ގޯލްޑެން ގްލޯބްސް އެވޯޑްސްގައި ވާދަކުރާ ފިލްމުތަކުގެ ބައިން އެންމެ މޮޅު އެކްޓަރުގެ ނޮމިނޭޝަން، ދެ މުސްލިމު އެކްޓަރުން ހޯދައި، ތާރީޚު ބަދަލުކޮށްލައިފި އެވެ؛ އެއީ ހެވީ މެޓަލް ކުޅޭ މީހެއްގެ ވާހަކަ ކިޔައިދޭ "ސައުންޑް އޮފް މެޓަލް" އިން އިނގެރޭސިވިލާތުގެ އެކްޓަރު ރިޒް އަހްމަދު އާއި 9/11ގެ ހަމަލާގެ ތަހުގީގުގައި ހިނގި ނުބައި ކަންތައްގަނޑެއް ފަޅާއަރުވާލި ހާދިސާއާކަށް ހަދައިފައިވާ ލީގަލް ޑްރާމާ "ދަ މޮރިޓޭރިއަން" އިން ފްރާންސުގެ އެކްޓަރު ތަހީރް ރަހީމް އެވެ. މީގެ ކުރިން މި ކެޓަގަރީން ވެސް އަދި އެހެން ކެޓަގަރީއަކުން ދެ މުސްލިމަކަށް ގޯލްޑެން ގޯލްބްސް ނޮމިނޭޝަނެއް ލިބިފައެއް ނުވެ އެވެ.
ގޯލްޑެން ގްލޯބްސްގައި އެކަކަށް ވުރެ ގިނަ އަންހެން ޑައިރެކްޓަރަކުން އެއްފަހަރާ ނޮމިނޭޓުމަކީ ވެސް މީގެކުރިން ވެފައިވާ ކަމެއް ނޫނެވެ. މިފަހަރު އެވޯޑަށް ވާދަކުރާ ފިލްމުތަކުގެ ތެރެއިން، އެންމެ މޮޅު ޑައިރެކްޓަރުންގެ ކެޓަގަރީން ތިން އަންހެނަކު ނޮމިނޭޓުވެފައިވެ އެވެ؛ އެއީ ޚިޔާލީ ވާހަކައެއް ކިޔައިދޭ "ވަން ނައިޓް އިން މަޔާމީ" ގެ ޑައިރެކްޓަރު ރެޖީނާ ކިންގާއި، ދިރިއުޅުމުގެ ހުރިހާކަމެއް ދޫކޮށްލާފައި އެމެރިކާގެ ދެކުނަށް ދަތުރުކުރާ އަންހެނެއްގެ ވާހަކަ ކިޔައިދޭ "ނޯމަންޑްލޭންޑް" ގެ ޑައިރެކްޓަރު ކްލޯއީ ޒާއޯ އަދި އާދަޔާ ޚިލާފު އަންހެނެއްގެ ވާހަކަ ކިޔައިދޭ ޑާކް ކޮމެޑީ "ޕްރޮމިސިން ޔަންގް ވުމަން" ގެ ޑައިރެކްޓަރު އެމަރަލްޑް ފިނެލް އެވެ.
މި މަހު 28 ގައި ބާއްވާ ގޯލްޑެން ގްލޯބްސް އެވޯޑުގައި ފިލްމުތަކުގެ ކެޓަގަރީން މިފަހަރު އެންމެ ކުރީގައި އުޅެނީ އެމެރިކާގެ ކުރީގެ މަޝްހޫރު ސްކްރީންރައިޓަރެއްގެ ހަޔާތަށް ބިނާކޮށް، ނެޓްފްލިކްސް އިން ގެނެސްދިން "މޭންކް" އެވެ. ޖުމްލަ ހަ ނޮމިނޭޝަނެއް ލިބުނު މި ފިލްމަކީ ކުޅަދާނަ ޑައިރެކްޓަރު ޑޭވިޑް ފިންޗާގެ ޑައިރެކްޝަނެކެވެ.
ޓީވީ ސީރީޒްތަކުގެ ކެޓަގަރީން ވެސް އެންމެ ކުރީގައި އުޅެނީ ނެޓްފްލިކްސްގެ ސީރީޒެކެވެ. އެއީ އިނގިރޭސިވިލާތުގެ ޝާހީ އާއީލާއަށް ނިސްބަތްކޮށް ގެނެސްދޭ "ދަ ކްރައުން" އެވެ. މި ޑްރާމާ ސީރީޒަކަށް ވެސް ހަތް ނޮމިނޭޝަނެއް ލިބިފައިވެ އެވެ. މިއާ އެކު ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް ގޯލްޑެން ގްލޯބްސްގެ އެންމެ ގިނަ ނޮމިނޭޝަންތައް ކާމިޔާބުކުރީ ސްޓްރީމިން ޖަޔަންޓް، ނެޓްފްލިކްސް އިންނެވެ.
އެންމެ ފާހަގަކޮށްލެވޭ ފިލްމު ނޮމިނޭޝަންތައް
އެންމެ މޮޅު ފިލްމު / ޑްރާމާ
ދަ ފާދާ / މޭންކް / ނޯމަޑްލޭންޑް / ޕްރޮމިސިން ޔަންގް ވުމަން / ދަ ޓްރައިލް އޮފް ދަ ޗިކާގޯ ސެވަން
އެންމެ މޮޅު ފިލްމު / މިއުޒިކަލް ނުވަތަ ކޮމެޑީ
ބޯރަތު ސަބްސިކުއެންޓް މޫވީފިލްމު / ހެމިލްޓަން / މިއުޒިކް / ޕާމް ސްޕްރިންސް / ދަ ޕްރޮމް
އެންމެ މޮޅު ޑައިރެކްޓަރުން
އެމަރަލްޑް ފިނެލް (ޕްރޮމިސިން ޔަންގް ވުމަން) / ޑޭވިޑް ފިންޗާ (މޭންކް) / ރެޖީނާ ކިންގް (ވަން ނައިޓް އިން މަޔާމީ) / އާރޮން ޝޯކިން (ދަ ޓްރައިލް އޮފް ދަ ޗިކާގޯ ސެވަން) / ކްލޯއީ ޒާއޯ (ނޯމަޑްލޭންޑް)
އެންމެ މޮޅު އެކްޓްރެސް / ޑްރާމާ
ވަޔޯލާ ޑާވިސް (މާ ރެއިނޭސް ބްލެކް ބޮޓަމް) / އެންޑްރާ ޑޭ (ދަ ޔުނައިޓެޑް ސްޓޭސް ވާސަސް ބިލީ ހޮލީޑޭ) / ވެނީސާ ކާބީ (ޕީސަން އޮފް އަ ވުމަން) / ފްރާންސެސް މެކްޑޯމަން (ނޯމަންޑްލޭންޑް) / ކެރީ މުލިގަން (ޕްރޮމިސިން ޔަންގް ވުމަން)
އެންމެ މޮޅު އެކްޓަރު / ޑްރާމާ
ރިޒް އަހްމަދު (ސައުންޑް އޮފް މެޓަލް) / ޗެޑްވިކް ބޯސްމަން (މާ ރެއިނޭސް ބްލެކް ބޮޓަމް) / އެންތޮނީ ހޮޕްކިންސް (ދަ ފާދާ) / ގެރީ އޯލްޑްމަން (މޭންކް) / ތަހަރު ރަހީމް (ދި މޮރިޓޭރިއަން)
އެންމެ ފާހަގަކޮށްލެވޭ ޓީވީ ސީރީޒް ނޮމިނޭޝަންތައް
އެންމެ މޮޅު ޓީވީ ސީރީޒް / ޑްރާމާ
ދަ ކްރައުން / ލަވްކްރާފްޓް ކަންޓްރީ / ދަ މެންޑަލޯރިއަން / އޮޒާކް / ރެޗެޑް
އެންމެ މޮޅު ޓީވީ ސީރީޒް / މިއުޒިކަލް ނުވަތަ ކޮމެޑީ
އެމެލީ އިން ޕެރިސް / ދަ ފްލައިޓް އެޓަންޑެންޓް / ދަ ގްރޭޓް / ޝިޗެޓްސް ކްރީކް / ޓެޑް ލައްސޯ
އެންމެ މޮޅު ލިމިޑެޓް ސީރީޒް، އެންތޮލޮޖީ ސީރީޒް، ނުވަތަ ޓީވީއަށް އުފެެއްދި ފިލްމު
ނޯމަލް ޕީޕަލް / ދަ ކުއީންސް ގެމްބިޓް / ސްމޯލް އޭކްސް / ދަ އަންޑުއިން / އަންއޮތޯޑޮކްސް
ގޯލްޑެން ގްލޯބްސް އެވޯޑްސް ދެނީ ޖުމްލަ 25 ކެޓަގަރީއަކުންނެވެ.