ވަކާލާތު ނުކުރެވޭ ގޮތަށް ސުއޫދަށް އައި ސަސްޕެންޝަން އުވާލައިފި

ގާނޫނީ ވަކީލް ހުސްނުއް ސުއޫދަށް އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް އޭނާގެ މައްޗަށް އައިސްފައިވާ ސަސްޕެންޝަން މިރޭ އުވާލައިފި އެވެ.


މިދިޔަ ހަފުތާއިން ފެށިގެން މުއްދަތެއް ނެތް ގޮތަށް ސުއޫދު ސަސްޕެންޑްކުރީ ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ޓްވީޓްތަކެއް ކުރި ކަމަށް ބުނެއެވެ.

ސުއޫދުގެ ސަސްޕެންޝަން އުވާލިކަން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން މިރޭ އިއުލާން ކުރިއިރު މިދިޔަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓަށް ސުއޫދު ހާޒިރުކޮށް، އޭނާގެ ބަޔާނެއް ނަގައި އިންޒާރާއި ނަސޭހަތް ވަނީ ދީފަ އެވެ.

ސުއޫދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވެސް އެއްވެސް ކޯޓެއްގައި ވަކާލާތު ކުރުން ވަނީ ވަގުތީ ގޮތުން މަނާކޮށްފަ އެވެ. އެކަމަކު އޭނާގެ ސަސްޕެންޝަން އަދި މިހާތަނަކަށް އުވައެއް ނުލަ އެވެ.