ކޮވިޑް-19 ޖެހިގެން މި ވަގުތު އައްޑޫގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަނީ އެންމެ މީހަކަށް ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން މިއަދު ބުނެފި އެވެ.

އެތަނުން އާންމުކުރި އައްޑޫގެ ކޮވިޑްގެ ހާލަތާ ބެހޭ އެންމެ ފަހުގެ ތަފާސްހިސާބުގައިވާ ގޮތުން ހަތަރު މީހަކު ތިބީ އޮބްޒަވޭޝަންގަ އެވެ.

އައްޑޫން ކޮވިޑްގެ ކޭސްތަކެއް މި މަހުގެ 7 ގައި ފެނުނު ފަހުން އެޑްމިޓްކޮށް ފަރުވާދޭން މިހާތަނަށް ޖެހުނީ ފަސް މީހަކަށެވެ.

އެޑްމިޓްކުރި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ބިދޭސީއެކެވެ.

އައްޑޫގައި ކޮވިޑްގެ ދެ ކްލަސްޓާއަކުން ޖުމްލަ ޕޮޒިޓިވްވި އަދަދަކީ މިހާރު 64 އެވެ. އިއްޔެ ފޭދޫން ވަނީ މީހަކު ޕޮޒިޓިވްވެފަ އެވެ.

އައްޑޫގެ ދެ ކްލަސްޓާގެ ތެރެއިން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާ ގުޅުން ހުރި ކްލަސްޓާ އިން ޕޮޒިޓިވްވި އަދަދަކީ 38 އެވެ. އެއީ ހިތަދޫން 20، ފޭދޫން 14 އަދި މަރަދޫފޭދޫން ހަތަރު މީހުންނެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން މިހާތަނަށް މަރަދު އާއި ހުޅުދޫ އަދި މީދޫން އެއްވެސް ދިވެއްސަކު ބައްޔަށް ޕޮޒިޓިވްވެފައެއް ނުވެ އެވެ. އަދި އައްޑޫގެ ދެވަނަ ކްލަސްޓާ ނިސްބަތްވާ ހުޅުމީދޫ އެމްޓީސީސީ ކްލަސްޓާ އިން ޕޮޒިޓިވްވި 26 މީހުންނަކީ ވެސް ބިދޭސީންނެވެ.

އައްޑޫގައި ކޮވިޑް ވެކްސިން ދިން މީހުންގެ އަދަދު މިހާރު ވަނީ 2،900 އަށް އަރައިފަ އެވެ.