ރާއްޖޭގައި އޮތް އެންމެ ބޮޑު ފަޅު ވ. ފޮއްތެޔޮ ފަޅު ބޭރުގެ ކުންފުންޏަކަށް ސަރުކާރުން ނުއަގުގައި ވިއްކަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އިސްވެ ތުހުމަތު ކުރަމުންދާއިރު، ވަކި މުއާމަލާތުކާ ގުޅޭ މައުލޫމާތެއް ނުދެއްވިޔަސް، އެއްވެސް ތަނެއް ނުއަގުގައި ނުވިއްކާނެ ކަމުގެ ޔަގީންކަން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ދެއްވައިފި އެވެ.
ފޮއްތެޔޮ ފަޅު ނުއަގުގައި ގާނޫނާ ހިލާފަށް ވިއްކާލުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމުން ރޭ ވަނީ ކަންބޮޑުވުން ފާޅުކޮށް ނޫސްބަޔާނެއް ނެރެފަ އެވެ.
އެ ބަޔާނުގައި ބުނީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ފައިސާ ހޯދުމުގެ ބޭނުމުގައި ރާއްޖޭގެ އެންމެ ބޮޑު އަދި ދުނިޔޭގެ 3 ވަނަ އަށް އެންމެ ބޮޑު ފަޅުކަމަށްވާ ފޮއްތެޔޮ ފަޅު ގާނޫނާ ހިލާފަށް ނުއަގުގައި ސަރުކާރުން ވިއްކާލަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް ރާއްޖޭގެ އަގު ހުރި ދިވެހިންގެ މުދާ ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ނުއަގުގައި ވިއްކާ ހުސްކުރުމަކީ މި ކޯލިޝަންވެސް އަދި ދިވެހި ރައްޔިތުންވެސް އެއްގޮތަކަށްވެސް ބަލައިގަންނާނޭ ކަމެއް ނޫނެވެ،" ބަޔާނުގައި ބުންޏެވެ.
އެ ކަންބޮޑުވުމާ ގުޅޭގޮތުން "މިހާރު" އިން މިއަދު ސުވާލު ކުރުމުން ޑރ. މައުސޫމް ވިދާޅުވީ ރައްޔިތުންނަށާއި ގައުމަށް ފައިދާ ހުރި ޑޮމެސްޓިކް އެއާޕޯޓް ހެދުން ފަދަ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކްރޮސް ސަބްސިޑީ އުސޫލުން ރަށްރަށާއި ފަޅުތައް ދޫކުރުމަށް ހަރުދަނާ ގަވާއިދެއް ހަދާފައިވާ ކަމަށެވެ.
އެ ގަވާއިދުގައި ރަށްތަކާއި ފަޅުތައް ކުއްޔަށް ދޭ އަގުތައް ވެސް ކަނޑައަޅާފައިވާއިރު، އެއްވެސް ތަނެއް ނުއަގުގައި ނުވިއްކާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.
އެކަމަކު ފޮއްތެޔޮ ފަޅު ވިއްކުމާ ގުޅޭގޮތުން މައުސޫމް ސީދާ ޖަވާބެއް ނުދެއްވަ އެވެ.
"ރާއްޖޭގެ ތަންތަނަށް އިންވެސްޓަރުންގެ ޑިމާންޑް ވަރަށް ބޮޑު. ވަރަށް ގިނަ ތަންތަނާބެހޭ ގޮތުން ވަރަށް ގިނަ ފަރާތްތަކާއެކު މަޝްވަރާ ކުރެވޭ. އެހެންވީމާ ވަކި ތަނަކާ ބެހޭގޮތުން ކުރެވެމުންދާ މަޝްވަރާއަކާ ގުޅޭގޮތުން އަޅުގަނޑަށް އަދި ވަކި އެއްޗެއް ނުބުނެވޭ،" ފޮއްތެޔޮ ފަޅު ވިއްކަނީތޯ ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެއާޕޯޓްތައް ހެދުމަށްޓަކައި ކްރޮސްސަބްސިޑީގެ އުސޫލުން ކަންކަން ކުރަން ވަރަށް ގިނަ ފަރާތްތަކާ މިހާރު ވެސް މަޝްވަރާ ކުރެ އެވެ. ބައެއް މަޝްވަރާތައް ވަކި ކޮޅެއްގައި ނުޖެހި ނިމޭއިރު، ވަކި ޕްރޮޖެކްޓަކާ ގުޅޭ ގޮތުން މި ވަގުތު ވަކި އެއްޗެއް ނުދެންނެވޭނެ ކަމަށް މައުސޫމް ވިދާޅުވި އެވެ.
"އެކަމަކު، ނުއަގުގައި އެއްވެސް ފަޅެއް އަޅުގަނޑުމެންނެއް ނުވިއްކާނެ. އަގުތައް ހުންނާނީ އިއުލާން ކޮށްފައި. އެ އަގުތަކަށް ވުރެ ބޮޑު ވިއްޔާ ވާނީ،" އޭނާ ވިދާޅުވި އެވެ.
ކުރިން މި އުސޫލުގެ ދަށުން ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ސަރުކާރުން ދެނީ ފަންޑް ދޭ ޕްރޮޖެކްޓްގެ ޖުމްލަ އަގު އެއްކޮށް ދިނުމުންނެވެ. އެކަމަކު މިހާރު ވަނީ މަޝްރޫއަށް ހަރަދުކުރަން ކަނޑައަޅައިފައިވާ ފައިސާގެ ޖުމްލަ އަދަދުގެ ތެރެއިން މަދުވެގެން އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ދިނުމުން އެ ފަރާތަކަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދެވޭނެ ގޮތަށް އުސޫލު ބަދަލުކޮށްފަ އެވެ.
ކްރޮސް ސަބްސިޑީ އަކީ އިގްތިސާދީ އަދި އިޖުތިމާއީ މަންފާއެއް ލިބޭނެ ފަދަ މަޝްރޫއެއް ހިންގަން އަމިއްލަ ފަރާތަކުން އިންވެސްޓް ކުރުމުން، އޭގެ ބަދަލެއްގެ ގޮތުގައި ސަރުކާރުން ދޫކުރާ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެކެވެ.
ކްރޮސް ސަބްސިޑީގެ އުސޫލުން ޕްރޮޖެކްޓެއް ދޫކުރަން ކަނޑައެޅުމުގެ ބާރު ލިބިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. އެ އުސޫލުން އެ މަޝްރޫއެއް ހިންގަން އިއުލާނު ކުރުމަށް ފަހު، ލިބޭ ޕްރޮޕޯސަލްތައް ބަލައި، މަޝްރޫއު އެވޯޑު ކުރާނެ ފަރާތެއް ކަނޑައަޅާނީ އިކޮނޮމިކް ކައުންސިލުންނެވެ.
އެ އުސޫލުގެ ދަށުން ރާއްޖޭގެ ހަ ރަށެއްގައި އެއާޕޯޓް ހެދުމަށް މިދިޔަ އަހަރުގެ އޯގަސްޓް މަހު ޕްލޭނިން މިނިސްޓްރީން އިއުލާނުކޮށްފައި ވެ އެވެ.
ފޮއްތެޔޮ ފަޅު ވިއްކުމުގައި ކޮރަޕްޝަން ހިންގާ ކަމުގެ ތުހުމަތާ އެކު، އެ މައްސަލަ ބަލައި ދިނުމަށް ޕީޕީއެމުން ވަނީ އޭސީސީ އަށް ވެސް ގޮވާލައިފަ އެވެ.
އަދި ނުއަގުގައި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ހެދޭ އެއްބަސްވުންތައް ބާތިލުކޮށް އެފަދަ ތަންތަން ދޫކޮށްފައިވާ ފަރާތްތަކުގެ އަތުން އެ ތަންތަން ޕީޕީއެމްގެ ވެރިކަމެއްގައި އަތުލާނެ ކަމުގެ އިންޒާރު ވެސް އެ ބަޔާނުގައި ވަނީ ދީފަ އެވެ.