ކޮވިޑް-19 އާ ހެދި ފަސްކުރުމަށް ފަހު، އަންނަ އޭޕްރީލް މަހު 10 ވަނަ ދުވަހު ބާއްވަން ނިންމި ލޯކަލް ކައުންސިލް އިންތިޚާބު އިންތިޒާމްކުރުމާއި އިންތިހާބަށް ކެމްޕެއިން ކުރުމުގައި އަމަލުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވައިލި ގައިޑްލައިނުން ބޮޑެތި ހުރަސްތަކެއް ކުރިމަތިވާ ކަމަށް ބުނެ އިންތިހާބު ފަސްކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން އެޗްޕީއޭ އިން އެކުލަވާލައި ރޭ ގެޒެޓްކުރި ގައިޑްލައިނާ ހެދި މިއީ ބުރަ ބޮޑު އިންތިޚާބަކަށް ވާނެ ކަމަށާއި އެހެންވެ ހައްލު ހޯދަން މަޖިލީހަށް ހުށަހަޅަން ނިންމެވީ ކަމަށެވެ.

އެޗްޕީއޭގެ ގައިޑްލައިނުގައި ބާރުއަޅާފައި އޮތީ ބަލި ނުފެތުރޭ ގޮތަށް އިންތިޚާބު ބާއްވާށެވެ. އެހެންވެ އެކަމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ހެދި އިންތިޚާބު ބާއްވަން އީސީން ކުރަންޖެހޭ މަސައްކަތްތައް ގިނަވެފައި ޚަރަދުތައް ވެސް ދެ ގުނަ ބޮޑުވެ މުޅި އިންތިޚާބު 100 މިލިއަން ރުފިޔާއާ ގާތްކުރާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ބަޖެޓްކޮށްފައި ވަނީ 51 މިލިއަން ރުފިޔާ އެވެ. ގައިޑްލައިންގައި ހުރި ކަންކަން ފުރިހަމަކޮށްގެން އިންތިޚާބު ބާއްވާ ނަމަ އިތުރަށް 44.9 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް އީސީން ބުނެ އެވެ. ގައިޑްލައިނުގައި އޮތް ގޮތުން ނަމަ އެންމެ ބޮޑު ޚަރަދެއް ހިނގާނީ އިންތިޚާބާ ބެހޭ އޮފިޝަލުންނަށް ކަމަށް ޝަރީފް ކުރިން ވިދާޅުވެފައިވެ އެވެ.

ގައިޑްލައިނުގައި ބުނެފައިވާ ގޮތުގައި ކޮވިޑަށް ޕޮޒިޓިވް މީހުންނާއި ކަރަންޓީން ފެސިލިޓީސްތަކުގައި ތިބޭ މީހުން ވޯޓުލާ މަރުކަޒަށް ގެންގޮސް ވޯޓުލުމުގެ ފުރުސަތު ދިނުމަށް ފަހު ރައްކާތެރިކަމާ އެކު ގެންގޮސް ދިނުމަކީ ވެސް އީސީގެ ޒިންމާއެކެވެ. މިކަން ނުކުރެވޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވެފައިވެ އެވެ. ޝަރީފް ވިދާޅުވީ އެކަމަކު، ބައްޔަށް ޕޮޒިޓިވް މީހަކު ވޯޓުލާން މަރުކަޒަށް އައިސްފި ނަމަ އެ ހައްގު އީސީން ނިގުޅައިނުގަންނާނެ ކަމަށެވެ.

އެޗްޕީއޭގެ ގައިޑްލައިނުގައިވާ ގޮތުން އިންތިޚާބުގެ ކެމްޕޭން ކުރިއަށް ގެންދަން ޖެހެނީ ރައްކާތެރިކަމާ އެކުގައިތޯ ކަށަވަރުކުރަން ޖެހެ އެވެ. އިންތިޚާބުގެ މަސައްކަތް ނުހުއްޓޭނެ ގޮތެއް ބެކަޕް ޕްލޭނެއް [އިތުރު އޮފިޝަލުން] ކަނޑައެޅުމާއި ވޯޓާސް ލިސްޓާއި އެހެނިގެން ލިޔެކިޔުންތައް އޮންލައިންކޮށް ބެލެހެއްޓޭނެ އިންތިޒާމު ވެސް ހަމަޖައްސަން ޖެހެ އެވެ.

ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެ ރިސޯޓެއްގައި ވޯޓުލެވޭނެ ގޮތް ހަމަޖައްސައިދޭން ޖެހޭއިރު އިންތިޚާބުގެ މަސައްކަތެއްގައި އުޅެނިކޮށް ކޮވިޑުގެ އަލާމާތެއް ފެނިއްޖެ ނަމަ އެ މީހަކު ވަގުތުން އެކަހެރިކޮށް އިލެކްޝަންސަށް އަންނަން ވެސް ވަނީ ކަނޑައަޅައިފަ އެވެ. ވޯޓުލުމުގެ ކިއޫ ކުޑަކުރަން ވޯޓުލާ މަރުކަޒުތަކާއި ފޮށީގެ އަދަދު އިތުރުކުރުމާއި ވޯޓުލާ ވަގުތު އިތުރުކުރުމާއި ވޯޓު ކިއޫގައި ތިން ފޫޓުގެ ދުރު މިން ހުންނަ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމާއި ވޯޓުގުނާ މަރުކަޒުތަކުގައި ވެސް އޮފިޝަލުންގެ މެދުގައި ތިން ފޫޓުގެ ގައިދުރުކަން ބަހައްޓަން ޖެހޭނެ ކަމަށް އެޗްޕީއޭގެ ގައިޑްލައިނުގައިވެ އެވެ.

ކުރީގެ އިންތިޚާބުތަކުގައި ރިސޯޓްތަކުގައި ވޯޓު ފޮށި ބަހައްޓަނީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ 50 މީހުން ހަމަވާ ނަމަ އެވެ. އެ އަދަދު ހަމަ ނުވާ ނަމަ އެ ރިސޯޓެއްގެ މުވައްޒަފުން ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސަނީ އެންމެ ކައިރި ރަށެއްގަ އެވެ. ނަމަވެސް އެގޮތަށް އެހެން ރަށްރަށަށް ގޮސް ވޯޓުލާން ފުރުސަތު ނުދެވޭނެ ކަމަށް ގައިޑްލައިނުގައި ކަނޑައަޅާފައިވެ އެވެ. އެހެންވެ ވޯޓު ލުމުގެ ހައްގު ލިބޭ މީހުން ތިބޭ ކޮންމެ ރިސޯޓެއްގައި އީސީން ވޯޓު ފޮށި ބަހައްޓަން ޖެހެ އެވެ.

މި ކަންކަމުގެ އިތުރުން ވެސް، ކެމްޕޭނަށް ދެ މީހުންނަށް ވުރެ ގިނައިން ގޭގެއަށް ނުދެވުމާއި އެއްވުންތައް ނުބޭއްވުން ފަދަ އުސޫލުތައް ގައިޑްލައިނުގައިވެ އެވެ.

މި ނޫނަސް، ކެމްޕޭނާއި އިންތިޚާބުގެ އިންތިޒާމުތަކަށް ވަރަށް ބޮޑަށް ހުރަސްއެޅޭ ގޮތަށް އުސޫލުތައް ހުރިކަން އީސީން ކުރިން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އަންނަ އޭޕްރީލް މަހު އިންތިޚާބު ބާއްވަން ނިންމީ މިދިޔަ އަހަރު ބާއްވަން އޮތް އިންތިޚާބު ކޮވިޑާ ހެދި ފަސްކުރަން ޖެހުމުން އެކަމަށް ހާއްސަކޮށް ހެދި ގާނޫނު ވެސް އިސްލާހުކުރުމަށް ފަހުުގަ އެވެ. ނަމަވެސް އިންތިޚާބަށް އަލުން ތާރީޚު ކަނޑައެޅި އިރު ވެސް އީސީން ވަނީ އެޗްޕީއޭގެ ގައިޑްލައިންތައް ހުރި ގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.