މީގެ 24 އަހަރު ކުރި އެވެ. އަމީނިއްޔާގެ ފޯރިގަދަ ސްޕޯޓްސް މީޓެވެ. "މާފަންްނު ސްޓޭޑިއަމް"ގައި ހެދި ވެލި ޓްރެކްގައި ބޭއްވި ފުރަތަމަ އެތުލެޓިކްސް މުބާރާތެވެ. އުމުރުން އެންމެ 14 އަހަރުގެ ޝަމްހާ އަހުމަދު 100 މީޓަރު ދުވުން ފަށާ ރޮނގަށް އެރީ ހުސް ފަޔާ ހުރެ އެވެ. އެކަމަކު އެ ރޭސް އޭނާ ނިންމީ ދިވެހި އަންހެން ކުއްޖަކަށް (ދިވެހި ބޮޑު އަންހެނަކަށް ނިސްބަތްކުރިޔަސް) އޭރު ދުވެވިދާނެ ކަމަށް ގިނަ ބަޔަކަށް ގަބޫލު ވެސް ނުކުރެވޭހާ ބާރަށެވެ. ހަމަ އެހާ ބާރެވެ. އޭނާގެ 13:08 ސިކުންތުގެ ރޭސް ތާރީހަށް ވަދެގެން ދިޔައީ ގައުމީ ރެކޯޑްގެ ގޮތުގަ އެވެ.
ދުވުމުގެ އާ ތަރިއެއް އުފަންވީ އެ ދުވަހު އެވެ. އޭގެ ކުރިން ދިވެހި އަންހެނަކަށް 100 މީޓަރު ރޭސް 14 ސިކުންތަށް ވުރެ އަވަހަށް ނިންމިފައެއް ނުވެ އެވެ. އަމީނިއްޔާގެ އައިމިނާރަނި ހައުސް ތަމްސީލްކުރަން ނުކުމެ، އޭނާގެ އުމުރަށް ވުރެ މާ ދޮށީ ކުދިން ބަލިކޮށް ޝަމްހާ އެ ދުވަހު ދެއްކި ހުނަރު ދެން ފަހަތަށް ސޮއްސާލިޔަކަނަ ނުދިނެވެ.
"އަނެއް ދުވަހު ގެންގޮސްފި ގައުމީ ޓީމުގެ ޕްރެކްޓިސްއަށް އޭރު ހުރި ޖަޕާން ކޯޗު. އޭގެ ފަހުން ދެން ގައުމީ ސްކޮޑްގައި ހިމެނުނީ،" ޝަމްހާ، އޭރުގެ ހަނދާންތައް އާކުރަމުން "މިހާރު"އަށް ކިޔައިދިނެވެ.
ދެން ޝަމްހާ ފެނުނީ ދުނިޔޭގެ ބޮޑެތި މުބާރާތްތަކުގައި ރާއްޖެ ތަމްސީލްކުރި ތަނެވެ. ހުސް ފަޔާ ދުވެގެން އެ ދުވަހު ހެދި ރެކޯޑް އަމިއްލައަށް އެތައް ފަހަރަކު މުގުރާލި އެވެ. މިހާރު އަންހެނުންގެ 100 މީޓަރުގެ ގައުމީ ރެކޯޑް ކަމަށްވާ 12:27 ސިކުންތަކީ ކެނެޑާގެ އެޑްމޮންޓަންގައި 2001 ގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައި އޭނާ ދުވި ރޭހުގެ ނަތީޖާ އެވެ. އޭގެ ފަހުން 20 އަހަރު ވީ އެވެ. އަދިވެސް އެ ރެކޯޑްގައި އަތްލެވޭ ވަރުގެ އަންހެން ދުވުންތެރިޔަކު ރާއްޖެއަކުން ނުފެނެ އެވެ.
އެއީ ކީއްވެގެންހޭ، ސުވާލު ކުރެވިދާނެ އެވެ.
ކުޅިވަރުތަކަށް ކުރާ ހޭދަ ބޮޑުވެއްޖެ އެވެ. ލިބޭ ފުރުސަތުތައް ގިނަވެއްޖެ އެވެ. ތަމްރީންކުރާ ގޮތްތައް ބަދަލުވެއްޖެ އެވެ. އެކަމަކު އަދިވެސް މި އުޅެނީ މީގެ 20 އަހަރު ކުރީގެ ބައެއް ދުވުންތެރިން ދައްކާލި ހުނަރާ އަރާ ހަމަނުކުރެވިގެންނެވެ.
ކީއްވެގެން ހެއްޔެވެ؟
އެ ސުވާލުގެ ޖަވާބަކީ ފުރަތަމަ ފަހަރަށް އެކުވެނި ދަނޑުގައި (ކުރީގެ މާފަންނު ސްޓޭޑިއަމްގެ ގޮތުގައި މަޝްހޫރުވި ސަރަހައްދުގެ އެއް ބައި) އެޅި ސިންތެޓިކް ޓްރެކް ކަހަލަ ދުވަން ފަސޭހަ ޓްރެކެއް ނެތުމުންނޭ ބައެއް މީހުންގެ ހިތަށްއަރާފާނެ އެވެ. ޖެނުއަރީ 16 ވަނަ ދުވަހު ސިިންތެޓިކް ޓްރެކް ހުޅުވުމުގެ ކުރިން އެއީ ވެލީގައި ހަދާފައި އޮތް ދުވާ ޓްރެކެވެ.
އިންޑިއާ ސަރުކާރުގެ އަށް މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ހެދި ސިންތެޓިކް ޓްރެކާ އެކު ދިވެހި ދުވުންތެރިން "އުދުހިގެންފާނެއޭ" ބައެއް މީހުންނަށް ސިފަކުރެވުނެވެ.
އެކަމަކު ޝަމްހާގެ ތަރި ދިވެހި ކުޅިވަރުގެ އުޑުގައި ފިޔަ ޖަހަން ފެށިއިރު ހުރިހާ ތަމްރީނެއް އޮތީ ވެލި ޓްރެކްގަ އެވެ. ހުރިހާ ހިތްވަރެއްކުރީ އޭރު ލިބެން ހުރި މަދު ވަސީލަތްތަކުގެ ބޭނުން އެންމެ މައްޗަށް ހިފައިގެންނެވެ. ޝަކުވާތަކެއް ހުއްޓަސް، ތިމާގެ ހުނަރުގެ ތަރައްގީއަށް ލާން ޖެހޭ ހިތްވަރަށް ކުޑަ ވެސް އުނިކަމެއް އަޔަނުދީ އެވެ.
ސިންތެޓިކް ޓްރެކް ހުޅުވަން ރައީސް އިބްރާހިމް މުހަައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިިގެންނެވި ރަސްމިއްޔާތުގައި ކުރީގެ ދުވުންތެރިއެއްގެ ހައިސިއްޔަތުން ޝަމްހާ ވެސް ހުއްޓެވެ. އެކަމަކު އެ ދުވަހާއި ޝަމްހާ މާލޭގައި ހުރިހުރުމާ ދިމާވީ އިއްތިފާގަކުންނެވެ.
ދުވުން މަތިން ފޫހިކުރުވި ސެޕްޓެމްބަރު 11ގެ ހަމަލާ
އުމުރުން 39 އަހަރެވެ. ދިރިއުޅެނީ ޖަރުމަނުގަ އެވެ. ޖަރުމަނުގެ ދެ މީހަކާ ކުރި ދެ ކައިވެނިން ތިން ކުދިން ލިބިއްޖެ އެވެ. ފުރަތަމަ ކައިވެންޏަށް ދެ ފިރިހެން ކުދިންނެވެ. ދޮށީ ދަރިފުޅުގެ 17 ވަނަ އުފަން ދުވަސް ފާހަގަކުރީ މިދިއަ މަހު 3 ގަ އެވެ. ފަހުގެ ކައިވެނީގައި ލިބުނު އަންހެން ދަރިފުޅުގެ އުމުރުން އަދި އެންމެ ދެ އަހަރެވެ.
އާ ޓްރެކް ހުޅުވުން ދިމާވީ މަންމަ ހަފީޒާ އަހުމަދާއި އާއިލާގެ މީހުން ދެކިލަން ތުއްތު ދަރިފުޅާ އެކު ޝަމްހާ މާލެ އައިސް ހުރި ދުވަސްކޮޅާ އެވެ. އޭނާ ދުވުންތެރިޔަކަށް ހަދަން މަންމަ ކުރި މަސައްކަތް އަބަދުވެސް ހިތުގައި އޮވެ އެވެ. މަންމަގެ އަޅާލުމާއި ހިތްވަރުދިނުން، ޝަމްހާ ސިފަކުރަނީ "އޭގެ މިސާލެއް ނެތް ކަމެއް"ގެ ގޮތުގަ އެވެ.
މާލޭގެ ދުވާ ޓްރެކާ އޭނާގެ ކުޑައިރާއި ޒުވާން ދުވަސްވަރުގެ ހަނދާންތަކާ ގުޅިފައި އޮތީ ވަރަށް ބޮޑަށެވެ. އެހެންކަމުން އެތަނަށް އައި ޒަމާނީ ތަރައްގީގެ ސަފުހާއެއް ހުޅުވުނު ދުވަހު އެކަމުގައި ބައިވެރިވެވުނީތީ އޭނާ ފަހުރުވެރިވެ އެވެ. ދުވުމަކީ އޭނާގެ ހަޔާތުން ފޮހެލެވެން ނެތް އަދި މިއަދު ވެސް ދުރުވެވެން ނެތް ލޯތްބެކެވެ. އޭރު "ހުސް ވަގުތު ވެސް، ނިދާ އިރު ވެސް، އަދި ކޮންމެ ކަމެއްގައި އުޅުނަސް ދުވުން އޮންނަނީ ބޮލު ތެރޭގައި" ކަމަށް ސިފަކުރަނީ ގުދުރަތީ ގޮތުން އޭނާ އާއި ދުވުމާ އޮތް ގާތް ގުޅުމާ ހެދި އެވެ.
ވެލީގައި ދުވެ އޭނާ ހަދާފައި އޮތް ގައުމީ ރެކޯޑުން ބުނެދެނީ އެންމެ ވާހަކައެކެވެ: ކޮންމެ ކަހަލަ ތަނެއްގައި ޕްރެކްޓިސް ކުރިޔަސް ބޭނުންވަނީ ހިތްވަރާއި ފަރުވާތެރިކަމެވެ.
"އޭރު އަބަދުވެސް ވިސްނޭނީ ދުވުމާ ބެހޭ ގޮތުން. ހަޔާތުގައި ވަރަށް ސީރިއަސްކޮށް ކުރި ކަމެއް އެއީ،" 1990ގެ އަހަރުތަކުގެ ފަހުކޮޅު އޭނާގެ ދުވުމުގެ ތަމްރީންތައް ގެންދިޔަ ގޮތާ މެދު ބުންޏެވެ.
"ދެ އިރު ބަރާބަރަށް ދުވަން ދާނެ. މީހުންނަށް ނޭނގުނަސް 100 މީޓަރުގެ ޓްރޭނިންއަކީ ވެސް ވަރަށް ހާޑު އެއްޗެއް. ބައެއް ދުވަސްދުވަހު ޕްރެކްޓިސްގައި ހޮޑު ވެސް ލެވޭނެ. އެހާ ވެސް ބުރަކޮށް މަސައްކަތްކުރީ."
އަމާޒަކަށް ވެފައި އޮންނަނީ ބޭރުގެ ބޮޑެތި އަދި ސަރަހައްދީ މުބާރާތްތަކުގައި، ފަހަރަކަށް ވުރެ ފަހަރަކު ވަގުތު އަވަސްކުރުމެވެ. އެދުވަސްވަރު މިހާރަށް ވުރެ މި ސަރަހައްދުގެ ސްޕްރިންޓަރުންގެ ދުވެލި ބާރެވެ. އެކަމަކު ޝަމްހާ ބުނި ގޮތުގައި 2001ގައި ޕާކިސްތާނުގައި ބާއްވަން އޮތް ސާފް ގޭމްސްގެ އަންހެނުންގެ ރިލޭ އިން މެޑެއްޔެއް ލިބުމުގެ އުއްމީދު އޮތެވެ. އިންޑިއާގެ ބެންގަލޫރުގައި ތަމްރީން ހަދަމުން ދިޔައީ އެހާމެ ބުރަކޮށް، އެހާމެ ސީރިއަސްކޮށެވެ. އެކަމަކު ސެޕްޓެމްބަރު 11 ގައި އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާއިން ޝަމްހާގެ އެ އުއްމީދު ވެސް ފުނޑުފުނޑުވީ އެވެ.
"ދެ ދުވަސް އޭރު އޮތީ މުބާރާތް ފަށަން. އެކަމަކު އެ ހަމަލާއާ އެކު މުބާރާތް ކެންސަލްވީ. ރާއްޖެ އަންނަން ޖެހުނީ،" ޝަމްހާ ބުންޏެވެ.
"ހަމަ ރޮވުނު. އެއީ ހިތްދަތި ހަނދާނެއް."
އެހާ ބޮޑު އުއްމީދެއްގައި، އެހާ ވަރުގަދައަށް ތަމްރީން ހަދާފައި އޮއްވާ އެހެންވުމުން ލިބުނު މާޔޫސްކަން، ޝަމްހާގެ ދިރިއުޅުމަށް ވެސް ފެތުރުނެވެ. އާ ސާސްކަފުގެ ފުރަތަމަ އޮލިމްޕިކްސް، އޮސްޓްރޭލިޔާގެ ސިޑްނީ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރި ދުވުންތެރިޔާ ބުނި ގޮތުގައި ދެން ޖެހިގެން އައި ދެ އޮލިމްޕިކްސް ކަމަށް ވާ، އެތެންސް އޮލިމްޕިކްސް (2004) އާއި ބީޖިން އޮލިމްޕިކްސް (2008) ނުބަލައި އޭނާ ހުރީ ދުރުގަ އެވެ.
"އަލުން ބަލަން ފެށުނީ 2012 ގެ ލަންޑަން އޮލިމްޕިކްސް. އެހާ ވެސް ދުރަށް ދެވުނު ދުވުމާ،" ޝަމްހާ ބުންޏެވެ.
ދެން ފެނުނީ ދިގު ދުވުންތަކުން!
ޝަމްހާއަކީ ހަގީގަތުގައި ވެސް ރާއްޖެ ނުދެކޭ ފަދަ އަންހެން ދުވުންތެރިއެކެވެ. ދުވުމާ ދުރުގައި އެތައް އަހަރަކު ހުރެ، ދެން ކުއްލިއަކަށް ފެނުނީ ދިގު ދުވުންތަކުންނެވެ. މިއީ ކުރު ދުވުންތަކަށް ހާއްސަ ދުވުންތެރިންގެ ފަރާތުން ވަރަށް ނުފެންނަ ބަދަލެކެވެ. އެކަމަކު އޭނާ، ރާއްޖޭގެ ނިސްބަތުން ހަމަ ތަފާތެވެ. ނެދަލެންޑްސްގެ ކޯޕަންހޭގަންގައި 2014 ގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައި ހާފް މެރެތަން ދުވެ، އޭރުގެ އަންހެން ގައުމީ ރެކޯޑް، 1 ގަޑި 42 މިނިޓުން ދުވެގެން ހެދި އެވެ.
ޝަމްހާއަކީ އަދިވެސް ރާއްޖޭގެ ފެންވަރުން ބާރު ދުވުންތެރިއެއްކަން އެނގެނީ، 2016 ގައި އޮތް ސާފް ގޭމްސްގައި އަންހެނުންގެ 400 މީޓަރު ރިލޭ ޓީމުގައި ހިމެނި، އެ އިވެންޓުން ގައުމީ ރެކޯޑް ހެދުމުންނެވެ. ދުވުމުގައި ދުރުގައި ހޭދަކުރި އެތައް އަހަރަކަށް ފަހު އެނބުރި އައިސް، އެވަރަށް ދުވެވުމަކީ، ދިވެހިން އަންހެނުންގެ ތެރޭގައި އޭނާގެ ހުނަރު އަދިވެސް ވަރަށް ހާއްސަކަން އެނގޭ ހެއްކެކެވެ.
ޝަމްހާގެ މިހާރުގެ އަމާޒަކީ 5000 މީޓަރާއި ފަސް ކިލޯމީޓަރުގެ ދުވުން 20 މިނިޓަށް ވުރެ އަވަހަށް ނިންމުމެވެ. މިހާތަނަށް ދިވެހި އެއްވެސް އަންހެން ދުވުންތެރިޔަކަށް އެ ދެ އިވެންޓް އެ ސްޕީޑްގައި ދުވެވިފައެއް ނުވެ އެވެ.
"ޓްރެނިން ހަދަމުން މި އަންނަނީ،" ޝަމްހާ ބުންޏެވެ.
"އުއްމީދަކީ 5000 މީޓަރަށް ވުރެ ދަށުގެ ދުވުން ކުރިއަށް އޮތް ތަނުގައި ރަނގަޅުކުރުން."
އޭގެ މާނައަކީ 1500 މީޓަރާއި 3000 މީޓަރު ދުވުމުގައި ވެސް ކުރިއަށް ދިއުމެވެ. ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ ވެސް ތަމްސީލްކުރުމެވެ. އަދި ގައުމީ ރެކޯޑް ވެސް އުފެއްދުމެވެ.
އެކަން ޝަމްހާއަށް ނުވާނެ ހެއްޔެވެ؟ އުމުރުން 40 އަހަރަށް އެޅިއިރު ވެސް، މި ދުވުންތެރިޔާ ފެންނަނީ ވަރަށް ފިޓްކޮށެވެ. އެހާމެ ހިތްވަރުކުރާ ތަނެވެ. ތިން ކުދިން ބެލުމުގެ ޒިންމާ އުފުލަމުން، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ޓްރަވަލް އެޖެންސީއެއްގައި ވަޒީފާ އަދާކުރަމުން، ގޭތެރޭގެ ހުރިހާ ކަމެއް ބަލަހައްޓަމުން، އޭނާ ދުވަމުން އެދަނީ އަނެއްކާވެސް ލޯތްބާ އެކު އެވެ. ހުސް ފައިގައި ދުވެ، ހެދި ގައުމީ ރެކޯޑާ އެކު ދިވެހި ކުޅިވަރުގެ އުޑުން ފިޔަ ޖަހާލި ދުވުމުގެ ތަރި، އަދިވެސް އޮއްސެން ކައިރިނުވާކަން ޔަގީނެވެ.
،