އެންމެން ވެސް ތިބީ ކޮވިޑް-19ގެ މި ބަލިމަޑުކަމުން އަރައިގަނެ އާއްމު ހާލަތަށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. ވީހާވެސް އަވަހަކަށް ވެކްސިން ޖަހަން ކަމާ ބެހޭ ފަރާތްތަކުން ގޮވަމުން އަންނަނީ އެ ސަބަބުތަކާ ހެދި އެވެ. އެކަމަށް ހިތްވަރުދޭން މާލޭގެ ރެސްޓޯރެންޓުތަކުން މަސައްކަތް ފަށައިފި އެވެ: ވެކްސިން ކާޑު ދެއްކުމުން ޑިސްކައުންޓް ދިނުމެވެ.

މާލެ ސަރަހައްދުގައި ހަލުއިކަމާ އެކު ފެތުރެމުންދާ ބަލިން ރައްކާތެރިވާން ވެކްސިން ދޭން ފެށީ މި މަހު 1 ގަ އެވެ. އޭގެ ފަހުން މާލޭ ސަރަހައްދުން މިހާތަނަށް 59،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދީފި އެވެ. ރަށްރަށުގައި ހުރި 69 ސެންޓަރުން ވެކްސިން ޖެހި މީހުންގެ އަދަދާ އެކު ރާއްޖޭގައި ރެއާ ހަމައަށް 80،159 މީހުންނަށް، ކޮވިޑްގެ ބޮޑު ދިފާއުއެއް އެ ވަނީ ލިބިފަ އެވެ.

ވެކްސިން ޖަހަން ހިތްވަރުދިނުމުގެ ގޮތުން މާލޭގެ ބައެއް ރެސްޓޯރެންޓްތަކުން ވެކްސިން ކާޑަށް ޑިސްކައުންޓް ދޭ ގޮތަށް ހަމަޖެއްސުމަކީ، އެއް ބައެއްގެ ނަޒަރުގައި، އާ މަސައްކަތެކެވެ.

ސީ ހައުސް އިން ބުނީ ބުރާސްފަތި ދުވަސް ފިޔަވައި ހަފުތާގެ އެހެން ކޮންމެ ދުވަހެއްގައި ވެކްސިން ކާޑު ދެއްކުމުން ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

"ވެކްސިން ޖަހައިގެން ކާޑު ހިފައިގެން އައިމަ 15 ޕަސެންޓް ޑިސްކައުންޓް ލިބޭނެ،" ޓްވީޓާގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ސީ ހައުސް އިން ބުންޏެވެ.

ޕިއްޒާ ހެދުމުގައި މާލޭގައި އެންމެ މަޝްހޫރު އެއް ތަން ކަމަށް ވާ ޕިއްޒާ ބޯނާއިން ވެސް ވެކްސިން ކާޑަށް ޑިސްކައުންޓް ދޭން ވަނީ ފަށައިފަ އެވެ. އެގޮތުން ކާޑު ހިފައިގެން ދިޔުމުން ޓޭކްއަވޭ ޕިއްޒާއިން 10 ޕަސެންޓް ޑިސްކައުންޓް ލިބެ އެވެ.

ޕިއްޒާ ބޭ އިން ދެނީ ހިލޭ ޕިއްޒާއެކެވެ. އެ ޕިއްޒާ ހިމެނޭނީ ވެކްސިން ޖެހުމަށް ފަހު އެ ތަނަށް ކުރާ އޯޑަރެއްގަ އެވެ.

ރޭ ސޯލްޓް ރެސްޓޯރެންޓް އާންމުންގެ މެދުގައި "ގޯސްވީ" އެޗުޕީއޭގެ ގައިޑްލައިނާ ހިލާފަށް ކައިވެނި ޕާޓީއެއް ބޭއްވި ހަބަރުންނެވެ. އެކަމަކު އެ ރެސްޓޯރެންޓް ވެސް އަންނަނީ ވެކްސިން ލިބިގަތުމަށް އާންމުންނަށް ހިތްވަރުދެމުންނެވެ. އެގޮތުން ވެކްސިން ކާޑު ދެއްކުމުން ޓޭކްއަވޭ އާއި ޑެލިވަރީގެ އޯޑަރުތަކުން 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް، ސޯލްޓް ރެސްޓޯރެންޓުން ބުންޏެވެ.

ކޮވިޑުން ސަލާމަތްވެވެން އޮތީ އެންމެން ގުޅިގެން ކުރާ މަސައްކަތަކުންނެވެ. އެއީ ވަކި މީހަކަށް، ވަކި ގްރޫޕަކަށް ހާއްސަ ޒިންމާއެއް ނޫނެވެ. ވެކްސިން އުފެއްދުމާ އެކު ދުނިޔޭގެ އެކި ގައުމުތަކުން އެ ގައުމުތަކުގެ ރައްޔިތުންނަށް ހިތްވަރުދެނީ އަވަހަށް އެ ރައްކާތެރިކަން ހޯދާށެވެ. އެކަމަށް އެހީތެރިވާން ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް އެކި ވިޔަފާރިތަކުން އަންނަނީ ބައިވެރިވަމުންނެވެ. އެގޮތުން ވެކްސިން ޖެހުމުން ޑިސްކައުންޓާއި ތަފާތު ހަދިޔާ ދިނުމުގެ އިންތިޒާމްތައް އެހެން ބައެއް ގައުމުތަކުން ވެސް މިދުވަސްވަރު އަންނަނީ ފެންނަމުންނެވެ.