސައން
26 January 2021
ޕީއެޗްޑީ ނޫން ކޮންމެ އެއްޗެ ނެގިޔަސް ޤައުމަށް ކުރި ފައިދާއެއްނެތް.
ސަންޕަ ހަސަންބެެ
25 January 2021
ހިތަށްއަރާ ޒައީމުވެސް އެތަނަށްގޮސް ޕީއެޗްޑީނިންމާލާނެނަމައޭ.
ވަޖުދީ
25 January 2021
ފާސް ހޯއްދެވީތީ ރަޝީދު ބެއަށް މަރުހަބާ! ހަގީގަތުގައި ރަޝީދު ބެއަކީ "ޕީީއެޗުޑީ"އަށްވުރެ މޮޅު ބޭފުޅެއް. އުއްމީދަކީ މައުމޫނުހެން ސިޔާސީ ވެވަޑައިގެން ނުއުޅުއްވައި ދީނީ އިލުމު ފަތުރުއްވަވަން އުޅުއްވާނެކަމަށް.
މުފްކިރު
25 January 2021
މަރުޙަބާ ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް.
މރޔމ
25 January 2021
މަރުހަބާ އުސްތާޒް. އަޅުގަނޑުމެންނަށް ކިޔަވައިދެއްވި އުސްތާޒުންގެ ތެރެއިން ފޫހިކަމެއްނެތި ލެކްޗަރތައް ނިންމަވާލައްވާ، ކޮންމެ މައުލޫއަކަށް ވާހަކަދައްކަވާ އުސްތާޒެއް.
ދުއަސްއަ
25 January 2021
ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓްރީ އަކީ، މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއަރޒް. މިނިސްޓަރަކީ ޝެއިޙް ރަޝީދު.
އަހުމަދު ނީޖާދު
25 January 2021
މަރުޙަބާ!
ގެދޮރު ނެތް މާލޭމީހާ
25 January 2021
އެ ބޭފުޅެއްގެ ދަރުސްތައް އަޑު އަހާ ފޫހި ނުވާ ބޭފުޅެއް. އިސްލާމް ދީނަށް ދިވެހިން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް މީޑިއާ މެދުވެރިކޮށް ފަށްޓަވާނެ ނަމައޭ ވަރަށް ހިތަށް އަރާ. މަރުޙަބާ ޝެއިޚް.
ގެދޮރު ނެތް މާލޭމީހާ
25 January 2021
އެ ބޭފުޅެއްގެ ދަރުސްތައް އަޑު އަހާ ފޫހި ނުވާ ބޭފުޅެއް. އިސްލާމް ދީނަށް ދިވެހިން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް މީޑިއާ މެދުވެރިކޮށް ފަށްޓަވާނެ ނަމައޭ ވަރަށް ހިތަށް އަރާ. މަރުޙަބާ ޝެއިޚް.
ރެވި ތެޔޮ ދޮހޮއްކު
25 January 2021
މަންމަގެ އުނގުންފެށިގެން ކައްވަޅަށް ދާންދެން ޢިލްމު އުނގެނޭށެވެ! ޝެއިޚް ގެ ހިތްވަރަށް ހަމަ ސާބަސް. ނަމަވެސް ދެއްކުން ތެރި ކަމެއް ނުވާނަމަ އެއީ!