ޓޫރިޒަމް ދާއިރާ އަށް މީހުން ތަމްރީނު ކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީ އާއި ގައުމީ ޔުނިވާސިޓީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. ގައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފެވެ.
މި އެއްބަސްވުމުގެ ދަށުން ޔުނިވާސިޓީގައި ހިންގާ ކޯސްތަކަށް ޓޫރިޒަމް މިނިސްޓްރީން އަންގާ ގޮތަށް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ފުރުސަތު ލިބޭނެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިފަދަ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ބޭނުމަކީ ޓޫރިޒަމް ދާއިރާ އަށް ދިވެހި މަސައްކަތްތެރިން އިތުރު ކުރުމާއި ދިވެހިން ބޭނުންވާ ވަޒީފާތައް ފަހިކޮށްދިނުމާއި ދާއިރާއިން އިތުރަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އަދި ބޭނުމަކީ ޓޫރިޒަމް ދާއިރާގައި އިސް މަގާމުތައް ދިވެހިންނަށް އިތުރަށް ހޯދައިދިނުން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ޓޫރިޒަމް ދާއިރާގައި 51،000 މީހުން ވަޒީފާ އަދާކުރާ އިރު ރިސޯޓުތަކުގައި އެންމެ އިސް ވަޒީފާތަކުގައި އަދިވެސް ގިނައިން މަސައްކަތް ކުރަނީ ބިދޭސީންނެވެ.