ނައިބު ރައީސްގެ މަގާމުން ޑރ. މުހައްމަދު ޖަމީލް ކުރީ ސަރުކާރުން ވަކިކުރި ގޮތާ ގުޅިގެން އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގައި ފަށައިގެން ކުރިޔަށް ދާތީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ޖަމީލަށް ފާޑު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނައިބު ރައީސްގެ މަގާމުން ޖަމީލް ވަކިކުރީ "މޭޑޭ" މުޒާހަރާގައި އެ ފަރާތްތަކާ ގުޅިގެން ޖަމީލް މަސައްކަތް ކުރެވި ކަމަށް ތުހުމަތުކޮށެވެ. ޖަމީލް ވަކިކޮށް އެ މަގާމަށް އަހުމަދު އަދީބް އައްޔަން ކުރެއްވި އިރު ޖަމީލް ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.
ސުޕްރީމް ކޯޓުން މިހާރު އެ މައްސަލައިގެ ޝަރީއަތްތައް ފަށާފައިވާއިރު މަނީ ލޯންޑަރިންގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ވެސް ޖަމީލް ހިމެނެ އެވެ. އަދި އެމަނިކުފާނު ދިފާއު ކުރައްވާ ވަކާލާތު ކުރަން ފެށި ފަހުން އޭނާއަށް ވަނީ ޕީޕީއެމްގެ އެޑްވައިޒަރުގެ މަގާމް ވެސް ދީފަ އެވެ.
މިއީ ވަކީލަކު އޭނާގެ ކްލައިންޓެއްގެ ވަކީލްކަން ކުރަމުން އަދި އެޑްވައިޒް ކުރާ ޕާޓީ ލީޑާޝިޕަށް އެޑްވައިޒް ދެމުން އަދި އެ މީހުންނާ ދެކޮޅަށް ކޯޓަށް ދާ ދުނިޔޭގެ ފުރަތަމަ މައްސަލަ" ޓޮމް
ޖަމީލަށް އިޝާރަތް ކުރައްވައި، ޕީޕީއެމްގެ ކައުންސިލް ގްރޫޕަށް ޓޮމް ފޮނުވި މެސެޖެއްގައި ވިދާޅުވީ މިއީ ވަކީލަކު އޭނާގެ ކްލައިންޓެއްގެ ވަކީލްކަން ކުރަމުން އަދި އެޑްވައިޒް ކުރާ ޕާޓީ ލީޑާޝިޕަށް އެޑްވައިޒް ދެމުން އަދި އެ މީހުންނާ ދެކޮޅަށް ކޯޓަށް ދާ ދުނިޔޭގެ ފުރަތަމަ މައްސަލަ ކަމަށެވެ.
ޖަމީލާ މެދު ޕީޕީއެމްގެ ލީޑާޝިޕް ތެރޭގައި ހިތްހަމަނުޖެހުން އޮތް ކަމަށް ބުނާ އަޑުތައް މީގެ ކުރިން ދޭތެރެއަކުން ފެންމަތިވެ އެވެ. ނަމަވެސް އެ ޕާޓީން ބުނަނީ އެއީ ކޯލިޝަން ރޫޅާލަން ސަރުކާރުން ފަތުރާ ވާހަކަތައް ކަމަށެވެ.
ނައިބު ރައީސް ކަމުން ވަކިކުރި މައްސަލާގައި ޖަމީލް މިއަދު ސުޕްރީމް ކޯޓުގައި ވިދާޅުވީ ނައިބު ރައީސްކަމުން ވަކި ކުރެވޭނީ ވަކި އުސޫލުތަކެއްގެ ތެރެއިން ކަމަށް ގާނޫނު އަސާސީގައި ބުނާއިރު، އެކަންކަން ފުރިހަމަނުކޮށް މަޖިލީހުން އޭނާ ވަކިކުރި ކުރުން ޖަސްޓިފައި ކުރެވޭނެ ހަމައެއް ނޯންނާނެ ކަމަށެވެ.
"ފުރުސަތު ނިގުޅައިގަނެ، ހައްގަށް އުނިކަން ލިބޭ ގޮތަށް ތަފާތު ކޮށްގެން ވަކިކުރީ. މިކަންކަމުގައި މިކަން ހިނގައި ދިޔައީ އިންސާފުވެރިކޮށް ކަމަށް ބުނެދެވޭނެ ހަމައެއް މިއަދަކު ނެތް،" ޖަމީލް ވިދާޅުވި އެވެ.