ކޮވިޑް-19 އިން ދިފާއުވުމަށް ޗައިނާ އިން ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާ ކުރަން ނިންމައިފި އެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިއޮން މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ 100،000 ޑޯޒްގެ ވެކްސިން ރާއްޖެއަށް ހަދިޔާ ކުރަން ނިންމައި، އެކަން ފޮރިން މިިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލު ކުރައްވައިި ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ. އަދި އެ ތަކެތި ރާއްޖެއަށް އަވަހަށް ގެނެވޭ ގޮތެއް ހަމަޖައްސަން މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް ސަފީރުގެ ޓްވީޓްގައިވެ އެވެ.
ކޮވިޑް-19 އިން ދިފާއުވުމަށް ޗައިނާ އިން އުފެއްދީ ސައިނޯފާމް ކިޔާ ވެކްސިނެކެވެ. އެ ވެކްސިން އެހެން ގައުމުތަކުގައި ބޭނުން ކުރަން ހުއްދަ ދީފައިވާއިރު، ހެޔޮ އެދޭ ފަރާތްތަކުން އޭގެ 5،000 ޑޯޒް ރާއްޖެއަށް ކުރިން އޮތީ ހަދިޔާކޮށްފަ އެވެ. އެކަމަކު އެ ވެކްސިން ރާއްޖޭގައި ބޭނުން ކުރަން ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިހާތަނަށް އަދި ހުއްދައެއް ނުދެ އެވެ.
ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އެ ވެކްސިން ބޭނުން ކުރަން ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދިނުމުން އެ ވެކްސިން ޖެހުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެންމެ ފުރަތަމަ މަރުހަލާގައި އެ ވެކްސިން ދެނީ ސިއްހީ ޚިދުމަތްތެރިންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.