އައްޑޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި އެންމެން ވެސް މިހާރު ބަލިން ރަނގަޅުވެފައިވާތީ އެކްޓިވް އެއްވެސް ކޭހެއް މި ވަގުތު ނެތް ކަމަށް އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މިއަދު ބުނެފި އެވެ.
މިދިޔަ މަހުގެ ކުރީކޮޅު އައްޑޫން ކޮވިޑްގެ ކޭސްތަކެއް ފެނި ޖުމްލަ 92 މީހަކު ޕޮޒިޓިވްވި އެވެ. އެކަމަކު މި މަހުގެ 4 އިން ފެށިގެން އާ އެއްވެސް ކޭހެއް ފެނިފައެއް ނުވެ އެވެ. އެހެންވެ ބަލި ކޮންޓްރޯލްކުރެވި ކޮމިއުނިޓީ ސްޕްރެޑެއް ނެތްކަން ޔަގީންވުމާ ގުޅިގެން ހުރިހާ ފިޔަވަޅުތަކެއް ވެސް މިހާރު ވަނީ މި އުވާލައިފަ އެވެ.
އައްޑޫން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުނީ ހަ މީހަކަށެވެ.
އައްޑޫގައި 35 ބިދޭސީއަކަށް ބަލި ޖެހުނެވެ. އެ އެންމެންނަކީ ވެސް ހުޅުމީދޫގައި ހުރި އެމްޓީސީސީ ސައިޓުގެ މުވައްޒަފުންނެވެ.
އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ ދިވެހިން ޕޮޒިޓިވްވީ ހިތަދޫންނެވެ. އައްޑުގެ އެންމެ އާބާދީ ބޮޑު އަވަށުގެ 22 މީހަކަށް ކޮވިޓް ޖެހުނެވެ. ފޭދޫން 17، މީދޫން 14 އަދި މަރަދޫފޭދޫން ހަތަރު މީހަކު ޕޮޒިޓިވްވި އެވެ. ކޮވިޑްގެ އެއްވެސް ކޭހެއް މަރަދު އާއި ހުޅުދޫން ފެނިފައެއް ނުވެ އެވެ.
އައްޑޫގައި ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދު 12،000 އަށް ވުރެ ގިނަ އެވެ. މި ވަގުތު ވެކްސިން ޖެހުން މަޑުޖައްސާލާފައި އޮތަސް މާދަމާ އަލުން ފަށާނެ އެވެ.